ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ތ. ވޭމަންޑޫގައި މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެ ދެ ޚިދުމަތް އިފްތިތާހުކޮށްފައިވަނީ ވޭމަންޑޫ ރައްޔިތުންނަށް ޚާއްސަ އޮފާތަކަކާއެކުއެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ރައުޓަރު ނުވަތަ ޚާއްސަ އޯއެންޓީ ވެސް ހިލޭ ލިބޭނެއެވެ.

މީގެއިތުރުން ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް އެ ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއީބޮކްސް (ޑީކޯޑަރު) ވެސް ދިރާގުން ހިލޭ ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބީސީ ތަކުގެ 82 ޕަސަންޓު މީހުނަށް އެ ޚިދުމަތް ދިރާގުން ފޯރުކޮށްދޭއިރު އޭގެ ތެރޭގައި 79 ރަށެއް ހިމެނެއެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެ ޚިދުމަތް ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އަޕީޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ޓީވީއެވެ. ކޮންޓެންޓް، ކުއަލިޓީ އަދި އަގުގައި އެއްވެސް ތަފާތުކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސަންޓު ގޭބީސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައެވެ.