28 Feb 2022, 15:40
ޔޫކްރޭނާއި ރަޝިއާ އެއް މޭޒަކަށް ގެނައުމަށް ވަޓިކަން ސިޓީވެސް ތައްޔާރުކަމަށް އެ ސިޓީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކާޑިނަލް ޕިއެޓްރޯ ޕެރޮލިން ވިދާޅުވެއްޖެއެވެ.
ނަސާރާއިންގެ އެންމެ އިސް ލީޑަރުންގެ ތެރެއިން ކާޑިނަލް ޕިއެޓްރޯ އަކީ ޕޯޕްއަށް ފަހު އެންމެ ބާރުގަދަ އެއް ޝަޚުސިއްޔަތެވެ.
އިޓަލީގެ ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ކާޑިނަލް ޕިއެޓްރޯ ވިދާޅުވީ، ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވިނަމަވެސް މަޝްވަރާކުރުންތަކަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށެވެ.
ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ހޫނުވެ، ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުންތައް ވަނީ އިތުރުވެފައެވެ.
ނަމަވެސް ބެލަރުސް އިން މެދުވެރިއެއްގެ ދައުރުކުޅެ، ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރުންތައް ބޭއްވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ރަޝިއާގެ ރައީސް ޕޫޓިން ވަނީ އެ ގައުމުގެ ނިއުކްލިއާ ފައުޖުވެސް ހައި އެލާޓަށް ގެންނަވާފައެވެ. ނިއުކްލިއާ ހަނގުރާމައެއްގެ ބިރު ހީވެފައި އޮތް ދަނޑިވަޅެއްގައި މައްސަލައަށް އަވަސް ހައްލެއް ގެނައުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.