އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން 'ޒަކާތު ނަފާ' ގެ ނަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އަމާޒުކޮށް ހިންގާ އެ ޕްރޮގްރާމަކީ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ވަކި އަދަދެއްގެ ބަޔަކަށް ރާއްޖޭގެ ޒަކާތު ފަންޑުން އެހީތެރިވުމަށް ތައާރަފްކުރެވޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ކުރިއަށްދާނީ އެފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގެއްފަހިކޮށްދީ ފުދުންތެރި މުޖުތަަމައުއެއް ބިނާކުރުމުގެ މަޤްޞަދުގައެވެ.

އެ ޕްރޮގްރާމްގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މީހުނަށް މާލީއެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާ، އިޤްތިޞާދީ ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުވަން އެ ޕްރޮގްރާމްގައި މަސައްކަތްކުރާނެއެވެ.

ފަސް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި ގައުމީ ތަރައްގީއަށާއި މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށް އެ ޕްރޮގްރާމްގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން އެ ޕްރޮގްރާމްގައި ގެދޮރުން އާމްދަނީ, ޕޯލްޓްރީ ފާމިން, ހައިޑްރޯފޯނިކްސް ދަނޑުވެރިކަން, ފަރުމަސްވެރިކަން, ފެހުން, ތަމްރީން، "އޮން ދަ ޖޮބް" ޓްރައިނިން އަދި އެޕްރެންޓިސްޝިޕް ފުރުސަތުތައް ހޯދައިދިނުން ހިމެނެއެވެ.