ބައިނަލްއަގުވާމީ ޖޫޑޯ ފެޑެރޭޝަނުގެ އޮނަރަރީ ރައީސްކަމުން، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ފެޑެރޭޝަނުން ބުނެފިއެވެ.

ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް "ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް" ފަށާފައިވާއިރު ހުޅަނގުގެ ގައުމުތަކުން އަންނަނީ ރަޝިއާ އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އަދި އިގުތިސާދީގޮތުން ރަޝިއާ ބާކީކޮށްލުމުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅަމުންނެވެ.

"ޔޫކްރޭނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ކަންކަމުގެ މައްޗަށް ބިނާކޮށް، ރަޝިއާގެ ރައީސް ޕޫޓިންގެ އޮނޮރަރީ ރައީސްކަމުގެ ލަގަބު ސަސްޕެންޑްކުރުމަށް ނިންމައިފިން،" ޖޫޑޯ ފެޑެރޭޝަނުގެ ބަޔާނުގައި ވެއެވެ.

މިދިޔަ 2014 ވަނަ އަހަރު ޖޫޑޯ ފެޑެރޭޝަނުގެ ރައީސް ވަނީ ޕޫޓިން އަކީ ޖޫޑޯ ކުޅިވަރަށް އެންމެ ރަނގަޅު އެމްބެސެޑަރުކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހިންގާ ޚާއްސަ މިލިޓަރީ އޮޕަރޭޝަންގެ ސަބަބުން ކުޅިވަރުގެ ދުނިޔޭގައިވެސް ރަޝިއާ ވަނީ ވަރަށް ބޮޑަށް ބާކީވެފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލް ރަޝިއާގައި ނުކުޅުމަށް ވަނީ ނިންމާފައެވެ. އަދި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް ރަޝިއަން ގްރޭންޑް ޕްރީ ކެންސަލްކުރުމަށް ފޯމިއުލާ ވަން އިން ވަނީ ނިންމާފައެވެ.

މީގެއިތުރުން ވޯލްޑް ކަޕްގެ ޕްލޭ އޮފް މެޗުތައްވެސް ރަޝިއާގައި ކުޅުމަށް ގިނަ ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ.

ޔޫކްރޭނާއެކު ހުޅަނގުގެ ގިނަ ގައުމުތައް ތިބިއިރު ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ.