28 Feb 2022, 17:01
ދެހާސް ވިހި ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރި ބޭހުގެ ބާވަތަކީ، ހަކުރުބަލީގެ ބޭހެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް 2020ގައިވާ ގޮތުން، އެ އަހަރު އެންމެ ގިނައިން ރާއްޖެ އެތެރެކުރި 20 ބޭހުގެ ބާވަތުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ހަކުރުބައްޔަށް ދޭ ބޭހެއްކަމަށްވާ ޑަޔަބެޓްމިން (މެޓްފޯމިން)އެވެ.
ދެވަނައަށް އަދި ތިންވަނައަށް އެންމެ ގިނައިން އެތެރެ ކޮށްފައި ވަނީ ފެން މަދުވުމާއި ލޭ ފޭބުމާއި ހަށިގަނޑުގެ ބައެއް ނުވަތަ ތަނެއް ފިހުމުގެ ހާދިސާތައް ދިމާވުމުން، އެފަދަ ހާލަތްތަކަށް ހާއްސަކޮށްފައިވާ ދެ އިންޖެކްޝަނެކެވެ.
ތަފާސްހިސާބުން ދައްކާ ގޮތުގައި، ޕެނަޑޯލްއަކީ އެ އަހަރު ހަތަރު ވަނައަށް އެންމެ ގިނައިން ރާއްޖެ އެތެރެކުރި ބޭހުގެ ބާވަތެވެ. ދެން އެންމެ ގިނައިން އެތެރެ ކޮށްފައި ވަނީ އަފަމޯލްއެވެ.
ލިސްޓުގެ ހަތެއް އަށެއް އަދި ނުވަ ވަނައިގައި އޮތީ ތައިރޮޑަށް ހާއްސަ ބޭހެއްގެ ތިން ޑޯޒެކެވެ.
މީގެ އިތުރުން އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެ އަހަރު ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 838 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ހަކުރު ބައްޔާ ގުޅުން ހުރި މައްސަލަތަކުގައި މަރުވި 23 މީހަކު ހިމެނެއެވެ.