27 Feb 2022, 22:50
ރާއްޖެ ފަދަ ކުޑަކުޑަ ޖަޒީރާ ގައުމަކަށް، ޤައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ތާރީޚު އުގަންނައިދީ ތާރީޚަށް ހޭލުންތެރި ކުރުވުނު މިންވަރަކުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ވަޒީރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ޤައުމީ ތާރީޚު ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖްގައި ޔުމްނާ ވިދާޅުވީ ރާއްޖެއަކީ ވަރަށް ދިގު އަދި އެހާމެ މުއްސަނދި ތާރީޚެއް އޮތް ގައުމެއް ކަމަށާއި އެހެންކަމާއެކު ކާބަފައިންގެ ކިބައިން ވާރުތަ ވެގެން އައިސްފައިވާ އާދަކާދަތަކާއި ހުނަރުވެރި އަދި މަސައްކަތްތެރިކަމުގެ ހެކިތައް މިހާރުވެސް ފެންނާން އެބަހުރި ކަމަށެވެ.
އެކަމަނާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާ ވެފައިވަނީ ރަށްފުށު ދިރިއުޅުމާއި ދުރު ވަރަށް އެކަހެރި ތަޖުރިބާއެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ގެސްޓްހައުސް ޓޫރިޒަމާއެކު އެކަން ބަދަލުވެ، ރަށްރަށް ފަތުރުވެރީން ޒިޔާރަތް ކުރާން ފެށި ނަމަވެސް ވަރަށް ފަހަކާ ޖެހެންދެން ވެސް ދިވެހީންގެ ސަޤާފަތާއި ތާރީޚާ ތަރިކަ ވަނީ އެ ފަތުރުވެރީންގެ ތަޖުރިބާގެ ބައެއްގެ ގޮތުގައި ނުހިމެނިކަމަށެވެ.
"އަލަށް ފެށި ހޯމް ސްޓޭ ޓުއަރިޒަމާއި ދާދި ފަހުން ސަވާދީއްޔަ ދަތުރުގެ ނަމުގައި ބޭއްވި ޔޮޓް ރެލީ ފަދަ ހަރަކާތްތަކާއެކު މިކަން ވަނީ ބަދަލުވާން ފަށާފައި. ރާއްޖޭގެ ތާރީޚު އޮޅުންފިލުވާ ރާއްޖޭގައި ހުރި އާސާރީ ތަންތަން ބަލައި ދިވެހީންގެ ސަޤާފަތް ތަޖުރިބާ ކުރުމަށް ފަތުރުވެރީން ރާއްޖެ އަންނާން ފެށުމަކީ މިއަދު މި ދެކޭ ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ ހުވަފެނުގައި ކުލަޖެހި ރައްޔިތުންނަށް އޭގެން އިޤްތިޞާދީ އެތައް ފައިދާއެއް ކުރާނެ ކަމެއް،" ޔުމްނާ ވިދާޅުވިއެވެ.
"މިމަސައްކަތުގެ ނަތީޖާއަކަށް ވާނީ މިހާތަނަށް އޭގެ ނަފާ ހޯދިފައި ނެތް އެތައް ގޮތަކުން ފަތުރުވެރިކަމުގެ ނަފާ ހޯދުން،"
ލޯކަލް ކައުންސިލްތަކަށް ޔުމްނާ ގޮވައިލެއްވީ ރާއްޖޭގެ ކޮންމެ އަތޮޅަކީ ވެސް އަދި ކޮންމެ ރަށަކީ ވެސް ޝައުގުވެރި ކުރުވަނިވި މުއްސަނދި، ތާރީޚެއް އޮތް ރަށެއް ކަމަށްވާއިރު، އަތޮޅުތަކާއި ރަށްރަށުގެ ތާރީޚު ހޯދައި އެއްކުރުމަށްފަހު ފަސޭހައިން ބޭނުން ކުރެވޭނެ ގޮތެއްގައި އެ މައުލޫމާތު ރައްކާ ކުރުމަށެވެ.
އެގޮތުން އަތޮޅާއި ރަށްރަށާއި ގުޅޭ ކުރީގެ ލިޔުންތައް އަރުޝީފު ކުރުމާއި އިސް ރަށްވެހިން ފުށުން ރަށުގެ ތާރީޚާއި ގަދީމީ ވާހަކަތައް އޮޅުންފިލުވައި ރައްކާ ކުރުމަކީ ކުރުން މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.
"މިފަދައިން އެއްކުރެވޭ މައުލޫމާތަކީ ސަގާފީ ފަތުރުވެރިކަމުގެ އާރުކާޓީންގެ ގޮތުގައި ތިބޭނެ ލޯކަލް ގައިޑުން ތަމްރީނު ކުރުމަށް ބޭނުންތެރި ވަސީލަތަކަށް ވާނެ،" ޔުމްނާ ވިދާޅުވިއެވެ.
އިތުރަށް ޔުމްނާ ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރޭގައި މިހާރަށްވުރެ، ބޮޑަށް ތާރީޚާއި އާދަކާދަ އަދި ސަޤާފަތް ހިމެނުމަކީ ކޮންމެހެން ކުރާންޖެހިފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ކުރުމުގައި ކައުންސިލްތަކާއި ކަމާބެހޭ އެހެން ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓްރީން އޮތީ ތައްޔާރަށް ކަމަށެވެ.
މި އަހަރަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، މި އަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިޔާރަކީ "ދިވެހި ތާރީޚާއި ފަތުރުވެރިކަން" މިއެވެ.