މަބްދައުއް ދުސްތޫރިއްޔަތުގެ ފަލްސަފާ އާއި އުޞޫލުތަކުގެ ދަށުން ހިނގާ ދައުލަތެއްގައި، ތަނުގެ އެންމެ މަތީ ޤާނޫނަކީ ޤާނޫނުއަސާސީއެވެ. ނުވަތަ ދުސްތޫރެވެ. އެފަދަ ދައުލަތެއްގައި ރައްޔިތުންގެ މަންދޫބުންގެ މަޖިލިހާއި، ވެރިކަން ހިންގާ ބާރާއި، ޤަޟާއީ ބާރު ވެސް އޮންނާނީ ޤާނޫނުއަސާސީއަށް ކިޔަމަންތެރި، ޤާނޫނުއަސާސީއަށް ބޯ ލަނބައި ޙުރުމަތްތެރިކޮށް ހިތާން ޖެހޭ ފަރާތްތަކެއްގެ ގޮތުގައެވެ. ޤާނޫނުއަސާސީން ބާރު ދެވޭ، ޤާނޫނުއަސާސީން އެ ފަރާތްތަކެއްގެ ބާރުގެ މިންވަރާއި ސޫރަ އާއި ޖައުހަރު ކަނޑައެޅޭ ފަރާތްތަކެއްގެ ގޮތުގައެވެ. އެ ފަރާތްތަކެއްގެ މަޤާމުތަކާއި ޙައިޘިއްޔަތުތަކަށް ޝަރުޢިއްޔަތު ނުވަތަ ލެޖިޓިމަސީ ލިބުމާއި އެ ޝަރުޢިއްޔަތު ދެމިއޮތުން، ޤާނޫނުއަސާސީއަށް ފުރިހަމައަށް ބޯ ލެނބުމުގެ މައްޗަށް މުޠުލަޤު ގޮތެއްގައި ހުއްޓި މަޝްރޫޠު ވެގެން ވާ ފަރާތްތަކެއްގެ ގޮތުގައެވެ.

މި ގޮތުގެ މަތީން މަބްދައުއް ދުސްތޫރިއްޔަތު ޤާއިމު ކޮށް، ދެންނެވުނު ފަދަ ޙައިޘިއްޔަތެއް ދައުލަތުގެ އެންމެ މުހިއްމު އަދި އެންމެ އަސާސީ ޤާނޫނަށް ދިނުމުގެ މަޤްޞަދަކީ ކޮބައިބާވައޭ، ރަސްކަލެއް ނުވަތަ ރައީސެއް ފަދަ އިންސާނީ ޝަޚްޞަކަށް ދައުލަތާއި ޤައުމުގެ އެންމެ މަތީ ބާރުވެރިކަން ނުދީ، އެ ބާރުވެރިކަން ޤާނޫނަކަށް ދިނުމުގެ ޙިކުމަތަކީ ކޮބައިބާވައޭ، މިއީ ވަރަށް މުހިއްމު ސުވާލެކެވެ. ﷲ ގެ ވާގިފުޅާ އެކު މި ސުވާލުގެ މައްޗަށް ވެސް ކޮންމެވެސް ދުވަހަކުން މި ކޮލަމުގައި އެއްޗެއް ލިޔުމުގެ އުއްމީދު ކުރަމެވެ. ނަމަވެސް މި ފަހަރު އަޅުގަނޑު ފޯކަސް ކުރާނީ، ޤާނޫނުއަސާސީ އަކީ މި ދެންނެވި ފަދަ ބާރުގަދަ އެއްޗެއް ކަމަށް ވާ އިރު، ޤާނޫނުއަސާސީއަށް ވުރެ އިސް ވެގެންވާ ސިޔާސީ އަދި ޤާނޫނީ އަސާސުތަކެއް ނުވަތަ އުޞޫލުތަކެއް ދައުލަތެއްގައި ނުވަތަ ޤައުމެއްގައި ވޭހެއްޔޭ މި ސުވާލަށެވެ. ޤާނޫނުއަސާސީ ވެސް އެ ކަންތައްތަކަށް "ސަބްޖެކްޓް" ވާ އުޞޫލުތަކެއް ނުވަތަ އަސާސުތަކެއް ހުރޭހެއްޔޭ، ހުންނަންޏާ އެ އަސާސްތަކާއި އުޞޫލުތަކަކީ ކޮބައިހެއްޔޭ، މި ސުވާލަށެވެ.

