28 Feb 2022, 10:03
އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން އދ.ގެ ސަލާމަތީ މަޖިލީހުން ނިންމައިފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 193 މެމްބަރުންނަށް ބާއްވާ މި ކުއްލި ބައްދަލުވުން އޮންނާނީ މިއަދުގެ ވަގުތެއްގައެވެ.
ސަލާމަތީ މަޖިލީހުން މިފަދަ ބައްދަލުވުމެއް ބާއްވަން ނިންމީ ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފައިވާ ދަނޑިވަޅެއްގައެވެ.
ޖުމުލަ 15 މެމްބަރުން ހިމެނޭ ސަލާމަތީ މަޖިލީހުން އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ހުށަހެޅީ ޕްރޮސީޖަރަލްކޮށެވެ.
ޕްރޮސީޖަރަލްކޮށް ހުށަހެޅުމުން ރަޝިއާއަށް މި ހުށަހެޅުން ވީޓޯ ނުކުރެވޭނެއެވެ. ނަމަވެސް އާންމު މަޖިލީހުގެ ބައްދަލުވުން ބޭއްވުމަށް ނެގި ވޯޓުގައި ރަޝިއާއިން ވަނީ ނޫނެކޭ ބުނެފައެވެ. އަދި އިންޑިއާއާއި، ޗައިނާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ ވަކި ގޮތަކަށް ވޯޓްދޭން ބޭނުންނުވާކަމަށް ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުން ހުށަހެޅި ގަރާރެއް ރަޝިއާއިން ވަނީ ވީޓޯކޮށްފައެވެ. އެ ގަރާރުގައިވާ ގޮތުން ރަޝިއާއިން ޔޫކްރޭނަށް ހަމަލާދިނުން ވަގުތުން ވަގުތަށް ހުއްޓާލަންޖެހެއެވެ. އެ ގަރާރު ފާސް ކުރުމަށް ނެގި ވޯޓުގައިވެސް އިންޑިއާއާއި، ޗައިނާއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ ވަކިކޮޅަކަށް ވޯޓް ނުދޭން ނިންމާފައެވެ.
ސަލާމަތީ މަޖިލީހުން މީގެ ކުރިން ހުށަހެޅި ފަދަ ގަރާރެއް އާންމު މަޖިލީހަށް ހުށަހަޅާނެކަމަށް ބެލެވެއެވެ. އާންމު މަޖިލީހުގައި އެއްވެސް ގައުމަކަށް ވީޓޯކުރުމުގެ ބާރެއް ނޯވެއެވެ.
އދ.ގެ އާންމު މަޖިލީހުގެ ނިންމުންތަކަކީ ސިޔާސީގޮތުން މިނެކިރޭނެ ނިންމުންތަކެކެވެ. އަދި އެއީ، ބަައިނަލްއަޤްވާމީ މަސްރަހުގައި ރަޝިއާ ބާކީވެފައި އޮތް މިންވަރު ދައްކުވައިދޭނެ ކަމެއްގެ ގޮތުގައި އެމެރިކާއިން ދެކެއެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި އދ.ގެ ސަލާމަތީ މަޖިލީހުން ފަސް ފަހަރެއްގެ މަތިން ބައްދަލުވުންތައް ބާއްވާފައި ވެއެވެ. ރަޝިއާއިން ޔޫކްރޭނަށް ހަމަލާދިނުމުގެ ސަބަބުން ޔޫރަޕުގައި ހަނގުރާމައިގެ ބޯ ވިލާގަނޑެއް އުފެދިފައިވާއިރު ގިނަ ގައުމުތަކުން ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.