އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ނައިބް ލީޑަރުކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ދެ މެންބަރުންނަށް ލިބުނު ވޯޓު އެއްވަރުވުމުން މާދަމާ ބޭއްވުމަށް އިއުލާނުކޮށްފައިވާ ބައި އިލެކްޝަން ފަސްކޮށްފިއެވެ.

އެ މަގާމަށް ކުރިމަތިލެއްވި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސެއިން ޝަހީމް (އަނދުން ޙުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބުނީ 34 ވޯޓެވެ. އެހެންކަމުން ދެވަނަ ނައިބު ލީޑަރު އިންތިޚާބު ކުރުމަށްޓަކައި ވޯޓުލުމުގެ އިތުރު ބުރެއް ބާއްވާން ޖެހޭނެއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ, އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް މާދަމާ ބޭއްވުމަށް ކުރިން އިއުލާން ކޮށްފައިވާ އިންތިޚާބު، އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

އެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.

އެމްޑީޕީ ޕީޖީއަށް ދެ ނައިބް ލީޑަރުން ހޮވާއިރު އެންމެ ގިނަ ވޯޓް ލިބިގެން މިހާރު ހޮވިފައިވަނީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)އެވެ. އޭނާ އަށް ލިބުނީ 49 ވޯޓެވެ.

ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުކަމަށް އިންތިޚާބުކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. އެ އިންތިޚާބު އަސްލަމް ކާމިޔާބުކުރެއްވީ 40 ވޯޓުންނެވެ. އަސްލަމާ ވާދަ ކުރެއްވި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ކުރީގެ ޕީޖީ ލީޑަރު ޢަލީ އާޒިމަށް ލިބުނީ 25 ވޯޓެވެ.