ޖަވާބަކީ އާދޭހޭ އެވެ. ޤާނޫނުއަސާސީއަށް ވުރެ އިސް ވެގެންވާ، ޤާނޫނުއަސާސީއަށް ވުރެ މުހިއްމު، ޤާނޫނުއަސާސީއަށް ވުރެ ވެސް އަސާސީ ޤާނޫނީ އަދި ސިޔާސީ އުޞޫލުތަކަކާއި އަސާސުތަކެއް ހުރެއެވެ. ދައުލަތުގައި ޤާނޫނުއަސާސީއެއް އޮތުމުގެ މައިގަނޑު ބޭނުމަކީ ވެސް އެ ކަންތައްތައް ރައްކައުތެރި ކުރުމެވެ. ޤާނޫނުއަސާސީ އަކީ އެ ކަންތައްތައް ރައްކައުތެރި ކުރުމުގެ ވަސީލަތެކެވެ. އެކަންކަން ރައްކައުތެރި ކުރުމަށް ބޭނުން ކުރެވޭ އިބްޒާރެއް ނުވަތަ އިންސްޓްރުމެންޓެކެވެ. އެހެންކަމުން، އެ ކަންތައްތަކަށް އިނގިރޭސި ބަހުން ބައެއް ޢިލްމުވެރީން "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" މި ނަންއިތުރު ބޭނުން ކުރައްވައިގެން ނަން ދެއްވައެވެ. މި ނަންއިތުރުގައި އެ އޮންނަ "ސުޕްރާ" މި ލަފުޒުން ދޭހަ ކޮށްދެނީ އެއްޗެއް އެހެން އެއްޗެއްގެ ނިސްބަތުގައި އިސް ވެގެން ވުމެވެ. "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" އިން ދޭހަ ކޮށްދެނީ ޤާނޫނުއަސާސީ ނުވަތަ ދުސްތޫރަށް ވުރެ އިސް ވެގެން ވުމެވެ. ދައުލަތްތަކުގައި "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" މަބްދައުތައް ނުވަތަ އުޞޫލުތައް ހުރެއެވެ. "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" ޤަބޫލުކުރުންތަކާއި ޢަޤީދާތައް ހުރެއެވެ. "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" ޢިލްމީ އަދި އަޚްލާޤީ ބުންޔާދުތައް ހުރެއެވެ. އެހެންކަމުން، ޤައުމެއްގައި ހަރުދަނާ ޤާނޫނުއަސާސީއެއް ލިޔެވޭނީ، އަދި ހަރުދަނާ ގޮތެއްގައި ޤާނޫނުއަސާސީއެއް ހިންގޭނީ ވެސް، އެ ޤައުމެއްގައި "ސުޕްރާ-ކޮންޓިޓިޔުޝަނަލް" ޙައިޘިއްޔަތު ދެވޭނީ އަދި ދޭން ވާނީ ކޮން ކަންތައްތަކަކަށްކަން އެނގިގެންނެވެ.

އެކި ޤައުމުތަކުގެ ޙާލަތު ތަފާތެވެ. އެކި ޤައުމުތަކުގެ ދީނީ، އަޚްލާޤީ، ފިކުރީ، އަދި ޢިލްމީ ޙާލަތު ތަފާތެވެ. އިޖުތިމާޢީ ނިޒާމާއި ތާރީޚީ ތަޖުރިބާތައް ތަފާތެވެ. ޘަޤާފަތާއި އާދަކާދަތައް ތަފާތެވެ. އެހެންކަމުން، އެކި ޤައުމުތަކުގައި "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" އުޞޫލުތަކާއި އަސާސްތަކުގެ ގޮތުގައި ބަލައިގަނެވޭ ނުވަތަ ރައްކައުތެރި ކުރެވޭ ކަންކަން ކޮންމެވެސް މިންވަރަކަށް ތަފާތު ވެސް ވެއެވެ. މިސާލަކަށް، އެއް ޤައުމެއްގައި އިޝްތިރާކިއްޔަތު ނުވަތަ "ކޮމިޔުނިޒަމް" އަކީ އެފަދަ އަސާސެއް ކަމަށް ބަލައިގަނެފައި، އަނެއް ޤައުމެއްގައި އިޝްތިރާކިއްޔަތުގެ މަޤާމު ދީމިގުރާތިއްޔަތަށް ނުވަތަ "ޑިމޮކްރެސީ" އަށް ދީފައި އޮވެދާނެއެވެ. ނަމަވެސް ދުނިޔޭގެ ހުރިހައި ދައުލަތްތަކެއްގައި އެ ޙައިޘިއްޔަތު ދެވޭ، ޢާލަމީ ފެންވަރުގައި ބަލައިގަނެވޭ ކަންތައްތަކެއް ވެސް ހުރެއެވެ. މިސާލަކީ މިނިވަން ފަނޑިޔާރުގެއަކުން ހުރިހައި ރައްޔިތުންނަށް ޢަދުލުއިންޞާފު ފޯރު ކޮށްދޭން ޖެހޭކަމުގެ އުޞޫލެވެ.

ތިރީގައި މި ދަންނަވައިލަނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ސިޔާގުގައި "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" އަސާސުތަކެއްގެ ގޮތުގައި ބަލައިގަންނާން ޖެހޭ، އަދި "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" އުޞޫލުތަކެއްގެ ގޮތުގައި ބަލައިގަންނާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ކަންތައްތަކެވެ. މީގެ ތެރޭގައި ދުނިޔޭގެ އެތައް ޤައުމެއްގައި ބަލައިގަނެވިފައި ވާ ކަންތައްތަކާއި، އަޅުގަނޑުމެންގެ ޤައުމަށް ޚާއްޞަ ކަންކަން ވެސް ހުންނާނެއެވެ. އަޅުގަނޑު ވާނީ އެ ކަންތައްތައް މައިގަނޑު ނުވަ ބަޔަކަށް ބަހައިލައިފައެވެ. މި ގޮތަށް ބަހައިލުމުގެ ބޭނުމަކީ، އެ ކަންތައްތަކުގެ މައްޗަށް ތަޢާރުފީ ނަޒަރަކުން ބަލައިލުމަށް ފަސޭހަ ކުރުމެވެ. އެއްވެސް ޙާލެއްގައި، އެއީ އެ ކަންތައްތަކުގެ ޒާތާއި ބާވަތަށް ބަލައިގެން، މުޠުލަޤު ގޮތެއްގައި އެ ކަންތައްތައް ބެހިގެން ދަނީ ނުވަ ބަޔަކަށޭ ދެންނެވުމުގެ މަޤްޞަދަކު ނޫނެވެ. އެއް ބައެއްގައި އަޅުގަނޑު ހިމަނައިފައި ވާ ކަމެއް، އަނެއް ބައިގައި ނުހިމެނޭނެޔޭ ދެންނެވުމުގެ މަޤްޞަދަކު ވެސް ނޫނެވެ. އެއްވެސް ބައެއްގެ މައްޗަށް ތަފްޞީލީ ގޮތެއްގައި ބަލައިލުމަށް މަސައްކަތް ކޮށްފައެއް ނުވާނެއެވެ.

ފުރަތަމަ ބައިގައި ހިމެނެނީ އިންސާނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވެވި ކަރާމާތާއި، ޙުރުމަތާއި، ޝަރަފާއި، އިންސާނެއްގެ ޙައިޘިއްޔަތުން ކޮންމެ މީހަކު ވެސް އުފުލާން ޖެހޭކަމަށް އެކަލާނގެ ލިޔުއްވައި ކަނޑައެޅުއްވި މަސްއޫލިއްޔަތުތަކާއި، އިންސާނަކަށް ވީތީ ކޮންމެ މީހަކަށް އެކަލާނގެ ދެއްވެވި އަސާސީ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ މަފްހޫމުތަކާއި އުޞޫލުތަކެވެ.

ދެވަނަ ބައިގައި ހިމެނެނީ އިންސާނީ ދިރިއުޅުމުގެ އެންމެ އަސާސީ ސުވާލުތަކާ މެދު ޢިލްމީ ގޮތުން ޖަވާބު ހޯދުމަށް ފަރުދީ އަދި އިޖުތިމާޢީ ފެންވަރުގައި ކުރެވޭ މަސައްކަތުގެ ތެރެއިން ހޯދިފައި ވާ އަދި މުޖުތަމަޢުގެ އަސާސުތަކަކަށް ވެފައި ވާ ޙައްޤާއި ޙަޤީޤަތާއި ތެދު ރައްކައުތެރި ކުރުމާއި، ހެޔޮ ބުއްދި އާއި ހެޔޮ ޢަޤުލު ރައްކައުތެރި ކުރުމާއި، ރިވެތި އަޚްލާޤާއި ސުލޫކުގެ އުޞޫލުތަކާއި ހަމަތައް ރައްކައުތެރި ކުރުމާއި، ޢިލްމު ހޯދައި ރައްކައުތެރި ކުރުމާ ބެހޭ އުޞޫލުތަކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނަމަ، މާތް ވެގެންވާ އިސްލާމް ދީން ރައްކައުތެރި ކުރުން ވަންނާނީ މި ބައިގެ ތެރެޔަށެވެ. އެހެނީ އެއީ އަޅުގަނޑުމެންގެ ޤައުމު މީގެ އަށްސަތޭކަ އަހަރު ކުރީއްސުރެ ބަލައިގެންފައި ވާ ގޮތުގައި، އިންސާނީ ޙަޔާތް ޙައްޤާއި ޙަޤީޤަތާއި ތެދުގެ މަގުގައި ހޭދަ ކުރުމުގެ މަގު ދައްކައިދޭ އިލާހީ ހިދާޔަތެވެ. އަޅުގަނޑުމެންގެ ޤައުމުގެ އަހުލުވެރީން ޤަބޫލު ކުރާ ޙައްޤު ދީނެވެ. ހަމަ އެހެންމެ، ޙައްޤާއި ތެދަށް ޙުރުމަތްތެރިކޮށް ހިތައި، ހެޔޮ ބުއްދި އާއި ޢަޤުލުގެ ބިންގަލުގެ މަތީގައި، ރިވެތި އަޚްލާޤުގެ އުޞޫލުތަކާއި ޤިޔަމުތަކާ އެއްގޮތަށް ޤައުމުގެ ކަންކަން ހިންގާނޭ ޙުކޫމަތެއް ނުވަތަ "ގަވަރންމަންޓެއް" އޮތުން ވެސް ހިމެނޭނީ މި ބައިގެ ތެރޭގައެވެ.

ތިންވަނަ ބައިގައި ހިމެނެނީ ޢަދާލަތާއި އިންޞާފު ޤާއިމު ކުރުމެވެ. ޢަދާލަތާއި އިންޞާފު ޤާއިމު ކުރުމުގެ ތެރޭގައި، އިންސާނީ ޙުރުމަތާއި ކަރާމާތާއި ޙައްޤުތައް ރައްކައުތެރި ކުރުމާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ވާޖިބުކަން ހިންގުމުގައި އެންމެންނާ މެދު އެއް މިންގަނޑަކުން ޢަމަލު ކުރެވުން ހިމެނެއެވެ. ތަނުގެ ވަސީލަތްތަކާއި މުއްސަނދިކަމުން ފައިދާ ލިބިގަތުމުގެ ފުރުޞަތާއި މަގު އެންމެންނަށް ވެސް އިންޞާފުވެރި ގޮތެއްގައި ހޯދައިދެވިފައި އޮތުން ހިމެނެއެވެ. ތަނުގައި އިޖުތިމާޢީ ޢަދާލަތާއި، އިޤްތިޞާދީ ޢަދާލަތު ޤާއިމު ވެފައި އޮތުމާއި، އެއް ބަޔަކު ފަޤީރުކަމުގައި އަދި އަނެއް ބަޔަކު ޢަދުލުވެރި ނޫން ދަރަޖައިގެ މުއްސަނދިކަމުގައި އުޅުމުގެ ދޮރުތަކާއި މަގުތައް ބަންދު ވެފައި އޮތުން ހިމެނެއެވެ. އަނިޔާއެއް ނުވަތަ ބޭއިންޞާފެއް ތަޙައްމަލު ކުރާން ޖެހިއްޖެ ކޮންމެ މީހަކަށް މެ، ޢަދުލުވެރި ފަނޑިޔާރުގެއެއްގެ ހިޔާވަހިކަން ލިބިދެވިފައި އޮތުން ހިމެނެއެވެ. ޤާނޫނު ހެދުމާއި، ޤާނޫނު ހިންގުމުގެ އެންމެހައި ކަންކަން، އިންޞާފުވެރި މަގުން ކުރެވެމުން ދިޔުން ހިމެނެއެވެ.

ހަތަރުވަނަ ބައިގައި ހިމެނެނީ ޤައުމުގެ ހުރިހައި ކަންކޮޅުތަކެއްގައި ވެސް ޞުލްޙަމަސަލަސްކަމާއި، އަމަންއަމާންކަމާއި، ހަމަޖެހުން ޤާއިމު ކުރުމާ ބެހޭ އުޞޫލުތަކެވެ. ނިޒާމުޢާއްމުގެ ތަރުތީބު ދެމެހެއްޓިފައި އޮތުމެވެ. އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް، އެ ޞުލްޙަމަސަލަސްކަމާއި، އަމަންއަމާންކަމާއި، ހަމަޖެހުމާއި، ތަރުތީބު ނަގައިލައި، މުޖުތަމަޢު ގަޑުބަޑު ކޮށް، ތަނުގައި ގުޖަޑާއި ހަމަނުޖެހުން ހިންގައި، މީސްތަކުންގެ ދިރިއުޅުން ބިރުވެރިކަމާއި ނާމާންކަމާއި ޚަލަލުތަކާއި ނުރައްކައުތަކުގެ ތެރެޔަށް ވައްޓައިލުމުގެ ފުރުޞަތު ނުދިނުމުގެ ގޮތުން ހިންގޭ އުޞޫލުތަކާއި ހަމަތަކެވެ.

ފަސްވަނަ ބައިގައި ހިމެނެނީ، ތަނުގެ ތިމާވެށްޓާއި މާޙައުލު ރައްކައުތެރި ކުރުމާއި، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމާ ބެހޭ އުޞޫލުތަކެވެ. މިހާރު އެ ކަންތައްތަކުގެ ބޭނުން ހިފައި ފައިދާ ލިބިގަންނާން ތިބި މީހުންގެ އިތުރުން، ދެން އަންނާނޭ ޖީލުތަކުގެ މެންބަރުންނަށް ޓަކައި ވެސް އެ ކަންތައްތައް ރައްކައުތެރި ކޮށް ދެމެހެއްޓޭނޭ ގޮތެއްގެ މަތީން ޢަމަލު ކުރުމާ ބެހޭ އުޞޫލުތަކެވެ.

ހަވަނަ ބައިގައި ހިމެނެނީ، އެ ޤައުމެއްގެ ޤައުމިއްޔަތުގެ އަސާސީ ބަހާތަކާއި ބިންގާތަކެވެ. މިއީ އިންސާނީ ޖަމާޢަތެއް، ޤައުމީވަންތަކަމުގެ ގުޅުމުން ގުޅިފައި ވާ އެއް ޖަމާޢަތަކަށް ހަދައިދޭ ކަންތައްތަކެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާގުގައި، ދިވެހި ބަހަކީ މީގެ ތެރެއިން ވަރަށް މުހިއްމު އެއްޗެކެވެ. ހަމަ އެފަދައިން، ފާއިތު ވެދިޔަ އަށްސަތޭކަ އަހަރުގެ ތެރޭގައި ބިނާ ކުރެވުނު ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އެއް އަސާސަކީ މާތް ވެގެންވާ އިސްލާމް ދީންކަން ވެސް ފާހަގަ ކުރާން ޖެހެއެވެ. މީގެ އިތުރުން، ދިވެހި ޘަޤާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ ހެޔޮ އަދި ރިވެތި ގޮތްތައް ވެސް ވަންނާނީ މި ބައިގެ ތެރެޔަށެވެ. ޤައުމީ ޝަޚްޞިއްޔަތު ނުވަތަ "ނެޝަނަލް އައިޑެންޓިޓީ" އާއި، ޤައުމީ ވަޙްދަތާއި އެއްބައިވަންތަކަން ނުވަތަ "ނެޝަނަލް އިންޓެގްރިޓީ" ޙިމާޔަތް ކުރެވޭނީ މި ބައިގައި ހިމެނޭ އަސާސުތަކާއި އުޞޫލުތައް ރައްކައުތެރި ކުރެވިގެންނެވެ. އެ ކަންތައްތަކަށް ދުސްތޫރީ ޙިމާޔަތް ދެވިގެންނެވެ.

