28 Feb 2022, 01:04
އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފިއެވެ.
މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހްމަދެވެ. އައިޖީއެސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދެވެ.

އައިޖީއެސް އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށްވުމަށް އެޗްޑީސީން ސޮއިކުރަނީ ---- ފޮޓޯ: އެޗްޑީސީ
މި މިޝަންގެ ފުރަތަމަ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދައި ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. މި ސެޓެލައިޓް ހަދައި، ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުންނެވެ.

އައިޖީއެސް އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: އެޗްޑީސީ
މި ތާރީޚީ މިޝަންގެ މެއިން ޕާޓްނަރަކަށް ވުމަކީ އެޗްޑީސީއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ފާހަގަކުރައްވާ ގޮތުގައި ގޮތުގައި އެޗްޑީސީގެ އެހީތެރިކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި މިޝަންގެ މަޤްޞަދު ހާސިލުކުރެވޭނެއެވެ.
މިއީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައިޖީއެސް އިން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ކޭއެސްއެފް ސްޕޭސް ފައުންޑޭޝަން އަކީ ސްޕޭސް ޢިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް
ކުންފުނި ސްޕޭސް އެކްސް ގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ.