ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު، AN-225 ރިޔާއަށް ރަޝިއާއިން ހަމަލާދީފިއެވެ.

މިކަން ޔޫކްރޭނުގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކްލެބާ ވަނީ ޔަގީންކޮށްދެއްވާފައެވެ. AN-225 ރިޔާއަށް ރަޝިއާއިން ދިން ހަމަލާއަށްފަހު ކްލެބާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫކްރޭން ރައްޔިތުންގެ އެއްބައިވަންތަކަމަށް ހުރަސް ނޭޅޭނެ ކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުންގެ ހުވަފެންތަކަށްވެސް ހުރަސް ނޭޅޭނެކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޔޫކްރޭނުގެ ވެރިރަށް ކިއެވްގައި އޮންނަ ހޮސްޓޮމެލް އެއާޕޯޓަށް ރަޝިއާއިން ދިން ހަމަލާއެއްގައި AN-225 ރިޔާއަށް ތިން ބިލިއަން ޑޮލަރުގެ ގެއްލުމެއް ވިއެވެ. އަދި އެ މަތިންދާބޯޓު އަލުން މަރާމާތުކުރުމަށް ފަސް އަހަރު ނަގާނެކަމަށް ބެލެވެއެވެ.

މީލާދީން 1988 ވަނަ އަހަރުން ފެށިގެން ކާގޯ އުފުލުމަށް ބޭނުންކުރަމުން އަންނަ AN-225 ރިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓެވެ. މި މަތިންދާބޯޓަށް ލިބުނު ގެއްލުމުގެ ފުރިހަމަ ޒިންމާ ރަޝިއާއިން ނަގަންޖެހޭނެކަމަށް ޔޫކްރޭނުގެ ސަރުކާރުން ވަނީ ބުނެފައެވެ.