27 Feb 2022, 22:18
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސިޔާސީ މަގާމްތަކުގައި ތިބި އެ ޕާޓީގެ އެކި މެމްބަރުން ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ރޫހުގެ އިންތިޚާބު އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އިއުލާނުކޮށް ކެމްޕެއިން ވަނީ މިހާރު ފަށާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ.
އެޕާޓީގެ ގައިމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް މިރޭ ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ, ގާނޫނު އަސާސީގެ 115 ވަނަ މާއްދާ, ރައީސް ޞާލިޙް ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ, ރައިސުލްޖުމްހޫރިއްޔާގެ ބާރުތަކާ މަސްއޫލިއްޔަތުތަކެވެ.
ރައީސް ޞާލިޙް އެ މާއްދާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ, އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ޕާޓީން މަގާމްތަކަށް ލާފައި ތިބޭ މީހުން ވަކިކޮށްގެން ނުވާނެ ކަމަށެވެ.
"ވަކިކުރަނީ ނަމަ އަޅުގަނޑު ވެސް ވަކި ކުރައްވާ," ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަކި ކުރެއްވުމަށް ރައީސް ޞާލިޙަށް ދެންނެވި ނަމަވެސް އެމަނިކުފާނު ހުންނެވި ދެ މަގާމަކީ ވެސް އިންތިޚާބީ ދެ މަގާމެވެ. އެހެންކަމުން އެ ޕާޓީގެ ރައީސް ކަމުން އަދި މަޖިލީހުގެ ރައީސް ކަމުން ވެސް, ރައީސް ނަޝީދު ވަކި ކުރެއްވުމަކީ ރައީސް ޞާލިޙަށް ކުރެއްވޭނެ ކަމެއް ނޫނެވެ.
ރައީސް ނަޝީދުގެ މެސެޖައް ތާއިދުކުރައްވާކަން ހާމަކޮށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ, އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ސިޔާސީ ވަޒީފާ ދެމުންދާ ވަރު މަދު ނޫން ކަމަށާއި އެކަން ކުރަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޯމަތިވެފައިވާއިރު އެންމެ ވާދަވެރިކޮށް ފެންނަނީ އެ ޕާޓީގެ އެންމެ ނުފޫޒުގަދަ އެއް މަގާމު ކަމުގައިވާ ޗެއާޕާސަންގެ މަގަމާގެ ރޭހެވެ.
އެ މަގާމަށް ކުރިމަތިލައްވާފައިވަނީ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.
ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އެ އިންތިޚާބަކީ ދެ ރައީސުންގެ ކުރިމަތިލެއްވުމެކެވެ. އެގޮތުން ރައީސް ޞާލިޙްގެ ފަޅިން ފައްޔާޒު އަދި ރައީސް ނަޝީދުގެ ފަޅިން ނުކުންނެވީ އިމްތިޔާޒް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
ނަމަވެސް ދެ ރައީސުން އަދި އެއްވެސް ބޭފުޅަކަށް ތާއިދު ކުރެއްވި ކަން ހާމަކުރައްވާފައެއް ނުވެއެވެ.