ކަރަބާއޯ ކަޕްގެ ފައިނަލްގައި ރޭ ޗެލްސީ ބަލިކޮށް ލިވަޕޫލްއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕެނަލްޓީ ޖަހައިގެން ލިވާޕޫލްއިން ކާމިޔާބުކުރީ 11-10ގެ ނަތީޖައަކުންނެވެ.

މިރޭގެ މެޗަށް ލިވަޕޫލްއިން ނިކުތީ އެ ޓީމުގެ އެއް ނަންބަރު ކީޕަރު އެލިސަން ބެކާގެ ބަދަލުގައި ކެލެހާ ހިމަނައިގެންނެވެ. ޗެލްސީ އިން މެޗަށް ނިކުތީ ލުކާކޫ އަދި ޖޯގިންހޭ ފުރަތަމަ އެގާރައިގައި ނުހިމަނައެވެ.

މެޗުގައި ރަނގަޅަށް ކުޅެފައިވަނީ ލިވަޕޫލް އިންނެވެ. އެ ޓީމުން މެޗުގައި ޗެލްސީގެ ގޯލަށް އަމާޒުކޮށް ހަ ހަމަލާއެއް ފޮނުވާލިއިރު، ޗެލްސީއަށް އުފެއްދުނީ ހަތަރު ހަމަލާއެކެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ.

ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ސާޑިއޯ މާނޭ ދިން ބޯޅައަކުން ޖޮއެލް މަޓިޕް ލަނޑެއް ޖަހައި ލިވަޕޫލްއަށް ލީޑު ނަގައިދިން ނަމަވެސް، ރެފްރީ ވަނީ އޮފްސައިޑުކަމަށް ނިންމައި ގޯލު ކެންސަލްކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެ ހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން ނަތިޖާ ނެރުމަށް ދެން ޖެހީ ޕެނަލްޓީއެވެ. މި ހާފުގައި ޗެލްސީގެ ރޮމެލޫ ލުކާކޫ އާއި ހަވާޓްޒް ޖެހި ގޯލުވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ.

ލިވަޕޫލްގެ ފުރަތަމަ ފަސް ޕެނަލްޓީ ޖަހައިފައިވަނީ މިލްނާ، ފަބީނޯ، ވެންޑައިކް، އާނޯލްޑް އަދި ސަލާހުއެވެ.

ޗެލްސީގެ ފަސް ޕެނަލްޓީ ކާމިޔާބުކުރީ މާކޮސް އަލޮންސޯ، ލުކާކޫ، ހަވާޓެޒް، ޖޭމްސް އަދި ޖޯގިންހޯއެވެ.

ފަސް ޕެނަލްޓީ ވެސް ދެ ޓީމުން ކާމިޔާބުކުރުމުން ނަތީޖާ ނެރުމަށް ވަނީ އިތުރު ޕެނަލްޓީ ޖަހާފައެވެ. ލިވަޕޫލްގެ އެ ޕެނަލްޓީތައް ޖޮޓާ، އޮރިގީ، ރޮބާޓްސަން، އެލިއޮޓް، ކޮނޭޓް އަދި ކެލެންހާ ކާމިޔާބުކޮށްދިނެވެ.

ޗެލްސީގެ ރުއާޑިގާ، ކާންޓޭ، ވާނޭ، ސިލްވާ، ކަލޮބާ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ކެޕާ ފޮނުވާލި ޕެނަލްޓީ ދިޔައީ މަތިންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލްއިން ތަށި ކާމިޔާބުކުރިއިރު، ލިވަޕޫލަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ.