ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށް ބާސާއިން ރަނގަޅު ފޯމެއްގައި ހިފަހައްޓައިފިއެވެ.

މެޗުން ބާސާ މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ހަތަރު ލަނޑު ޖަހާފައެވެ. އެއީ ވެލެންސިއާ އާއި ބިލްބާއޯ ކޮޅަށެވެ. އަދި ޔޫރޮޕާ ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ރޭގެ މެޗުގައި ބާސާއަށް ފުރަތަމަ ލީޑު ނަގައިދިނީ ޕިއޭ އެެމެރިކް އޮބާމަޔަންއެވެ. އެ ލަނޑު އޭނާ ޖެހީ ކޯނަރެއްގައި ޖެރާޑް ޕީކޭ ބޮލުން ޖެހި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އެނބުރި ދިޔަ ވަގުތު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖެހީ އޮސުމާން ޑެމްބަލޭ އެވެ. އޭނާ މި ލަނޑު ޖެހީ ފްރެންކީ ޑި ޔޯން ދިން ބޯޅައަކުންނެވެ.

ބާސާގެ ފަހު ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޑެމްބެލޭ ނެގި ހުރަހަކުން ލޫކް ޑި ޔޯން ބާސެލޯނާގެ ތިން ވަނަ ގޯލު ޖަހައިދިނެވެ.

ފަހު ލަނޑު ޖަހައިދިނީ މެމްފިސް ޑިޕާއި އެވެ. މި ލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ޑެމްބަލޭއެވެ.

މެޗުން މޮޅުވެ ބާސާ އޮތީ ހަތަރު ވަނައިގައި 45 ޕޮއިންޓާއެކުއެވެ. އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ބެޓިސް އަށް ވަނީ 46 ޕޮއިންޓް ލިބިފަ އެވެ.