28 Feb 2022, 15:32
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަޙުމަދު ޝަރީފް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނު ކުރުމަށާއި ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުގެ އެމްޑީންގެ މަގާމަށް ބަދަލު ގެނައުމަށް ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހަޅައިފިއެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވަނީ އެ ބަދަލުތައް ގެނައުމަށް ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވީ ހަސަން މުޣުނީއެވެ. އޭނާ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އެނާޖީ އޮތޯރިޓީގެ އިސް މަގާމަކަށެވެ.
މީގެ އިތުރުން، ވެމްކޯގެ އެމްޑީ އާދަމް މުޙައްމަދު ޕޯސްޓަށް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަޙުމަދު ޝަފީގް ދެން އަދާކުރައްވާނެ މަގާމެއް އެނގިފައެއް ނުވެއެވެ.
މިދިޔަ އަހަރު ޝަރީފް، އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވުމާއެކު، އޭނާ ސިޔާސީ މަގާމަކަށް އައްޔަނުކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މީގެ ކުރިން އޭނާ ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.
މިދިޔަ ރިޔާސީ އިންތިޚާބަށް ފަހު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ޝަރީފް ވަނީ އިލެކްޝަންސް އިން އިސްތިއުފާދެއްވުމަށް ފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.