ހަތްވަނަ ބައިގައި ހިމެނެނީ، މުސްތަޤިއްލު ޤައުމީ ޖަމާޢަތެއްގެ ޙައިޘިއްޔަތުން، އަޅުގަނޑުމެންގެ ޤައުމުގެ އެންމެހައި ކަންތައްތަކާއި އަޅުގަނޑުމެންގެ އަމިއްލަ ވަޒަނުގެ ސަރަޙައްދުގެ މައްޗަށް އަޅުގަނޑުމެންނަށް ލިބިގެންވާ ސިޔާދަތީ ޙައްޤުތައް ނުވަތަ "ސޮވްރިން ރައިޓްސް" އެވެ. އޭގެ ތެރޭގައި، އަޅުގަނޑުމެންގެ ޤައުމުގެ މެންބަރުން ނުވަތަ ރައްޔިތުންގެ ގިނަ ބަޔަކަށް ޤަބޫލު ކުރެވޭ ދީނީ، އިޖުތިމާޢީ، ސިޔާސީ، އަދި އިޤްތިޞާދީ ފަލްސަފާތަކަކާއި އުޞޫލުތަކެއްގެ މައްޗަށް އަޅުގަނޑުމެންގެ ކަންކަން ބައްޓަން ކޮށް ހިންގުން ހިމެނެއެވެ. އެ ފަލްސަފާތަކާއި އުޞޫލުތަކުގެ މައްޗަށް އަޅުގަނޑުމެންގެ ޙުކޫމަތު ނުވަތަ "ގަވަރންމަންޓް" އެކުލަވައިލައި ހިންގުމުގެ އެންމެހައި ޙައްޤުތަކާއި ބާރުތައް ހިމެނެއެވެ. އަޅުގަނޑުމެންނަށް ލިބިގެން ވާ "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން" ނުވަތަ އަޅުގަނޑުމެންގެ ޤައުމީ ޖަމާޢަތުގެ އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ ޙައްޤު ހިމެނެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ވަޒަންބިން ނުވަތަ "ހޯމްލޭންޑް" ކަމުގައި ހިމެނޭ ޖުޣްރާފީ ސަރަޙައްދުގެ މައްޗަށް އަޅުގަނޑުމެންގެ ފުރިހަމަ ބާރާއި އިޚްތިޔާރުތައް ހިންގުމުގެ ޙައްޤުތައް ހިމެނެއެވެ. ބައިނަލްއަޤުވާމީ ކޮމިޔުނިޓީގައި އެހެން ޤައުމުތަކަށް ވެސް ލިބިދޭ ފަދަ ޤަދަރާއި އިޙުތިރާމު ލިބިއޮތުމާއި، މިނިވަން އަދި މުސްތަޤިއްލު ޤައުމުތައް ހަމަހަމަވުމުގެ ބައިނަލްއަޤްވާމީ ޤާނޫނީ މަބްދައުގެ ދަށުން އެހެން ޤައުމުތަކާއި ދައުލަތްތަކަށް ލިބިދޭ އެންމެހައި ޙައްޤުތަކާއި ޢިނާޔަތްތަކާއި މަޤާމު އަޅުގަނޑުމެންގެ ޤައުމަށް ވެސް ލިބުމުގެ ޙައްޤު ހިމެނެއެވެ. އެހެން ޤައުމުތަކާއި އެހެނިހެން އެންމެހައި ފަރާތްތަކުގެ ޢުދުވާންތަކާއި ނުރައްކައުތަކުން ރައްކައުތެރިކަމާއި ޙިމާޔަތް ލިބިގެން ވުމާއި، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އިލްތިޒާމުތަކާއި ވާޖިބުތައް އަމިއްލަ ބާރުގައި އަދާ ކުރުމުގެ ޙައްޤުތައް ހިމެނެއެވެ. އަދި ދާޚިލީ މައިދާނެކޭ އެއްފަދައިން، ޚާރިޖީ ގުޅުންތަކުގައި ވެސް އަޅުގަނޑުމެން ޤަބޫލު ކުރާ ޤައުމީ ފަލްސަފާތަކާއި އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށް، ބައިނަލްއަޤްވާމީ ޤާނޫނުން ހެޔޮ ގޮތުގައި ރައްކައުތެރި ކޮށްދޭ އަޅުގަނޑުމެންގެ މަޞްލަޙަތުތަކާއި ޙައްޤުތައް ރައްކައުތެރި ވެފައި އޮތުމުގެ ޙައްޤުތައް ވެސް ހިމެނޭމެއެވެ.

