28 Feb 2022, 18:28
މިއަދުގެ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދީ ހުޅުމާލޭގައި އިއްޔެ ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި އަނިޔާވި މާލޭ ސިޓީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އާމިނަތު އީމާންގެ މަރުގެ ޚަބަރެވެ.
ބައެއް މީޑީއާތަކުން އެ ވާހަކަ ގެނެސްދިނީ މާލޭ ސިޓީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި އެ ކައުންސިލުން ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
އެހެން ނަމަވެސް އޭރު ވެސް އޭޑީކޭ ހޮސްޕިޓަލުން ބުނީ ޑޮކްޓަރުން އޭނާ މަރުވި ކަމަށް ބުނެފައިނުވާ ކަމަށެވެ.
ސަލާމަތްވާނެކަމުގެ އުންމީދެއް ނެތުމުން ޑޮކްޓަރުން ނިންމީ އީމާން ވެންޓިލޭޓަރުން ނަގާށެވެ. އެހެންނަމަވެސް، ވެންޓިލޭޓަރުގައި އޮތްއިރު ވެސް އޭނާގެ ވިންދުޖަހައެވެ. އެގޮތަށް ނިންމިޔަސް އަދި ވެންޓިލޭޓަރުން ނަގާފައެއް ނުވެއެވެ.
ވެންޓިލޭޓަރުން ނަގަން އުޅެފައި، ފަހު ވަގުތު ޑޮކްޓަރުންނަށް އީމާން ސަލާމަތްވާނެކަމުގެ އުންމީދު މިހާރު ވަނީ ލިބިފައެވެ. އެކަން މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކު "ސަން"އަށް ޔަގީންކޮށްދެއެވެ.
"ޑޮކްޓަރުން ބުނަނީ އުންމީދު ކަނޑާނުލާ ކަމަށް. ވެންޓިލޭޓަރުގައި އަދިވެސް އޮތީ. ހުރިހާ މީހުން ވެސް ގިނައިން ދުޢާ ކުރައްވާ،" އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އުމުރުން 29 އަހަރުގެ އީމާން ވެއްޓުނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 16:25 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ.
އީމާން ހޭ ނާރައިގެން އޭނާ ވެންޓިލޭޓަރަށް ލީ ރޭގައެވެ.
އެ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އެއްވެސް މީހަކު ނެތެވެ. އީމާން ހޮސްޕިޓަލަށް ގެންދެވުނީ އޭގެ ވިއްސަކަށް މިނިޓް ފަހުން އެ ސަރަހައްދުން ދިޔަ މީހަކަށް ފެނިގެންނެވެ.
މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ ކުލަމަޑުކަމުން އީމާން ދިޔަ މަގުގައި ބަމްޕަރެއް އޮތްކަން އޭނާއަށް ނޭގުނީ ކަމަށެވެ. އެހެންވެ ބަމްޕަރުމަތިން ބާރު ސްޕީޑުގައި ދުއްވުމުން ވެއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވެފަ އޮތް ގޮތަކީ އެ ބަމްޕަރުގެ ކުލަ ތަންކޮޅެއް މަޑުވީމަ އޭނަ ހީކުރީ ބަމްޕަރެއް ނެތް ކަމަށް. އެހެންވެ އޭނައަށް ދެވުނީ ބަމްޕަރު މަތިން ބާރަށް. ވެއްޓިގެން ވިއްސައިގެން ގޮސް އީމާން އޮތީ ބަމްޕަރު މައްޗަށް ޖެހިފަ،" އަންހެނުންގެ ކޮމިޓީގެ މެމްބަރު ވިދާޅުވިއެވެ
ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އީމާން އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރީ ރޭގައެވެ.
ފަރުވާދޭން ފެށިފަހުން ކޮންމެވެސް ވަރަކަށް ނޭވާލާ ކަމަށާއި ނަމަވެސް އަދިވެސް ހޭނާރާ ކަމަށް އަންހެނުންގެ ކޮމިޓީގެ މެމްބަރު ކިޔައިިދިނެވެ.
"ބޮލުގެ އެއްފަޅީގެ ނާށިގަނޑު ފަޅައިގެންގޮސް، އިންޓާނަލީ ބްލީޑް ވަނީ. އީމާންގެ ވިންދުހުރީ ހަމައެކަނި. އޭނަގެ އެއްވެސް ހަރަކާތެއް ނެތް،" އޭނާ ކިޔައިދިނެވެ.
އީމާން ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭރުވެސް އެ ސަރަހައްދަށް ލޭ އޮހޮރިފައި އޮތެވެ.
ނޯޓް: އީމާން މަރުވިކަމަށް މި ނޫހުގައި ކުރިން ރިޕޯޓް ކުރެވިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި އީމާން މަރުވި ކަމަށް އެ ކައުންސިލުން މައުލޫމާތު ހިއްސާ ކުރުމުންނެވެ. އެހެންނަމަވެސް، ފަހުން އެއީ ސައްހަ މައުލޫމާތެއް ނޫންކަން އެނގުމުން އެ ޚަބަރު ވާނީ މި ނޫހުން ނެގިފައެވެ. މި ކަމަށް ޓަކައި އެންމެހާ ކިޔުންތެރިންނާއި އީމާންގެ އާއިލާގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.