28 Feb 2022, 16:31
ޔޫކްރޭނުގެ ވެރިރަށް ކިއެވްގައި ތިބި އާންމުން އެ ސިޓީ ދޫކޮށް ދިއުމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން އެދިއްޖެއެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، ކިއެވް ދޫކޮށް ދިއުމަށް އެދޭ ކަމަށެވެ. އަދި ވަކި ޚާއްސަ މަގަކުން ދަތުރުކުރުމުން އެންމެންގެ ރައްކާތެރިކަން ޔަގީންކޮށްދެވޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ރަޝިއާއިން ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި ޔޫކްރޭނުގެ މިލިޓަރީ އަމާޒުތަކަށް ކަމަށެވެ. އަދި އާންމުންނަށް ގެއްލުން ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން އެ އިންޒާރު ދިނުމުން، އެއީ އެގައުމުން ކިއެވްއަށް ހަމަލާ ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދިނުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ރަޝިއާއިން ޔޫކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގައި ޔޫކްރޭނުގެ 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މި ދެ ގައުމުގެ މައްސަލަ ފިނިކުރުމަށް ބެލަރުސް މެދުވެރިއަކަށްވެގެން ޔޫކްރޭން-ބެލަރުސް ބޯޑަރު ސަރަހައްދުގައި މަޝްވަރާކުރުންތައް ވަނީ ފަށާފައެވެ.
ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފައިވާއިރު، ޔޫކްރޭންގެ އިންފްްރާސްޓްރަކްޗާއަށް ރަޝިއާއިން ދަނީ ގެއްލުންދެމުންނެވެ.
ހުޅަނގުގެ ގައުމުތަކުން ދަނީ ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޔޫކްރޭން އަމިއްލައަށް ދިފާއުވުމަށް މަސައްކަތްކުރުމަށް މާލީ އެހީތެރިކަންވެސް އެގައުމުތަކުން ދަނީ ފޯރުކޮށްދެމުންނެވެ.