އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލަށް (ޕީޖީ) އަށް ދައުވާކުރަން ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 90 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާ ކަމަށް އޭސީސީން ބުނެފި އެވެ.

އެ ކޮމިޝަން މިއަދު އާންމު ކުރި 2011 ވަނަ އަހަރުގެ ރިޕޯޓުގައި ބުނަނީ މިދިޔަ އަހަރު އެ ކޮމިޝަނުން ނިންމި 409 މައްސަލައިގެ ތެރެއިން 28 މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލުތަށް ހިންގާފައިވާ ކަމަށް ސާބިތުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން މިދިޔަ އަހަރު 26 މައްސަލައަކާ އެކު 52 ދައުވާއެއް ކުރުމަށް ޕީޖީއަށް ވަނީ ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 91,325,090.93 މިލިއަން ރުފިޔާއަށް އަރާކަމަށް ރިޕޯޓުން ދައްކަ އެވެ.

މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ހިޔާނާތުގެ އެކި މައްސަލަތަކެވެ.

އޭސިސީގެ ރައީސް، ހަސަން ލުތުފު ވިދާޅުވީ މިދިއަ އަހަރު 52 ދައުވާއެއް ކުރަން ފޮނުވޮ ނަމަވެސް އެއްވެސް ދައުވާއެއްގެ މައްސަލަ ކޯޓުން ނިމިފައިނުވާ ކަމަށާއި އޭގެން އެއްވެސް ފައިސާއެއް ވެސް ލިބިފައި ނުވާ ކަމަށެވެ.
ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ބައެއް މައްސަލަތަކުގައި ދެތިން ހަތަރު ދައުވާއެއް އެކެއްގެ މައްޗަށް އުފުލާފައިވާއިރު އެ ދައުވާތަކުގެ މައްސަލަ ކޯޓުގައި އޮތް ކަމަށާއި އޭސީސީ އުފެދުނު ފަހުން އިސްތިއުނާފު މަރުހަލާ ނިމި ނިމިފައިވަނީ އަދި އެންމެ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ޝަރުއީ މަރުހަލާގައި މައްސަލަތަށް އެކަށީގެންވާ މިންވަރަށް ހިނގަމުންނުދާ ކަމަށެވެ.

"މީގައި ވަރަށް ބައިވަރު މައްސަލަތަށް އެބަހުރި. އެއީ ތަހުގީގުގެ މަރުހަލާގައި ވެސް ޝަރުއީ މަރުހަލާގައި ވެސް މިހާތަނަށް ކުރެވުނު ތަޖުރިބާގައި ދެ ކަމެއް އެބަހުރި. އެއީ ކުށްކުރުން އިތުރުވާ މިންވަރަށް މުއައްސަސާތަކުގައި ޓެކްނިކަލް ކެޕޭސިޓީ ނެތީ. އެވަރަށް މޭން ޕަވާ ވެސް ނެތީ. ތަހުގީގު ކުރުމާއި ޝަރުއީ ދާއިރާގެ މައްސަލަތަކާ ހެދި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން އެއީ ޝަރުއީ ދާއިރާއާއި ގުޅުންހުރި މުއައްސަސާތަކަށް،" މުއައްވިޒު ވިދާޅުވި އެވެ.

މިދިޔަ އަހަރު އެންޓިކޮރަޕްޝަން ކޮމިޝަނަށް 1177 ޝަކުވާ ހުށަހެޅުނު އިރު ބަލައިގަތީ 950 މައްސަލައެކެވެ. އޭގެތެރެއިން 154 މައްސަލައެއްގައި އެކަށީގެންވާ ވަރަށް މައުލޫމާތު ނުދޭތީ ވަނީ ބަލައި ނުގެންފަ އެވެ. އަދި 13 މައްސަލައެއް ތަހުގީގު ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވިއިރު 114 މައްސަލައެއްގައި ބައެއް ކަންކަން އިސްލާހުކުރަން މުއައްސަސާތަކަށް އެންގި އެވެ.

އޭސީސީން ހިންގި އަޖުމަ ބެލުމުގެ ދިރާސާއިން ދައްކާގޮތުން ކޮރަޕްޝަން އެންމެ ބޮޑަށް ފެތުރިފައިވާ ކަމަށް އާންމުން ގަބޫލުކުރަނީ ޝަރުއީ ދާއިރާގަ އެވެ. އަދި ދެވަނައަށް ދައުލަތުގެ ކުންފުނިތަކުގަ އެވެ. ދެން އެންމެ ބޮޑަށް ސިޔާސީ ދާއިރާގަ އެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެ ބޮޑަށް ކޮރަޕްޝަން ހިމެނޭ ކަމަށް މީހުން ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހުގަ އެވެ. ދެން ކައުންސިލްތަކުގަ އެވެ. އަދި ތިންވަނައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެ ދިރާސާ ކުރިއަށް ގެންދިޔައީ ހދ. އަތޮޅުގަ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އަހަރުގެ އެއްފަހަރަކު ނެރޭ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް 2011"ގައި ރާއްޖެއޮތީ އިތޯޕިއާއަށް ވުރެވެސް ފަހަތުގައި 134 ވަނައިގަ އެވެ. ހަމަ އެ ޖަމްއިއްޔާއިން ނެރޭ "ޑެއިލީ ލައިފް އެންޑް ކޮރަޕްޝަން" ރިޕޯޓުން ދައްކާ ގޮތުން ރާއްޖޭގައި އެންމެ ކޮރަޕްޝަން ބޮޑީ ރައްޔިތުން މަޖިލީހުގަ އާއި ޝަރުއީ ދާއިރާގަ އެވެ.