27 Feb 2022, 22:05
ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް ޚާއްސަކޮށްގެން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މާފުށީ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲއެވެ.
ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ، މަސްތުގެ ވަބާގައި ޖެހި، ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭ ގައިދީން ރިހަބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީން ޑިޓޮކްސިފައިކޮށް، ޑްރަގް ޓްރީޓްމަންޓް ދިނުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ވަޒީފާ އަދާކުރަން ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ.
ޖުމްލަ 40 މީހުންނާއެކު މިއަދު ފެށި އެ ޕްރޮގްރާމް އެކުލަވާލާފައި ވަނީ ހަތަރު މަރުލަހާއަކަށެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރު ބެލުމަށް އެސަސްމެންޓެއް ހެދުމަށް ފަހު 21 ދުވަހުގެ މުއްދަތަށް ޑިޓޮކްސިފިކޭޝަން މަރުހަލާއެއް ކުރިއަށްގެންދާނެއެވެ.
ރިހެބިލިޓޭޝަން މަރުހަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމްގެ ބައިވެރިންނަށް ސައިކޯސޯޝަލް ސަޕޯޓްދޭނެއެވެ. އަދި ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަނަލް ނުވަތަ ސްކިލް ޓްރެއިނިންތައް ދިނުމުގެ އިތުރުން ދީނީ ކަންކަމަށް ހޭލުންތެރިކުރުވާނެއެވެ.
ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ބައިވެރިން މުޖުތަމަޢުއަށް ނެރުމުގައި ހުރި ނުރައްކާ ދެނެގަތުމަށް ރިސްކް އެސަސްމެންޓްތައް ހަދައި، ވަޒީފާގެ ފުރުސަތު ހޯދައިދީ، ޕެރޯލްގެ ދަށުން މުޖުތަމަޢުއަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ކަރެކްޝަންސް އިން ބުނީ ފަހު މަރުހަލާގައި އެ ޕްރޮގްރާމްގެ ދަށުން މުޖުތަމަޢުއަށް ނެރޭ ބައިވެރިން ދެ އަހަރުގެ މުއްދަތަކަށް މޮނިޓާކުރާނެ ކަމަށެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި މިހާރު ތިބި ގައިދީންގެ 60 ޕަސެންޓަކީ މަސްތުވާ ތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނެވެ.
ފާއިތުވި 2021 ވަނަ އަހަރު މަސްތުވާ ތަކެއްޗާ ގުޅިގެން 209 މީހަކު ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި އަހަރުގެ މިހާތަނަށް މަސްތުވާ ތަކެއްޗާ ގުޅިގެން 105 މީހަކު ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފާއިތުވި ފަސް އަހަރު ތެރޭގައި، ޖުމްލަ 1637 މީހަކު ވަނީ، މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.