މަސްތުވާތެކީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މި ސަރުކާރުން ފަށާފައިވާ ހަނގުރާމަ ނިންމާނީ ކާމިޔާބުކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ގައިދީންްގެ ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތް ފެށީ ކެރިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

"އެއީ، މަސްތުވާތަކެތީގެ ވިޔަފާރިން ނަފާ ލިބި، މުއްސަނދިވެ، ބާރުވެރިވެ، އަނެކުންގެ ހިތްތަކަށް އެބައިމީހުންގެ ބިރުވެރިކަން ވައްދާފައިވާ ބޮޑު ނެޓްވޯކްތައް ރާއްޖޭގައި އެބަ އޮތްކަން އެއީ އަޅުގަނޑުމެން ހިތްދަތިކަމާއެކު ގަބޫލުކުރަން ޖެހޭ ހަގީގަތެއް،" އިމްރާން ވިދާޅުވިއެވެ.

މި މަސައްކަތާ ކުރިމަތިލާން ޖެހޭނީ މި ޕްރޮގްރާމް ފެއިލް ކުރުމަށް ރެއާ ދުވާލު، ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރާނެކަން އެނގިތިބެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިއަދު ފެށި ރިހެބިލިޓޭޝަން ޕްރޮގްރާމަކީ، މި މަހުގެ ތިން ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ، ކުރައްވާނެ މުހިންމު ކަންތައްތަކުގެ ތެރެއިން، ހޯމް ސެކްޓާއާ ހަވާލު ކުރައްވާފައިވާ މަސައްކަތެއް ކަަމަށެވެ.

މި ޕްރޮގްރާމްގެ ސަބަބުން ޖަލުގައި ބިކަވެ ނިކަމެތިވެފައިވާ އެތައް ޒުވާނެއްގެ ކުރިމަގު އުޖާލާކޮށް އަލިކޮށްދޭނެ ކަމަށާއި ޖަލުން ނުކުމެ، އަމިއްލައަށް މަސައްކަތް ކޮށްގެން ދިރިއުޅެވޭނެ މަގު، މި ޕްރޮގްރާމްގެ އެހީގައި ކޮށައިދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.