14 Mar 2012, 12:44
ސަރުކާރުގެ ރަސްމީގަޑިއަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދިން ލަފާ އަލުން ރިވިއުކުރުމަށްފަހު އެންގުމުން ރަސްމީގަޑިއަށް ބަދަލު ގެންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރަސްމީގަޑި ކުރިއެކޭ އެއް ގޮތަށް ބަދަލު ކުރަން ވަޒީރުންގެ މަޖިލިހުން ނިންމުމާ ގުޅިގެން އެކަން ކުރެވޭނެ ގޮތްތަކެއް ކަނޑައަޅަން ސިވިލް ސާވިސް ކޮމިޝަނުގެ މަޝްވަރާ ބޭނުންވާ ކަމަށް ދެންނެވުން އެ ކޮމިޝަނުން ލަފައެއް ދެއްވިކަމަށާއި ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އަލުން އެކަންކަން ރިވިއުކުރަން ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ.
"ކެބިނެޓުން އެކަން އެގޮތަށް ނިންމާ ކޮމިޝަނުގައި ދެއްނެވުމުން އެކަމާ ގުޅޭ ޖަވާބު އެ ކޮމިޝަނުން ވަނީ ފޮނުވާފައި. ނަމަވެސް އަލުން ބަލަންޖެހޭ ކަންތައްތަކެއް ހުރެގެން އަޅުގަނޑުމެން އެދިފައި އޮންނާނެ އަލުން ރިވިއު ކޮށްދެއްވުމަށް،" އައްބާސް ވިދާޅުވި އެވެ.
ސަރުކާރުގެ ރަސްމީގަޑީގެ ވަގުތު ކުޑަކުރާއިރު އެޑިޔުކޭޝަން ދާއިރާގެ މުވައްޒަފުންގެ ކަންކަން އިތުރަށް ބަލަން ޖެހޭކަމަށް ގަބޫލު ކުރެވޭ ކަމަށާއި އޭގެ އިތުރުން ވެސް ވަޒީފާ އަދާކުރަން ޖެހޭ ވަގުތު މަދުވާއިރު އިތުރުގަޑީގެ ކަންކަން ހައްލުކުރާނެ ގޮތަކާއި އަދި މުވައްޒަފުންނަށް ލިބޭ މުސާރަ މިހާރަށް ވުރެ ކުޑަ ނުވާނެ ގޮތަށް ކަނޑައަޅަން ޖެހޭކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ސީއެއްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ރަސްމީގަޑީގެ ވަގުތު މަދުކުރުމާއި ގުޅޭގޮތުން ރައީސް އޮފީހާއެކު މަޝްވަރާތައް ބާއްވާ އެކޮމިޝަނަށް ފެންނަ ލަފާ އަރުވާފައިވާ ކަމަށެވެ.
"ދެން އަޅުގަނޑުމެންނަށް ފެންނަގޮތް އޮންނާނީ ދަންނާވާފައި. އެކަން އިއުލާން ކުރާނީ އަޅުގަނޑުމެންނެއް ނޫން ރައީސް އޮފީހުން ދެއްތޯ؟ އަދި އަޅުގަނޑުމެންނަށް ފެންނަގޮތަކީ ސީދާ ރައީސުލް ޖުމުހުރިއްޔާ އަމަލު ކުރަން ޖެހޭ ގޮތެއްވެސް ނޫން. އަޅުގަނޑުމެން ނަށް ފެންނަ ލަފާ ވާނީ ރައީސް އޮފީހަށް ދީފައި،" ފަހުމީ ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ރަސްމީގަޑި ހަމަޖެހިފައިވައިވަނީ ހެދުނު 7:30 ން ފެށިގެން މެންދުރު 2:30 އަށެވެ. ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ސަރުކާރުގެ ރަސްމީގަޑި ހެދުނު 8:00 ފެށިގެން ހަވީރު4:00 ވަނީ ބަދަލުކޮށްފައެވެ. ވެރިކަން ބަދަލުވުމަށް ފަހު މި ސަރުކާރުން ބުނެފައި ވަނީ ރަސްމީގަޑި ކުރިއެކޭ އެއްގޮތަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.