28 Feb 2022, 14:45
ކިޔޭވް (28 ޖަނަވަރީ 2022): ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން ރަޝިއާއާ މަޝްވަރާކުރުމަށްޓަކައި ޔުކްރޭންގެ ޚާއްސަ ވަފްދެއް ބެލަރޫސަށް ފޮނުވުމުގެ މަގުމަތީގައިވާ ކަމަށް ޔުކްރޭނުން ބުނެފިއެވެ.
ޔުކްރޭންގެ ޚާރިޖީ ވަޒީރު ދިމިޓްރޯ ކުލެބާ ވިދާޅުވީ ސުލްހައިގެ ވާހަކަތަކުގައި ޔުކްރޭނުން އިސްކަންދޭނީ ހަނގުރާމަ ހުއްޓާލައި ރަޝިއާ ސިފައިން ޔުކްރޭނުން ފޭބުމާބެހޭގޮތުން ވާހަކަދެއްކުމަށް ކަމަށެވެ. ނަމަވެސް ރަޝިއާ ބޭނުންވާ ސަލާމަތީ ގެރެންޓީއާ ބެހޭގޮތުން ވެސް ވާހަކަދެއްކިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލިންސްކީ ވަނީ ރަޝިއާ ބޭނުންވާގޮތަށް، ޔުކްރޭނަކީ ވަކި ކޮޅަކަށް ނުޖެހޭ އަދި ހަތިޔާރު ނެތް ގައުމަކަށް ހެދުމަށް ތައްޔާރަށް ހުންނެވިކަމަށާ އެކަމާބެހޭގޮތުން ރަޝިއާއާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވިކަމަށް މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައެވެ.
ނަމަވެސް ފަހުން ޒިލިންސްކީގެ ޚިޔާލު ވަނީ ބަދަލުވެފައެވެ. ރަޝިއާގެ ރިޔާސީ ތަރުޖަމާނު ޑިމިތްރީ ބިސްކޯވް ވިދާޅުވިގޮތުގައި ޒިލިންސްކީ އެހެން ވިދާޅުވުމަށްފަހު، ސުލްހައިގެ ވާހަކަތައް ފެށުން ދެދުވަހަކަށް މަޑުޖައްސާލުމަށް ފަހުން އެންގެވިއެވެ. މިގޮތަށް އެންގީ ޒިލިންސްކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހުގައި ކަމަށްވާތީ ސުލްހައިގެ ވާހަކަތަކަށް ހުރަސްއެޅީ އެމެރިކާގެ ރައީސްކަމަށް ބިސްކޯވް ވަނީ ތުހުމަތު ކުރައްވާފައެވެ.
ރަޝިއާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ޔުކްރޭންގެ ވަފްދާއެކު ސުލްހައިގެ ވާހަކަތައް ދައްކަން ބޭނުންވަނީ ތިންކަމަކާ ބެހޭގޮތުންނެވެ. ފުރަތަމަ ކަމަކީ ޔުކްރޭން ނޭޓޯގައި ބައިވެރިނުވާނެކަމުގެ ގެރެންޓީ ހޯދުމާ އަދި ޔުކްރޭންއަކީ ރަޝިއާ ކޮޅަށްވެސް އަދި ނޭޓޯގެ ކޮޅަށްވެސް ނުޖެހޭ އަދި ހަތިޔާރުނެތް ގައުމަކަށް ހެދުމެވެ. ދެވަނަ ކަމަކީ ޔުކްރޭންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމުގެ ގެރެންޓީ ހޯދުމެވެ. ތިންވަނަ ކަމަކީ ޔުކްރޭންގެ ހުރިހާ ދަރިކޮޅުތަކެއްގެ މީހުން ތަމްސީލުކުރެވޭގޮތަށް އެގައުމުގައި އައު ސަރުކާރެއް އުފެއްދުމެވެ.
ޔުކްރޭނާއި ރަޝިއާގެ ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ބެލަރުސްގެ ސަރަހައްދީ ރޮނގުގައިވާ ތަނެއްގައެވެ. ބެލަރޫސްގެ ވެރިރަށް މިންސްކްގައި ވާހަކަތައް ބޭއްވުމަށް ޔުކްރޭނުންވަނީ ދެކޮޅު ހަދާފައެވެ. އެތަނަށް ފޮނުވާ ޔުކްރޭންގެ ވަފްދުގެ ބޭފުޅުންގެ ސަލާމަތާމެދު ރަޝިއާވެސް އަދި ބެލަރުސް ވެސްވަނީ ގެރެންޓީ ދީފައެވެ.
ޔުކްރޭންގެ ރައީސް އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ ރަޝިއާއާއެކު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ނުހިންގާނެކަމަށާއި ސުލްހައިގެ ވާހަކަތައްވެސް ނުދައްކާނެކަމުގައެވެ. އެހެން ވިދާޅުވިތާ އެއްދުވަސްފަހުން އޭނާވަނީ ރަޝިއާ ބޭނުންވާގޮތަށް ޔުކްރޭނަކީ ވަކި ކޮޅަކަށް ނުޖެހޭ އަދި ހަތިޔާރުނެތް ގައުމަކަށް ހެދުމާބެހޭގޮތުން ރަޝިއާއާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ އޭނާގެ ޓެލެގްރާމް އެކައުންޓުން ރަޝިއާގެ ޚާރިޖީ ވުޒާރާއަށް މެސެޖެއް ފޮނުއްވާފައެވެ.
ނަމަވެސް އެއަށްފަހު ޒިލިންސްކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު ޔުކްރޭނުންވަނީ މަޝްވަރާތައް މަޑުޖައްސާލުމަށް ރަޝިއާގެ ކިބައިން އެދިފައެވެ. ބެލަރުސްގައި ފެށުމަށް ތައްޔާރުވަމުންދަނީ ދެދުވަހަކަށް މަޑުޖައްސާލި މަޝްވަރާތަކެވެ.
ޔުކްރޭނާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި އެދެފަރާތް ސުލްހަ ކުރުވުމަށް އެމެރިކާވެސް އަދި ޔޫރަޕްގެ އިއްތިޙާދުވެސް އަދި ނޭޓޯވެސް އެއްވެސް ވަރަކަށް މަސައްކަތް ނުކުރާއިރު ސުލްހައިގެ ވާހަކަތައް ފެށުމަށް މަސައްކަތްކުރަނީވެސް ޔުކްރޭނާއި ރަޝިއާއިންނެވެ. އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ގެންދަނީ ޔުކްރޭނަށް ހަތިޔާރު ފޮނުވައި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
އެހެން އިބާރާތަކުން ބުނާނަމަ ހަނގުރާމައަށް ދަރުއަޅަމުންނެވެ. މިކަމުގެ ބޭނުމަކީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ އައު ހަތިޔާރުތައް ޔުކްރޭން މީހުން ލައްވައި ރަޝިއާއާ ދެކޮޅަށް ޓެސްޓް ކުރުވުންކަމަށް އަސްކަރީ ބައެއް މުހައްލިލުން ވިދާޅުވެއެވެ.
ނަމަވެސް ހަނގުރާމަ ހިނގަމުންދަނީ ޔުކްރޭންގެ ބިމުގައި ކަމަށްވާއިރު މަރުވެ ފަނާވަމުންދަނީ ޔުކްރޭންގެ މީހުންނެވެ. އަދި ހަލާކުވަމުންދަނީ ޔުކްރޭންގެ ތަންތަނެވެ. އެެމެރިކާއާއި ނޭޓޯ އިން ހަތިޔާރު ދިންނަމަވެސް ރަޝިއާއާއެކު ސުލްހަވުމަށް ޔުކްރޭންގެ އާންމުން އެދޭކަމަށް ޚަބަރުތައް ބުނެއެވެ.