ވީބީ އައްޑޫ އެފްސީ އަތުން 6-0 ލަނޑުން މޮޅުވެ، ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ވިކްޓަރީ ސްޕޯޓްސް ކުލަބް ޖާގަ ހޯދައިފި އެވެ.

ވިކްޓަރީ ސެމީއިން ޖާގަ ހޯދީ ގްރޫޕް އޭ ފަޅިން، އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ދެ ވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ކަށަވަރުކޮށްފައިވާ ޓީމަކީ މާޒިޔާ އެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭ ފަޅީގެ މި މެޗުގައި ވީބީ ކޮޅަށް ވިކްޓަރީން ޖެހި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އައްފާން ހަމްޒާ އެވެ. ދެ ވަނަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި މުހައްމަދު ޒިލްވާޒް ޒާހިރު ކާމިޔާބު ކޮށްދިން އިރު، ވިކްޓަރީގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު ސުޖާއު އެވެ. އަދި ދެ ވަނަ ހާފުގައި ވިކްޓަރީގެ އަހުމަދު ސަފީއު އެ ޓީމަށް ހަތަރު ވަނަ ލަނޑާއި ހަ ވަނަ ލަނޑު ޖަހައިދިން އިރު، ވިކްޓާރީގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އިސްމާއިލް ޖުހައިލް ޒާހިރެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ގްރޫޕް އޭ ފަޅީގެ ހުރިހާ މެޗުތަކެއް އިއްޔެ ކުޅެނިމުނު އިރު، ގްރޫޕްގެ އެއް ވަނަ ޓީމަކީ ވިކްޓަރީ އެވެ. އެ ޓީމަށް ޖުމްލަ އަށް ޕޮއިންޓާ އެކު ފައިދާ ހަތް ގޯލް ކާމިޔާބު ކުރެވުނު އިރު، ގުރޫޕްގެ ދެ ވަނަ ލިބެނީ އަށް ޕޮއިންޓާ އެކު، ފައިދާ ދެގޯލް ކާމިޔާބު ކުރެވުނު މާޒިޔާ އަށެވެ. އަދި ގްރޫޕްގެ ތިން ވަނަ ވިޔަންސާ އަށް ލިބޭ އިރު، މަހިބަދޫ ދިޔައީ ގްރޫޕްގެ ހަތަރު ވަނަ އަށެވެ. އަދި ހުސްއަތާ ޕޮއިންޓެއް ނެތި ގްރޫޕްގެ ފުލުގައި އޮތީ ވީބީ އައްޑޫ އެފްސީ އެވެ.

ކޮންމެ ގުރޫޕަކުން ވެސް އެންމެ މޮޅު ދެ ޓީމް ސެމީ ފައިނަލަށް ދަތުރު ކުރާ މިމުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ބީ ފަޅީގެ އެންމެ ފަހު މެޗެވެ. މިއަދު ހަވީރު 4:15 ގަލޮޅު ދަނޑުގައި ކުޅޭ މިމެޗަށް ނިކުންނަ ދެ ޓީމަކީ އީގަލްސް އާއި ކެލާނާޅި ސްޕޯޓްސް އެވެ. މިއަދުގެ މެޗަށް މި ދެ ޓީމް ނިކުނައިރު، އީގަލްސް އަދި އޮތީ ގްރޫޕްގެ ދެ ވަނާގައި ފަސް ޕޮއިންޓާ އެކު ފައިދާ ދެ ގޯލް ކާމިޔާބު ކޮށްގެންނެވެ. އަދި ކެލާނާޅި ސްޕޯޓްސް އޮތީ ހަތަރު ވަނާގައި ހަތަރު ޕޮއިންޓާ އެކު އެވެ. އެހެން ކަމުން މިއަދުގެ މެޗު އެއްވަރު ވިޔަސް ސެމީއަށް ދަތުރުކުރާނީ އީގަލްސް އެވެ. އަދި މެޗުން މޮޅުވެއްޖެ ނަމަ އީގަސްއަށް ގުރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. މިގްރޫޕްގެ އެއް ވަނަ އަދި ލިބެނީ މިހާރު ވެސް ސެމީއިން ޖާގަ ކަށަވަރުވެފައިވާ ވެލެންސިޔާ އަށެވެ. އެގޮތުން ގިރޫޕުގައި ވެލެންސިޔާ އޮތީ ހަތް ޕޮއިންޓާ އެކު ފައިދާ ފަސް ގޯލް ކާމިޔާބު ކޮށްގެންނެވެ. މިގްރޫޕްގެ ތިން ވަނަ އޭވައިއެލް އަށް ލިބޭ އިރު، ގްރޫޕްގެ އެންމެ ފުލުގައި އޮތީ ދެ ޕޮއިންޓާ އެކު އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާ ދެ ވަނަ ޓީމެވެ. އަދި ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއް ވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ނިންމާފައިވާ އިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.

މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ، މި މުބާރާތް މިފަހަރު ކުރިއަށް ގެންދަނީ 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާ އިރު، މިދިޔަ ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ.