މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އިންޓަމިލާން ކަޓުވާލުމަށް ފަހު މާސޭލް އިން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ. ބެޔާން މިއުނިކް ކުއާޓާ އަށް ދަތުރު ކުރީ ފަސޭހަކަމާ އެކު އެފްސީ ބާސެލް ބަލިކުރުމަށް ފަހުގަ އެވެ.

މިސީޒަނުގައި ގިނަ ނާކާމިޔާބީތަކެއް ލިބެމުންދާ އިންޓަމިލާނަށް ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔައީ 2-2 ލަނޑުގެ އެގްރިގޭޓުން އެއްވަރުވެ، މާސޭލް އިން އިންޓަގެ އަމިއްލަ ދަނޑުގައި ކާމިޔާބު ކުރި ލަނޑުގެ ސަބަބުންނެވެ.

އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ 75 ވަނަ މިނެޓުގައި ޑިއޭގޯ މިލިޓޯ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް، މެޗުގެ 90 މިނެޓު ހަމަވެ އިތުރު ވަގުތުގައި ބްރަންޑާއޯ ވަނީ މާސޭލް އަށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިތުރު ވަގުތުގައި އިންޓަ އަށް ލިބުނު ޕެނަލްޓީ އިން ޖިއަމްޕައޮލޯ ޕަޒިނީ އަލުން ލީޑު ނަގައިދިން ނަމަވެސް މެޗު ނިމުނީ އެޓީމަށް މާޔޫސްކަން ލިބިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބާސެލް އަތުން ބެޔާން މިއުނިކަށް ލިބުނު ނާކާމިޔާބީގެ ބަދަލު ހިފައި ތަފާތު ބޮޑު ނަތީޖާއަކުން ދެ ވަނަ ލެގުން މޮޅުވެ ބެޔާން އިން ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

މެޗުގެ ދިހަ ވަނަ މިނެޓުގައި އާރިއަން ރޮބެން ބެޔާން އަށް ލީޑު ނަގައިދިން އިރު، މެޗުގެ 41 ވަނަ މިނެޓުހައި ތޯމަސް މުލާ ވަނީ އެލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު އެއް މިނެޓް ކުރިން ބެޔާންގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މާރިއޯ ގޮމޭސް އެވެ.

މެޗުގެ 50، 61 އަދި 67 ވަނަ މިނެޓުގައި ގޮމޭޒް ވަނީ އިތުރު ތިން ލަނޑު ބެޔާން އަށް ކާމިޔާބު ކޮށްދީ ހެޓްރިކެއް ފުރިހަމަ ކޮށްދީފަ އެވެ. މެޗުގައި ބެޔާން އިން ކާމިޔާބުކުރި ހަތްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ރޮބެން އެވެ. މިމެޗު ނިމިގެންދިޔައީ 7-0 ލަނޑުން ބެޔާން ކުރީގައި އޮވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ދެމެޗު މިރޭ ކުރިއަށް ދާނެ އެވެ. މިރޭ 12:45 ގައި ކުޅޭ މިދެމެޗުގެ ތެރެއިން އެއް މެޗުގައި ޗެލްސީ އާއި ނަޕޯލީ ބައްދަލު ކުރާއިރު، އަނެއް މެޗުގައި ބައްދަލުކުރާނީ ރެއާލް މެޑްރިޑާއި ސީއެސްކޭއޭ މޮސްކޯ އެވެ.