ރާއްޖެ އެތެރެ ކުރި ކެރޭނުގެ އަގު ކަސްޓަމްސް އިން ކުޑަކުރީ ހަމަޖެހިފައިވާ އުސޫލުތަކާއި ޚިލާފަށް ކަމަށް ދައުލަތުން ބުނާއިރު އެ އުސޫލަކީ ކޮން ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ އުސޫލެއްތޯ ސާފުކުރުމަށް ދައުވާ ލިބޭ ތިން ބޭފުޅުން އެދިއްޖެ އެވެ.

ކުރީގެ ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް މ. ބާރަނާ، އިބްރާހިމް ޝާފިއު އާއި ކަސްޓަމްސްގެ އިސް މަގާމުތަކުގައި 2008 ވަނަ އަހަރު އުޅުއްވި މ. ރީޒަން، އަބްދުﷲ ވަހީދު އާއި ގ. ސިނަމާލެ، މުހައްމަދު އަންވަރު އަދި ހ. މާފާގާ، އިބްރާހިމް ޝިޔާމް ގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައި ދެއްވި ކަމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން އެ ބޭފުޅުންގެ މައްޗަށް އެ ދައުވާ ކުރަނީ އެ ބޭފުޅުން ކަސްޓަމްސްގެ އިސް މަގާމުތަކުގައި ތިބެ 2008 ވަނަ އަހަރު ސެންޓާ އެންޓަޕްރައިޒަސް އިން ގެނައި ކްރޭންއެއްގެ ޑިއުޓީ އަގު އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކުޑަކޮށްދީފައިވާ ކަމަށް ބުނެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖލީހުގައި އެ ތިން ބޭފުޅުންގެ ގާނޫނީ ވަކީލު އަރީފް އަހުމަދު ނަސީމް ވިދާޅުވީ ރާއްޖެ އެތެރެކުރި ކެރޭންގެ އަގު ކުޑަކުރީ ހަމަޖެހިފައިވާ އުސޫލުތަކާއި ޚިލާފަށް ކަމަށް ދައުލަތުން ބުނާއިރު އެ އުސޫލަކީ ކޮން ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްތޯ ދައުލަތުގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަމަށެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ އެ ސުވާލުގެ ޖަވާބު ދެވޭނީ ދިރާސާ ކުރުމަށްފަހު ކަމަށެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމަކަށް އެކަން ދައުވާ ލިބޭ ފަރާތްތަކަށް ސާފްކޮށްދިނުމަށް ދައުލަތަށް އަންގާފަ އެވެ.

ވަހީދު އާއި އަންވަރު އަދި ޝިޔާމް ކޯޓަށް ހާޒިރުވި ނަމަވެސް ޝާފިއު މިއަދުވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ ޝާފިއު ކޯޓަށް ހާޒިރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޯޓުން މިހާރު ވެސް ކުރަމުން އަންނަކަމަށެވެ. ޝާފިއު މިވަގުތު ހުންނެވީ ނިއުޒީލެންޑްގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އެ މައްސަލައިގައި ޝާފިއުގެ ބައި ކުރިއަށް ގެންދާނީ ވަކިންތޯ ނުވަތަ އެ ތިން ބޭފުޅުންނާއި އެއްކޮށް ތޯ ދިރާސާ ކުރުމަށްފަހު ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު އެވެ.

ޝަރީއަތަށް ފަހު ކޯޓުން ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހ. މާފާގާ، އިބްރާހިމް ޝިޔާމް ވިދާޅުވީ އެ މައްސަލައާއި ގުޅޭ ލިޔުންތައް އެބޭފުޅުން ބެލި އިރު، މާބޮޑަށް ވެސް ދައުވާ ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް އެކަންކަމުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނީ ހައިސިއްޔަތު އޮތް އެއްވެސް އުސޫލަކާއި އެ ބޭފުޅޫން ޚިލާފުވި ކަމަށް ދައުލަތަކަށް ސާބިތުކޮށް ނުދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ކަމަކީ މިހާރުގެ ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ޒާތީ ހަސަދައެއް ފިލުވާލުމަށްޓަކައި ދެހާސް ނުވަވަނަ އަހަރު ކުރަމުން އައި މަސައްކަތެއް ކަމަށެވެ.

"މިއީ 2009 ވަނަ އަހަރު ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި މިހާރުގެ ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް މުހައްމަދު އަސްވާން ކަނޑައެޅިގެން ޒާތީ ހަސަދައެއް ފިލުވާލުމަށްޓަކައި ކުރަމުން އައި މަސައްކަތެއް.ތާކުންތާކު ނުޖެހޭ ދައުވާއެއް އަޅުގަނޑުމެން ތިން މީހުންގެ މައްޗަށް މިކުރީ. އަޅުގަނޑުމެން ނޯންނާނެ އެއްވެސް އުސޫލަކާއި ޚިލާފުވެފަ. އަދާކުރަންޖެހޭ ވާޖިބުތައް ބަރާބަރަށް އަޅުގަނޑުމެން އަދާކުރީ. ދައުލަތަކަށް ސާބިތުކޮށެއް ނުދެވޭނެ ގާނޫނީ ހައިސިއްޔަތު އޮތް އެއްވެސް އުސޫލަކާއި އަޅުގަނޑުމެން ޚިލާފު ވިކަމަށް،" ޝިޔާމް ވިދާޅުވި އެވެ.