އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

ސާލިމް މަރަން ކޯޓުން ހުކުމް ކުރީ މަހުމޫދުގެ ހުރިހާ ވާރިސުން ވެސް އިސްލާމީ ޝަރީއަތުގައި ވާ ގޮތުގެ މަތިން މަރަށް މަރުހިފަން ބޭނުންވާ ކަމަށް ބުނުމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު މަހުމޫދު ފެނުނީ މަރާލައިފައި ފަޅުގެއެއްގެ ވަޅެއްގެ ތެރެއަށް އެއްލައިލައިފައި އޮއްވާއެވެ. ސާލިމް ތަހުގީގަށް ކިޔައިދިން ގޮތުގައި އޭނާ އެކަން ކުރީ ފައިސާގެ ބޭނުމުގައެވެ.

ސާލިމަށް ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. އަދި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށެވެ. ސާލިމް ވަނީ އެކަންކަމަށް ޝަރީއަތުގައި ވެސް އިއުތިރާފްވެފައެވެ.

ސާލިމް އަކީ އެ ރަށު ނެދުންގޭގައި އުޅޭ ދުވަސްވީ މީހެއް ބަލަހައްޓަން އެ ރަށުގައި އުޅުނު ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

ހާދިސާ ހިނގައިދިޔަ ގޮތް: ފުލުހުންގެ ޕްރެސް ކޮންފަރެސްއިން!

ސާލިމް، މަހުމޫދު މަރާލި ގޮތް ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކިޔައިދީފައެވެ.

ސާލިމްއާއި މަހުމޫދު ފުރަތަމަ ބައްދަލުވީ 09:15ގައެވެ. އަދި ނެދުންގެ ތެރެއަށް އެ ދެ މީހުން ވަނުމަށްފަހު އެތަނުގައި ފަސްގަޑިއިރު ހޭދަވިކަމަށް ފުލުހުން ބުނެއެވެ.

ބެލެވޭ ގޮތުގައި ސާލިމް ވަނީ މަހުމޫދު އެގެއަށް ވެއްދުމަށްފަހު ފައިސާ ދޭން އެެދިފައެވެ. ފުލުހުން ބުނާ ގޮތުގައި މަހުމޫދުގެ އަތުގައި އެ ވަގުތު އޮތީ 500 ރުފިޔާގެ 20 ނޫޓެވެ. އެއީ 10،000 ރުފިޔާއެވެ. ނަމަވެސް ފައިސާދޭން މަހުމޫދު ދެބަސްވުމުން އެ ދެ މީހުންގެ ތެރޭގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ.

އެ ގޭ ތެރޭގައި ހޭދަވި ފަސްގަޑިއިރު ތެރޭގައި ސާލިމް ވަނީ މަހުމޫދަށް ތިން ފަހަރެއްގެ މަތިން ހަމަލާ ދީފައެވެ. އޭގެ ތެރޭގައި ތޫނު ހަތިޔާރުން ދީފައިވާ ހަމަލާއާއި އެއްޗަކުން ޖަހައިގެން ދީފައިވާ ހަމަލާ އެބަހުއްޓެވެ.

ފުލުހުން ބުނީ މަހުމޫދަށް ހަމަލާ ދިން ވަގުތު އޭނާއަށް އެ ހަމަލާއަށް ރިއެކްޓް ކުރަން މާ ގިނަ ވަގުތެއް ލިބުނު ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެތައް ފަހަރެއްގެ މަތިން ސާލިމް ވަނީ މަހުމޫދަށް އަނިޔާކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެެ.

މިއީ ސާލިމްގެ އަތުން "އޮޅުމަކުން" ވީ ކަމެއް ނޫން ކަން ހާމަވެއެވެ. ސަބަބަކީ މަރުނުވާހެން ހީވުމުން އިތުރަށް އަނިޔާކުރިކަން ވެސް ފުލުހުންގެ ތަހުގީގަށް ހާމަވާން އޮތުމުންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އޭނާގެ މަގުސަދަކަށްވީ މަހުމޫދު މަރާލުމެވެ.

މަހުމޫދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ސާލިމް ގެންދިޔައީ ނެދުންގޭ ބިއްދޮށުގައި ހުންނަ ގެއަކަށެވެ. އަދި ގެންދިއުމަށްފަހު އޭނާ ވަނީ އެތަނުގައި ހުރި ވަޅަކަށް މަހުމޫދު ބޯކޮޅުވަތަށް ވައްޓައިލައިފައެވެ. އަދި އެ ވަޅު އިހު ހުރި ގޮތަށް ޓިނު އަރުވައި އޭގެ މަތިން ސަތަރިއަޅައި ގާ ވެސް ހުރީ އަރުވާފައެވެ.

ފުލުހުން ބުނި ގޮތުގައި މަހުމޫދުގެ ހަށިގަނޑު ސާލިމް އުފުލީ އޭނާގެ ކޮނޑު މަތީގައެވެ. އަދި އެ ރޭ 1:30އާ 3:00އާ ދެމެދު މީހަކު ކޮނޑުމައްޗަށް ލައިގެން ސާލިމްދާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަން ހުއްޓެވެ.