28 Feb 2022, 13:15
މި އަހަރުގެ ޖެނުއަރީ މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަ ކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުގައި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 21 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 20 މައްސަލައަކާއި އިހުމާލުވުމުގެ 20 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ކުޑަކުދިން ބޭނުންކުރުމުގެ 11 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 10 މައްސަލައަކާއި ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ ހަ މައްސަލައެއް، އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ތިން މައްސަލަ ހުށަހަޅާފައިވެއެވެ.
ތަފާސްހިސާބުން ދައްކާ ގޮތުގައި ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 13 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ، އަދި ގެވެށި އަނިޔާގެ 56 މައްސަލަ މިދިޔަ މަހު ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 24 މައްސަލައެކެވެ.
މީގެ އިތުރުން ނަފްސާނީ އަނިޔާ ދިނުމުގެ ގޮތުން އަނގަބަހުން އަނިޔާ ކުރުމުގެ 14 މައްސަލައަކާއި ބިރު ދެއްކުމުގެ ގޮތުން ކުރާ ކަންކަމުގެ ހަތް މައްސަލައަކާއި ޖިންސީ ހާނިއްކަ ކުރުމުގެ ފަސް މައްސަލައެއްގެ އިތުރުން ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ ފަސް މައްސަލަ އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ވެސް ހިމެނެއެވެ.
އާއިލީ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު ހުށަހަޅާފައިވަނީ 38 މައްސަލައެވެ. މީގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލައަކާއި ކުދިން ބެލުމުގައި ޖެހޭ 14 މައްސަލައަކާއި އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ ފަސް މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 17 މައްސަލައަކާއި އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ މައްސަލައެކެވެ.
ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ 13 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވާއިރު، އެއީ ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލުމުގެ ހަތް މައްސަލައަކާއި އައިޑީ ކާޑާއި ޕާސްޕޯޓާއި އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ ހަތަރު މައްސަލަ އަދި އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ ދެ މައްސަލަ ހިމެނެއެވެ.
އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 11 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާއިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ހަތަރު މައްސަލައަކާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހަތަރު މައްސަލަ އަދި އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ ތިން މައްސަލަ ހިމެނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިދިޔަ މަހު ހަ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި އަށް ކުއްޖަކު ރީއިންޓާގްރޭޓް ކޮށްފައިވާ ކަމަށެވެ.
ޖެނުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމުލަ 195 ކުދިންނެވެ.