27 Feb 2022, 19:15
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) ބަލިކޮށް ކުލަބް އީގަލްސްއިން މުހިންމު މޮޅެއް ހޯދައި، އުންމީދު އައުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އީގަލްސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އީގަލްސް އިން މިއަދުގެ މެޗަށް ނިކުތްއިރު އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމު ވަނީ މާޒިޔާ އަތުން ބަލިވެފައެވެ. ސަސް އިން ވަނީ އެ ޓީމުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.
ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) އީގަލްސްގެ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ.
އީގަލްސް އިން މެޗުގެ ތެރެއަށް މަޑުމަޑުން ވަދެ ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެ 12 ވަނަ މިނިޓްގައި އީގަލްސްގެ ޖިއަކޯމޯ ފަވޭރޯ އޭރިއާބޭރުން ހަމަލާއެއް ފޮނުވާލިއެވެ. ނަމަވެސް ބޯޅަ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ.
މެޗުގެ 18 ވަނަ މިނެޓުގައި އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) ފޮނުވާލި ހަމަލާ އަމާޒުވީ ސަސްގެ ގޯލު ދަނޑިއަށެވެ. އޭގެ ފަހުންވެސް އީގަލްސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ.
ސަސް އިން ވެސް އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމަށް ވަރަށް މަސައްކަތްކުރިއެވެ. ސަސްއަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
އީގަލްސް އިން އެ ޓީމުގެ ފުރަތަމަ ލަނޑުޖެހީ ފުރަތަމަ ހާފުގައި އިތުރަށް ދެއްކި ވަގުތުގެ ތެރޭގައެވެ. ރިޒޭ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ އަހުމަދު ހަަސަން (އައްމަޑޭ) އެވެ.
ދެވަނަ ހާފު ފަށައިގެން ވެސް އީގަލްސް އިން ދިޔައީ ހަމަލާތަކެއް އުފައްދަމުންނެވެ. ރިޒޭ ފޮނުވާލި ހަމަލާއެއް ސަސްގެ ކީޕަރު މުހައްމަދު ޝަފީއު މަތަކުރިއެވެ.
ނަތީޖާ ހަމަހަމަ ކުރަން ސަސްއަށް ވަނީ މެޗުގެ 58 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިފައެވެ. އީގަލްސްގެ އޭރިޔާ ތެރެއިން ޕިލާ ހުރަސްކުރި ބޯޅައަށް ކުޅޭނެ ކުޅުންތެރިއެއް ނެތި ބޯޅަ ބޭކާރުވިއެވެ.
އީގަލްސް އިން މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހިއެވެ. އިބްރާހިމް މައިސާން ނެގި ހުރަހަކުން ރިޒޭ ބޮލުން ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު ޝަފީއު އަތުގައި ޖެހިފައި ރީ ބައުންސަށް ނިކުތް ބޯޅަ ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ.
އީގަލްސް އިން އެ ޓީމުގެ ދެ ވަނަ ލަނޑުޖެހިތާ މިނެޓެއްގެ ތެރޭގައި ސަސް އަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް އޭރިއާތެރެއިން އީގަލްސްގެ ކީޕަރު މުހައްމަދު ޠާހާ ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. ސަސްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބެންޖޯއެވެ.
ލީގުގައި މިރޭ ބައްދަލުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކުލަބެވެ.