ހޭލައިގަތް އިރު ވެރިކަމުގައި ހުންނެވީ ނާޞިރެވެ. އުޅުއްވީ ހަމަ އަބަދުހެންމެ ތެޅިފޮޅުއްވުމުގައެވެ. އެކި އިރު އެކިކަހަލަ ދުއްޕާންތަކުގައެވެ. އޭރު އަހަރެމެންތެރޭގައި ދިވެހިރާއްޖެ ފިއަވައި އެހެން ގައުމެއް ހަމަލޮލުންދެކެފައިވާމީހުން ވަރަށްނޫޅެއެވެ. ކާޅުގުއިބަންގާޅަށް ދެއޭ ބުނާ އުސޫލުން ބައެއް މީހުންނަށް އޮޅުދޫކަރައަށް ދެވެއެވެ. އެއީވެސް ބަނދަރުގައިއޮންނަ އޮޑީގައި ތިބެގެން ދުރުންބަލައިލެވޭ ފަދަ ގޮތަކަށެވެ. ދާދި މަދު އަދަދެއްގެ ޒުވާނުން ކިޔަވަން ގޮސް ކިއެވިއެވެ. ޚުދު ނާޞިރަކީ ވެސް އޭގެ ބޭފުޅެކެވެ. އޭގެފަހުން ދާދި އަވަހަށް ފެނިގެންދިޔައީ ވެރިކަންކުރާ ގޮތް ކަމުނުގޮސްގެން ޗުކުޗުކުލަވަން ފެށިތަނެވެ. ރޭވުން ތައް ރާވައި ވެރިކަން ވައްޓާލަން މަސައްކަތްތައް ކުރެވުނު ތަނެވެ. އެއަށްފަހު ވީގޮތެއްވެގެން އެއްމެފަހުން ނާޞިރު ވެރިކަން ދޫކޮށްލެއްވުމަށްފަހު ރާއްޖެވެސް ދޫކުރައްވާ ވަޑައިގަތީއެވެ. ވެރިކަން ނުކުރެއްވިގެން ނުހުންނެވިގެންނެވެ. ނޫނީ އެހެން ރޭވުމެއްގެ ދަށުން ކުރިމަގަށް ރޭއްވެވި " މޮޅު" ރޭވުމެއްގެ ތެރޭގައެވެ.

ކޮންމެ ސަބަބަކާހުރެ ކަމުގައިވިޔަސް ނާޞިރަކީ ވެސް ދިވެހި ވެރިކަމުގައި ދެމިހުންނެވުން ދަތިފުޅުވެގެން ވެރިކަމާދުރަށް ވަޑައިގަތް ބޭފުޅެކޭ ކިޔޭނެއެވެ. ވެރިކަމަށް ވަޑައިގަތުމުގައި ހަރަކާތްތެރިވެ ވަޑައިގަތް ތަފާތު އެތައް ހަރަކާތްތަކެއްގައި ކުރީސަފަށް އެހެންބަޔަކު ނެރުއްވައި އެމީހުންލައްވައި ނާޞިރުގެ ރޭއްވެވުމުގެ މަތީން ވެރިކަމަށްވަޑައިގަތުމުގެ މަގު ކޮށްޓަވައި އަލިކުރެއްވި ވާހަކައަކީ ރާއްޖޭގެ ނިސްބަތުގައި ފާހަގަކޮށްލެވޭ ވަރުގެ ރޭވުންތެރި "އެގޮތަށް ވަރަށް" ކާމިޔާބުކަމުގައި ނުސީދާކޮށް ލިއެވިފައިވާ ތާރީޚެވެ.

ދެން މައުމޫނެވެ. ބޮޑަށްގަބޫލުކުރެވޭ ގޮތުގައި ވެރިކަން ހޯއްދަވަން މާކަ ބުރަ ކަންތައްތަކެއް ކުރައްވާކަށް ނުޖެހެއެވެ. ކިޔަވާވިދާޅުވުމުގައި ވެއަތުކުރެއްވި ދުވަސްވަރު އެޚިޔާލުފުޅުގެންގުޅުއްވި ކަމުގައި ބައެއްމީހުން ބުނެދިނެވެ. ކޮންމެއަކަސް ވެރިކަމުގައި ހޭދަކުރެއްވި ފުރަތަމަ ދެތިން ދައުރަކީ ރާއްޖޭގެ ފަހުގެ ތާރީޚު ގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރެވިގެން ދިޔަ ދުވަސްތަކެކެވެ. އަދި އެދުވަސްތަކުގެ ވާހަކަ، ފަހުގެ ދިވެހިން (ތާރީޚު ދިރާސާ ކުރުމުގައި) އުފަލާއިއެކު ދައްކާނެކަން ޔަގީނޭވެސް ބުނެވޭވަރު ވެއެވެ. އެހިސާބުން ދެން ފެންނަން ފެށީ އިދިކޮޅުހެދުންތައް އުފަންވަމުން ގިނަވަމުން އައިތަނެވެ. ވެރިކަމުގައި އެއްގޯސްވުމުން ނުވަތަ އެހެން "ގާތް" މީހުންގެ ބައިވެރިވުން ހިމެނުމުން ނުނިކުމެނުދާ ނަތީޖާ ދިޔައީ ފެނިގެނެވެ. ކިޔަވައިގެން ހޭލުންތެރިވެގެން ދުނިޔޭގެ އޮޔާއިވައިގައި ޖެހި ބެހި ތަޖުރިބާލިބިގެން އައި އެތަކެއް ދިވެހިންނަށް އެހިސާބުން މައުމޫނުގެ ވެރިކަމުގައި ގަބޫލުނުކުރެވޭ ކަންތައްތައް ގިނަވެގުނަވާން ފެށީއެވެ.


ނަތީޖާއަކަށްވީ ވެރިކަމަކަށް އެއްމެ އެކަށޭ ތަޖުރިބާ ލިބިވަޑައިގެން ހުންނަވައިމެ ދިވެހި ވެރިކަމަށް އެހިސާބުން ކުފޫހަމަނުވެ ވެރިކަމާދުރަށް ވަޑައިގަންނަވަން މަޖުބޫރު ވުމެވެ. ވާދަ ކުރައްވައިގެން ނާކާމިޔާބު ލިބިވަޑައިގަތީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބަކަށް އޮތީ އެނގިވަޑައިނުގަތުމެވެ. ރޭއްވެވުމުގެ ދެރަކަމެވެ. އޭރުގެ ރާއްޖޭގައި ވެރިކަމަށް އެކަށީގެން ނުވުމެވެ. ނޫންނަމަ ވެރިކަމުގައި އެއްގޯސްވެ ވަޑައިގަތުމުގެ ސަބަބުން ބާރުތައް އެކި މީސްމީހުންނާއި ހަވާލުކުރައްވައި އެމީހުން ކުރާނެ ގޮތަކަށް ކަންކަން ކުރަމުން ގެންދިއުމަށް ފުރުސަތު ދެއްވައިގެން "މޮހޮނު" ގެ މަގާމުގައި ހުންނެވޭގޮތް ވުމެވެ. ކޮންމެއަކަސް ވީގޮތެއްވެ އެވެރިކަމަށް ވެސް ނިމުން އައީއެވެ.

މިހިސާބުން ނަޝީދުގެ ސަފުހާތަކަށް ފެށުނީއެވެ. ޒުވާން ޖޯޝާއި ކެރުމާއި ހިތްވަރުގެ ނަމޫނާއެއް ކަމުގައި ވަރަށް ގިނަ ބަޔަކު ގަބޫލުކުރި ނަޝީދު ވެރިކަމަށް ވަޑައިގަތީ ރާއްޖެއަށް ބޮޑުބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅާއި ރޭއްވެވުންތަކަކާއި އެކުގައި ކަން އިސާހިތަކު ސާބިތުވެގެން އައެވެ. އެއްމެ ފުރަތަމަ ދުވަސް ތަކުގައިވެސް ބައެއް ފަރާތްތަކުން އެމަނިކުފާނުގެ ތަފާތު ސިޔާސަތަކީ ރާއްޖެއަށް ފެއްތިދާނެ ފަދަ އެކަށީގެންވާ ރޭވުންތަކެއްތޯ ސުވާލުތައް ކުރަންފެށިއެވެ. ޕާޓީތައް އުފެދިފައިވުމާއި އެކު ނަޝީދުގެ ޕާޓީގެ އިސްބައެއް ފަރާތް ތަކުގެ އަމަލުތަކާއި ބުނެ އިއްވުންތަކަކީ އާއްމުންގެ ސިކުނޑިތަކަށް ރުހެވި އެއްބަސްވެވޭނެ ކަންކަން ބާވައޭ އެތައްބަޔަކު ޝައްކުކުރަމުން ދިޔައެވެ.

ދެން ފެނިގެންއައީ އައު ވިސްނުންތަކެވެ. ކުއްލި ބަދަލުތަކެވެ. ދިވެހި ސިކުނޑިތަކަށް ގަދަކަމުން ވައްދާދޭން ޖެހޭފަދަ ފޮނިރޭވުންތަކެވެ. ނަތީޖާއަކަށްވީ ނޭނގުނުބަޔަކަށް ނޭނގިގެން އެކަންކަމާ ތުންފިއްތަން ފެށި ފެށުމެވެ. އަނެއްބަޔަކަށް އެނގިތިބެގެން ނޭނގުނު މީހުންނާއި އެކު ނާޖާއިޒު ފައިދާ ނަގަން އުޅުނީކަމަށް ވެސް ވެދާނެ އެވެ. ކޮންމެއަކަސް އެތަކެއް ރައްޔިތުން ނުރުހުމުގެ ޗުކުޗުކު ލަވަންފެށީއެވެ. އުއްމީދު ނަގާލާ ނުބައިން ނުބައަށް ދަނީ ކަމުގައި ގަބޫލުކުރަންފެށީ އެހިސާބުންނެވެ. އަނެއްބަޔަކު އެނގިގެން ފެނިގެން ނުވަތަ އިތުބާރު ކޮށްފައި އެއްބައިވެ ފާޅުގައި އަތްތައްނަގައިގެން ކޮޅަށް ތެދުވެ ނަޝީދުގެ ހިމާޔަތުގައި އަޑުތައް އުފުލަންފެށީއެވެ. އެފަދަ ވަގުތެއްގައި ސަރުކާރަކުން ކުރަން އެކަށީގެންނުވާ ކަންތައްތަކެއް ނަޝީދު ކުރައްވަމުން ގެންދެވީއެވެ. އެގޮތަށް ކަންކަން ކުރެއްވީ އަމިއްލަފުޅު ރޭއްވެވުމަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ކަމަށް ވެދާނެއެވެ. އެކަމަކު ދެންމިވީ ގޮތަކީ ބައިބައިވެގެންދިޔައިރު ނަޝީދުގެ ފަރާތުގައި ތިބި މަދުބަޔަކު މާބޮޑު ޔަގީންކަމެއްގައި އެހެން އެއްމެންނާއި ކަނޑައެޅިގެން ދެކޮޅުހެދުމެވެ. އެއެއްމެންހެން ރުޅިއަރުވައި "ދަށް" ކޮށްލީއެވެ. ސިޔާސީ ވިސްނުމަކުން ބަލާއިރު މިފިޔަވަޅަކީ ރައްކާތެރި ފިޔަވަޅެއްނޫނެވެ. ކުއްލިއަކަށް މުޅި ނިޒާމު ހަލުވާލައި ތާސްބައެއް ކަނޑާލާހެން ކަނޑާލުމަކީ ނުރައްކާތެރިކަމުގެ އިންތިހާއަށް ހިނގައިދާކަމެއްކަން ނަޝީދަކަށް ވިސްނިވަޑައެއް ނުގަތެވެ. ނޫންނަނަމަ ވިސްނާވަޑައެއް ނުގަތެވެ. އިދިކޮޅު މީހުން ފުރުސަތު ހޯދާނެ ޖާގަ ލިބުނީ އެހިސާބުންނެވެ. ދާދިފަސޭހައިން އެމީހުންގެ ކޮޅަށް ކާމިޔާބު ލިބި ވެރިކަން ބަދަލުވެގެން ދިޔައީ އެވެ.

އޭގެ ފަހުން ވަޙީދު ވަޑައިގަތީއެވެ. ސިޔާސީ ބައިބައިވުންތައް އޭގެ އެއްމެ ނުރައްކާތެރި ހިސާބުގައި ކެކިކެކި ތިއްބައެވެ. ރައީސް ކަމާއި ހަވާލުވެ ވަޑައިގަތުމާއި އެކު ގިނައަދަދެއްގެ ބަޔަކު ފާޅުގައި އިދިކޮޅުހަދައި ދެކޮޅުވެރިވިއެވެ. ވަޙީދު ދުރަށްވަޑައިގަންނަވާށޭ އަޑުގައި ނެތްތަނަށް ގޮވައި "ބަސްނޭހުމުގެ ހަރަކާތް" ތައް ފޯރިއާއިއެކު އެގެންދަނީ ކުރަމުންނެވެ. އެކިވަކި ޒިންމާދާރު ބައިބައިގަނޑު ވަރަށް ކެރިގެން ފާޅުގައި ވަޙީދު ވައްޓާލަން ނުވަތަ ސަރުކާރާއި އިދިކޮޅު ހެދުމުގެ ހުރިހާ ކަމެއް ހުނަރުވެރިކަމާއި އެކު އެތިބަ ކުރަމުން ގެންދަނީ އެވެ. ނިމުމަކަށްވާނީ މިގޮތަށް މައިތިރި ނުކުރެވި އޮބިނޯވެގެން ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައި ގަތުމެވެ. ދިމާލަށް ފާޅުގައި "ވައްޓާލާނަމޭ، ފަހާލާނަމޭ، އަދި ގާނޫނަކަށް ނުފެތެއޭ" ގޮވަމުން މުޅި މާލޭގައި ދެކޮޅުވެރިކަން ފާޅުކޮށް ރާއްޖޭގެ އެހެން ކަންކޮޅުތަކަށް ވެސް އެ ޖޯޝާއި އެފޯރި ބަހައި ގަދަކުރުވަމުން އެތިބަ ދަނީއެވެ. ވަޙީދު ރައީސް ކަމުގައި ހަމަ ހުންނެވީއެވެ. މާކަ ފަރުވާލެއް ބަހައްޓަވައެކޭ ބުނެވޭނެ އަމަލުފުޅުތަކެއް ނުފެނެ އެވެ. ބައިބޮޑުވެ ހަރަކާތްތައް ފުޅާވަމުން ހޫނުގަދަވެ ކެކެން ވެސް މިހާރު ފަށައިފި ކަހަލައެވެ. ވަޙީދު އަދި ހަމަ ހަމަޖެހިވަޑައިގެން ރަސްމީ ވެވަޑައިގެން އުޅުއްވަނީއެވެ. ވިދާޅުވާކަމުގައި މިވަނީ އެ އްމެންވެސް ގާނޫނަށް ހުރުމަތްތެރިކޮށްހިތައި ގައުމަށް ހެޔޮއެދިގެން އަމަން އަމާންކަން ގެނެސްގަންނަންވީ ކަމުގައެވެ.

މަޖިލީހުގެ ދައުރު ނުފެށިފައެވެ. ދެކޮޅުވެރިކަމުގެ އަލިފާނުގައި އެތައް މިލިއަން އަނދައިހުލި ވެއްޖެއެވެ. ކެބިނެޓު ގެ އެއްވެސް ބުޑެއް ހަރުލާނެ ކަމުގެ އުއްމީދު ކުރެވޭކަށް ނެތެވެ. އާއްމުންގެ މެދުގައި ސައުވީސް ގަޑިއިރު ސިޔާސީ ހަނގުރާމަ އެވެ. ޒުވާބު ކުރުމެވެ. އަތްތައް އިސްވަމުން އަންނަ އައުމެވެ. ކޮންމެއަކަސް މިއީ މިއަދުގެ ހަގީގަތެވެ. ރާއްޖޭގެ ވެރިކަމުގެ ކުރުކުރު، ވަރަށް ކުރު ތަފުސީލެކެވެ. ސުވާލު އުފެދެނީ މިސަބަބުތަކާހުރެއެވެ. އެއްބަހަކުން މޮށެ އެއްދީނެކޭ ކިޔައި އެއްދަރިކޮޅަކަށް އެއްމެންހެން ނިސްބަތްވާ މި ދިވެހި ގައުމު، އެއްބައިވަންތަ ކުރުވައި އެއްބައެއްކަން ސާބިތުކޮށްދޭނެ ވެރިއަކު އެނގެންއޮތް ފަސްމަގާއި، ފެނި ތަޖުރިބާ ކުރެވެމުން މިދާ މިދުވަސްވަރުގައި އަދި ފެނިފައި ނެތީތީ އެވެ. ކައިރި ކުރިމަގެއްގައި ފެނިދާނެކަމުގެ އަސަރެއް ވެސް (ކަންވަމުން ދާގޮތުން) އެބަ ފެނެއޭ ބުނެވޭކަށް ހަމަނެތެވެ. ހާދަހާ ދެރައެވެ.