27 Feb 2022, 17:12
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް އެ ބޭންކުން ހައުސިން ގްރާންޓް އިފްތިހާހުކޮށްފިއެެވެ.
އެ ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ފަރުނީޗަރު ހިމެނޭހެން ގެ އިމާރާތްކޮށް ދެވޭނެއެވެ. އެ އެހީ ބޭނުންވާ އާއިލާތައް ނޮމިނޭޓްކޮށް ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު މިހާރު ވަނީ ޖަމިއްޔާތަކަށާއި ކައުންސިލްތަކަށް ހުޅުވާލާފައެވެ. މިއީ ނޮވެންބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
އެ ހަރަކާތުގެ ސަބަބުން ހިލޭ އެހީގެ ޒަރިއްޔާއިން ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ޓިމް ސޯޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮޖެކްޓްގެ ދަށުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލުގެނުވައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ފުރުސަތު ހޯދައިދިނުން." އޭނާ ވިދާޅުވިއެވެ.
31 މާރިޗު 2022 ގެ ކުރިން އެ އެހީއަށް އެދި[email protected]އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި އިތުރު މައުލޫމާތު ބޭންކުގެވެބްސައިޓުން ލިބޭނެއެވެ.
ސާޅީސް ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ބީއެމްއެލް އިން ވަނީ ސްކޮލަޝިފް ފަންޑު ހުޅުވާލައި، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ވެސް އިފްތިތާކުހޮށްފައެވެ.