ކުޅިވަރު ދަނޑުތަކުގެ މަސައްކަތް ލަސްވަނީ މިނިސްޓްރީގެ ސަބަބުން ނޫން ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިނިސްޓަރު މަހުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައެވެ.

ސުވާލުކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ މީދޫ ދަނޑުގެ މަސައްކަތް މިހާރު އޮތް ހިސާބެއް ވިދާޅުވުމަށް އެދިވަޑައިގެންފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މީދޫގެ ދަނޑުގެ މަސައްކަތް ލަސްވުމާ ގުޅިގެން ޒުވާނުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރެ، ދަނޑުގައި މިރުސް ގަސް ވެސް ހައްދައިފައިވާ ކަމަށެވެ.

އެކަން ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ ދަނޑުތަކުގެ މަސައްކަތް ލަސްވެގެން ދަނީ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށްގެން ނޫން ކަމަށެވެ.

"އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މިނިސްޓްރީން ކަމެއް ނުކޮށް ލަސްވެގެން ނޫނޭ މި ހިސާބަށް ދަނީ. ހަމަ ހަގީގަތުގައި ވެސް ކުރަން ޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަ ވެގެން ގޮސް، މަސައްކަތްތައް ނުނިންމެނީ. މީދޫ ދަނޑު ވެސް ވެލިދޫ ދަނޑު ވެސް،" މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރާ ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ އެ ރަށުގެ އިޖުތިމާއީ މަރުކަޒުގެ މަސައްކަތް ލަސްކަން ފާހަގަކުރައްވައި، މަސައްކަތްތައް އަވަސް ކުރަނީ އެތެރޭގެ އިންތިޚާބުތަކާ ގުޅިގެންތޯ ސުވާލުކުރައްވައިފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓުތަކާ އިންތިޚާބާ ގުޅުމެއް ނޯންނާނެ ކަމަށާއި ފާއިތުވީ އަހަރުތަކުގައި މަސައްކަތްތައް ލަސްވެގެން ދިޔައީ ކޮވިޑް-19ގެ ސަބަބުން ކަމަށެވެ.

"އެތެރެ ވިޔަސް ބޭރުގައި ވިޔަސް އިންތިޚާބެއް އޮތިއްޔާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތައް ހަމަ ބާރަށް ގޮސް ނިންމައިލަދޭނަން،" މަހުލޫފް ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ މަސައްކަތްތަކުގެ އަޕްޑޭޓު ދެއްވައިފައެވެ.