އަށްވަނަ ބައިގައި ހިމެނެނީ، ޖުމްހޫރިއްޔަތުގެ އިޞްޠިލާޙުން ސިފަ ކުރެވޭ މަފްހޫމާއި އޭގެ އެކިއެކި އުޞޫލުތަކެވެ. އޭގެ ތެރޭގައި، އަޅުގަނޑުމެންގެ އަސާސީ އިޢުތިޤާދުތަކާއި ހެޔޮ ބުއްދި އާއި ރިވެތި އަޚްލާޤުގެ އަސާސުގެ މަތީގައި އަޅުގަނޑުމެންގެ ޙުކޫމަތު ނުވަތަ "ގަވަރންމަންޓް" ބިނާ ކުރާ އިރު، އެ ޙުކޫމަތަކީ ރައްޔިތުންގެ ރުހުމާ އެއްގޮތަށް އަދި ރައްޔިތުން ރުހޭ ބަޔަކު ވެރިކަމުގައި ތިބޭ ގޮތަށް ޤާއިމު ކުރެވޭ، ރައްޔިތުންގެ ބައިޢަތު ލިބިގެން ވާ ޙުކޫމަތަކަށް ވުން ހިމެނެއެވެ. ޤައުމީ ކަންކަމުގައި ނިންމުންތައް ނިންމާ އިރު، ޝޫރާގެ މަތިވެރި އުޞޫލަށް ޢަމަލު ކުރުން ހިމެނެއެވެ. ކަންކަމުގައި ރައްޔިތުންނަށް ފެންނަ ގޮތް ނުވަތަ ރައްޔިތުންގެ އިޚްތިޔާރަކީ ކޮބައިތޯ ބެލުމަށް ޓަކައި އިންތިޚާބު ބާއްވަންޏާ، އެ އިންތިޚާބުތަކަކީ މިނިވަން، އިންޞާފުވެރި، އަދި ޢަދުލުވެރި އިންތިޚާބުތަކަކަށް ވުމާއި، އެ އިންތިޚާބުތަކާ ގުޅިގެން ދޮގު ހެދުމާއި މަކަރު ހެދުމާއި އެއް ބަޔަކު އަނެއް ބަޔަކަށް ނުޙައްޤުން ބަދުބަސް ބުނެ އެއްޗެތ ގޮވުމާއި ދޮގު ވަޢުދުތައް ވުމާއި، އިންތިޚާބުތައް ކާމިޔާބު ކުރުމަށް ޓަކައި ޤައުމީ މަޞްލަޙަތާ ޚިލާފު ޢަމަލުތައް ހިންގުމާއި ބިދޭސީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި ފައިސާ އާއި ބާރާއި ނުފޫޒުގެ ބޭނުން ކުރުން ފަދަ ޣައިރުއަޚްލާޤީ އަދި އިބްލީސީ މުމާރަސާތަކަށް ދޮރު ބަންދު ކުރުން ހިމެނެއެވެ. މި ނުކުތާގެ ވާހަކަ ދައްކާ އިރު، ޖުމްހޫރިއްޔަތަކީ މާތް ވެގެންވާ އިސްލާމް ދީނުގެ ސިޔާސީ ތަޢުލީމާތާއި ފަލްސަފާއަށް ފެތޭ މަފްހޫމެއް ކަން ފާހަގަ ކުރަމެވެ. އެއާ ޚިލާފަށް، ދީމިގުރާތިއްޔަތު ނުވަތަ "ޑިމޮކްރަސީ" އަކީ އިސްލާމް ދީނުގެ ސިޔާސީ ތަޢުލީމާތާ ފުށުއަރާ ނިޒާމެކެވެ. މި ދެންނެވި ބަހުގެ ތަފްޞީލުތައް ހާމަ ކޮށް ވެސް، އިތުރު ލިޔުމެއް ލިޔުމުގެ އުއްމީދު އޮތް ވާހަކަ ދަންނަވަމުން ކުރު ކޮށްލަމެވެ.

ނުވަވަނަ ބައިގައި ހިމެނެނީ، މަބްދައުއް ދުސްތޫރިއްޔަތުގެ އުޞޫލުތަކުގެ ގޮތުގައި ބަލައިގަނެވިފައި ވާ ދުސްތޫރީ އުޞޫލުތަކެވެ. މިއީ ސިޔާސީ އަދި ޤާނޫނީ އުޞޫލުތަކެކެވެ. ސިޔާސީ ޢިލްމާއި ޤާނޫނީ ޢިލްމުގެ ތެރޭގައި ކިޔަވައި ދިރާސާ ކުރެވޭ އުޞޫލުތަކެކެވެ. މަބްދައުއް ދުސްތޫރިއްޔަތު ނުވަތަ "ޑޮކްޓްރީން އޮފް ކޮންސްޓިޓިޔުޝަނަލިޒަމް" ގެ މައްޗަށް އެކިއެކި ޢިލްމުވެރީން އެކި ގޮތްގޮތަށް ލިޔުއްވައިފައި ހުރެއެވެ. އޭގެ ތެރޭގައި ހިމެނޭ އުޞޫލުތަކަކީ ކޮބައިކަން ބަޔާން ކުރެއްވުމުގައި ވެސް، އެކިއެކި ޢިލްމުވެރީންގެ މެދުގައި ކުދިކުދި އިޚްތިލާފުތައް ހުރެއެވެ. ނަމަވެސް، މައިގަނޑު ގޮތެއްގައި ދުސްތޫރީ ޢިލްމިއްޔާ ވަނީ އެ މަބްދައުގެ އަސާސުތަކާއި އުޞޫލުތަކާ މެދު އެއްބަސްވުމަކަށް އައިސްފައެވެ. ޢިލްމީ ގިނަ މަޒުމޫނުތަކާއި ފޮތްތަކެއް މި މައުޟޫޢަށް ލިޔެވެމުން ދާއިރު، އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ފޮތަކީ ޕްރޮފެސަރ ނިކް ޑަބްލިޔޫ. ބާރބަރ ލިޔުއްވައި، އޮކްސްފަރޑް ޔުނިވަރސިޓީ ޕްރެހުން 2018 ވަނަ އަހަރު ޝާއިޢު ކުރި "ދަ ޕްރިންސިޕަލްސް އޮފް ކޮންސްޓިޓިޔުޝަނަލިޒަމް" އެވެ. ޕްރޮފެސަރ ނިކްގެ ނަޒަރުގައި، މަބްދައުއް ދުސްތޫރިއްޔަތުގެ ތެރޭގައި ހިމެނޭ އުޞޫލުތަކަކީ ޤައުމުގެ ސިޔާދަތީ ބާރުތައް ވަކި ފަރުދަކަށް ލިބިއޮތުމުގެ ބަދަލުގައި ހުރިހައި ރައްޔިތުންނަށް އޮތުމާއި، ޤާނޫނުގެ ޙުކުމް ނުވަތަ "ރޫލް އޮފް ލޯވ" ގެ މަބްދައާއި، ސިޔާސީ ބާރުވެރިކަން ޤާނޫނުން މަޙުދޫދު ކޮށް ހިފެހެއްޓުމުގެ އުޞޫލާއި، ބާރުތައް ވަކި ކުރުމާ އެކު އެއް ބާރު އަނެއް ބާރަށް ފާރަވެރި ވެގެން ދުސްތޫރުގެ ސުޕްރެމަސީ ރައްކައުތެރި ކުރުމުގައި އެއްބާރުލުމުގެ އުޞޫލާއި، މިނިވަން ފަނޑިޔާރުގެއެއް ހުރުމުގެ އުޞޫލާއި، ސިޔާސީ ބާރުވެރިކަން މަޙުދޫދު ކުރުމުގެ ހަމަތަކާއި އުޞޫލުތައް މިނިވަން ފަނޑިޔާރުގޭގެ ބާރުގައި ތަންފީޛު ކުރުމާއި، އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމެވެ.

ރަނގަޅު ޤާނޫނުއަސާސީއެއްގައި، މި ދެންނެވި އަސާސުތަކާއި އުޞޫލުތައް ރައްކައުތެރި ކޮށްދޭ މާއްދާތައް ހުންނާން ވާނެއެވެ. އެ ކަންކަން ރައްކައުތެރި ކޮށްދޭނޭ ނިޒާމެއް އުފައްދައިފައި އޮންނާން ވާނެއެވެ. މިއިން ކަމެއް ރައްކައުތެރި ނުކުރެވޭ ގޮތަށް ހަދައިފައި އޮންނަ ޤާނޫނުއަސާސީއަކީ ރަނގަޅު ޤާނޫނުއަސާސީއެއް ކަމަކަށް ނުބުނެވޭނެއެވެ. އެފަދަ ޤާނޫނުއަސާސީތައް އަވަހަށް ނުވަތަ ލަހުން ފޭލި ވާނެއެވެ. ހަމަ އެހެންމެ، ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ހުންނަ ސުޕްރީމް ކޯޓު ނުވަތަ ކޮންސްޓިޓިޔުޝަނަލް ކޯޓުން، ޤާނޫނުއަސާސީ މާނަ ކޮށް ތަޠުބީޤު ކުރާން ވާނީ، މި ދެންނެވި އަސާސުތަކާއި އުޞޫލުތަކުގެ އަލީގައެވެ. އެ ކަންކަން ރައްކައުތެރި ކުރެވޭނޭ މަގުންނެވެ. އެއިން ކަމަކަށް އުނިކަމެއް އަތުވެދާނޭ ނުވަތަ ގެއްލުމެއް ލިބިދާނޭ ފަދަ ގޮތަކަށް ޤާނޫނުއަސާސީގެ މާއްދާތައް މާނަ ކޮށްގެން ނުވާނެއެވެ. އެގޮތުން، ދުނިޔޭގެ ޤައުމުތަކުގެ ސުޕްރީމް ކޯޓުތަކާއި ކޮންސްޓިޓިޔުޝަނަލް ކޯޓުތަކުން ކޮށްފައި ވާ މަސައްކަތްތަކަށް ބަލާ އިރު، އިންޑިއާގެ ސުޕްރީމް ކޯޓުން ތަޢާރަފު ކޮށްފައި ވާ "ޑޮކްޓްރީން އޮފް ދަ ބޭސިކް/ފަންޑަމެންޓަލް ފީޗަރޒް/ސްޓްރަކްޗަރ އޮފް ކޮންސްޓިޓިޔުޝަން" ފާހަގަ ކޮށްލެވެއެވެ. އެހެން ޤައުމުތަކުގައި ވެސް ބަލައިގަނެވެމުން އަންނަ މި މަބްދައު ތަރައްޤީ ކުރެވުނީ 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައެވެ. މި މަބްދައުގައި ކަނޑައަޅައިފައި ވަނީ، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކުގައި އެކަށައަޅައިފައި ވަނީ ޤާނޫނުއަސާސީ އޭގެ މައްޗަށް ބިނާ ކުރެވިފައި ވާ، ޤާނޫނުއަސާސީގެ ބިންގާތައް ކަމުގައި ހިމެނޭ އުޞޫލުތަކާއި އަސާސުތައް ކަމުގައެވެ. އެހެންކަމުން، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ބާރު ލިބިދީފައި ވާ އިންޑިއާގެ ޤާނޫނު ހަދާ މަޖިލިހަށް ވެސް، އިޞްލާޙު ކުރުމުގެ ބާރުގެ ތެރެއިން ވެސް، އެ މާއްދާތައް ބަދަލު ނުކުރެވޭނޭ ކަމުގައެވެ. އެ މާއްދާތައް ބަދަލު ކޮށްފިއްޔާ، އެ ކުރެވޭ ކަމަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރުން ނޫން ކަމާއި، އެ ކުރެވޭ ކަމަކީ ޤާނޫނުއަސާސީ ނެއްތައިލައި އޭގެ މަޤާމަށް މުޅީން ތަފާތު އެއްޗެއް ގެނައުން ކަމުގައެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން މި މަބްދައު ތަރައްޤީ ކޮށްފައި ވާ ގޮތުގެ މައްޗަށް ދިރާސާ ކުރައްވާން އެދިވަޑައިގަންނަވާ ބެއިފުޅުން، 1951 ވަނަ އަހަރުގެ ޝަންކާރީ ޕްރަސާދް ސިންގްހ ވ. އިންޑިއާ، 1965 ވަނަ އަހަރުގެ ސައްޖާން ސިންގްހ ވ. ރާޖަސްތާން، 1967 ވަނަ އަހަރުގެ އެލް. ސީ. ގޮލާކް ނާތު ވ. ޕަންޖާބް، 1973 ވަނަ އަހަރުގެ ކެސަވަނަންދަ ބާހރަތީ ވ. ސްޓޭޓް އޮފް ކެރެލާ، އަދި 1975 ވަނަ އަހަރުގެ އިންދިރާ ނޭހރޫ ގާނދީ ވ. ރާޖް ނާރައިން ފަދަ ޤަޟިއްޔާތަކާއި، އެ ޤަޟިއްޔާތަކާ ގުޅިގެން އިންޑިއާގެ ދުސްތޫރީ ޢިލްމިއްޔާގައި ކުރެވުނު ބަޙުޘްތައް ބައްލަވައިލެއްވުމުން ފުދޭނެކަމަށް ދެކެމެވެ.

އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި ވެސް، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ބާރާއި އިޚްތިޔާރު ރައްޔިތުންގެ މަޖިލިހަށް ދީފައި އޮވެއެވެ. އެހެން ނަމަވެސް، "ބޭސިކް/ފަންޑަމެންޓަލް ފީޗަރޒް/ސްޓްރަކްޗަރ ޑޮކްޓްރީން" ގެ ފަލްސަފާގެ ދަށުން، އެ މަޖިލިހަކަށް ޤާނޫނުއަސާސީއަށް "ބޭނުން ގޮތެއް" ނުވަތަ "ހިތުހުރި ގޮތެއް" ނުހެދޭނެއެވެ. ޤާނޫނުއަސާސީގެ ބުންޔާދުތައް ކަމަށް ވާ "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" އަސާސުތަކާއި އުޞޫލުތަކަށް އެއްވެސް އުނިކަމެއް އަންނާނޭ ގޮތަށް ޤާނޫނުއަސާސީގެ އެއްވެސް މާއްދާއެއް ބަދަލު ނުކުރެވޭނެއެވެ. މި ވާހަކަ ޤާނޫނުއަސާސީގެ މާއްދާއެއްގައި މި ޢިބާރާތުން ބުނެފައެއް ނޯންނާނެއެވެ. އެހެންކަމުން، ހަމައެކަނި "ލަފުޒަށް" ވިސްނާ މީހުން މި ވާހަކައާ ދެކޮޅު ހަދާނެއެވެ. އެހެން ނަމަވެސް، އަޅުގަނޑު ދެކޭ ގޮތުގައި ހަމަ ބުއްދި ނިޔާ ކުރާ ގޮތަކީ، އަދި ރަނގަޅު ގޮތަކީ، އަދި ދުސްތޫރީ ޖުރިސްޕްރޫޑެންސުގެ ޞައްޙަ ގޮތަކީ، އިންޑިއާގެ ސުޕްރީމް ކޯޓުން ތަޢާރަފު ކޮށްފައި ވާ "ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރީން" ގެ ގޮތެވެ. މިސާލަކަށް، ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިބި މެންބަރުންގެ "ސުޕަރމެޖޯރިޓީ" ގެ ބާރުގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމް ދީން ކަމަށާއި ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނޭކަމަށް ބުނާ މާއްދާ އުނި ކޮށްފިއްޔާ، އެކަން ބަލައިގަނެވޭނޭތޯއެވެ؟ ޤާނޫނުއަސާސީގެ ލަފުޒު، އެކަން ހުއްދަ ކުރެއެވެ. ނަމަވެސް މަޖިލިހުން އެފަދަ ކަމެއް ކޮށްފިއްޔާ، އެކަން ވާނީ އިސްވެ ދެންނެވި "ސުޕްރާ-ކޮންސްޓިޓިޔުޝަނަލް" އަސާސުތަކާއި އުޞޫލުތަކާ ޚިލާފަށް ކުރާ ކަމަކަށެވެ. ދިވެހި ޤާނޫނުއަސާސީގެ ބިންގަލާއި "ބޭސިކް ސްޓްރަކްޗަރ" މުގުރައިލާ ކަމަކަށެވެ. އެއީ ޤާނޫނުއަސާސީ ޙަޤީޤީ މާނައިގައި އިޞްލާޙު ކުރުމަކަށް ވާނޭތޯއެވެ؟ ޤާނޫނުއަސާސީއަށް އެފަދަ ބަދަލެއް ގެންނާން ޖާގަ ދެވޭން ވާނޭކަމަށް ޤަބޫލު ކުރައްވަމުތޯއެވެ؟ މަޖިލިހުން އެފަދަ "އިޞްލާޙެއް" ދުސްތޫރަށް ގެނެސްފިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ "އިޞްލާޙު" ބާޠިލު ކަމަށް ކަނޑައެޅުމަކީ އެ ކޯޓުގެ ދުސްތޫރީ ވާޖިބަކަށް ނުވާނޭތޯއެވެ؟ އެފަދަ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ބާރު އޮންނަންޏާ، މަޖިލިހުގެ އެކިއެކި ދައުރުތަކުގައި، ކޮންމެ ބަޔަކު ވެސް އެ ބަޔަކު ހިތަށް އެރިހައި ގޮތެއް ހަދަމުން ގޮސް ވިހި ތިރީސް ސާޅީސް އަހަރު ވާ އިރު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އޮތް ތަނުގައި އޮންނާނީ ކޮން އެއްޗެއްތޯއެވެ؟ އިއްތަފޫ ކައިގެން އޮޑީގެ ދިރުނބަލަށް ޒަންބީލަ އަރައިއިން ފަދައިން، ޤާނޫނުއަސާސީ ކައިގެން ދިވެހި ޤައުމުގެ ބޮލަށް ސަވާރު ވެއިންނަ އިސްތިބްދާދިއްޔަތާއި ޚުދުމުޚްތާރިއްޔަތާއި ތަޢައްސުފިއްޔަތާއި އަޅުވެތިކަމުގެ ފުރޭތައެއް ނޫންތޯއެވެ؟