27 Feb 2022, 15:01
ވެކްސިން ނުޖަހަނީސް ވެކްސިން ޖެހި ކަމުގެ ކާޑު ވިއްކި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
"ސަން"އިން ވާނީ މީގެ ތިން މަސް ކުރިން މިކަން ސަމާލު ކަމަށް ގެނެސްފައެވެ. އޭރު ހެލްތު މިނިސްޓްރީއާއި ފުލުހުން ވެސް ބުނީ އެފަދަ ކަމެއް ހިނގާކަން އެނގިފައި ނުވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ވެކްސިން ކާޑު ވިއްކި މައްސަލައެއް ތަހުގީގު ކުރަން ފަށައިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ބޮޑު ޖަރީމާއެއް! ވެކްސިން ނުޖަހަނީސް ޖެހިކަމުގެ ލިޔުން ރާއްޖޭގައި ވިއްކަނީ
މިއީ ބޮޑު ޖަރީމާއެއްގެ ވާހަކައެވެ. ޒުވާން ދިވެހި އެ އަންހެން ކުއްޖާ ވެކްސިން ޖެހުމާ ވަރަށް ދެކޮޅެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެއީ ފައިދާއެއް ނެތް، އަދި ގެއްލުން ބޮޑުކަމެކެވެ. ކޮވިޑްގެ ނުރައްކާތެރިކަން ވެސް އޭނާ ގަބޫލެއް ނުކުރެއެވެ. އެހެންވެ އޭނާ ކޮވިޑްގެ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން އެކިއެކި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ވެކްސިން ނުޖަހާ މީހުންނަށް ގިނަ ދަތިތަކެއް ހުރީތީއެވެ. ވަޒީފާގެ ގޮތުން ރަށްރަށަށް ގިނައިން ދަތުރު ކުރަން ޖެހޭއިރު ވެކްސިން ނުޖަހާ ހުރުމުން އެ ފުރުސަތު ބަންދުވެ އަތޮޅުތެރެއަށް ނުދެވި މާލޭގައި ހުންނަތާ އެތައް މަހެއް ވެއްޖެއެވެ. ނަމަވެސް ވެކްސިން ޖަހަން އޭނާ ބޭނުމެއް ނުވެއެވެ.
މަސައްކަތުގެ ގޮތުން އަތޮޅުތެރެއަށް ދާން އޭނާ ބޭނުންވާތީ ދެން އިހުތިޔާރު ކުރީ އެހެން މަގެކެވެ. ރައްޓެއްސެއް މެދުވެރިކޮށް އޭނާ ވެކްސިންގެ ކަންތަކުގައި އުޅޭ މީހަކާ ގުޅުނެވެ. އެ މީހާ ބުނީ 1500 ރުފިޔާ ދިނުމުން ވެކްސިން ނުޖަހަނީސް ވެކްސިން ޖެހިކަމުގެ ލިޔުން ދޭނެ ކަމަށެވެ. އެހެންކަމުން އެ މީހާއަށް އެ ފައިސާ އޮންލައިން ބެންކިން މެދުވެރިކޮށް ދެއްކިއެވެ. ދެން އޭނާ އެދުނީ އައިޑީކާޑާއި ގުޅޭނެ ނަމްބަރާއި އުޅޭ އެޑްރެސް ފޮނުވައި ދިނުމަށެވެ. ފައިސާ އާއި މައުލޫމާތު ދިން ހިސާބުން އެކޮޅުން މަސައްކަތް ފެށިއެވެ.
އެ މައުލޫމާތުތައް ފޮނުވިތާ ތިން ދުވަސް ތެރޭގައި އެ މީހާ އޭނާއަށް ވައިބާއިން މެސެޖް ކޮށްފައި އެންގީ ވެކްސިންއަށް ހެލްތު މިނިސްޓްރީން ހިންގާ ވެބްސައިޓަށް ވަދެ ބެލުމަށެވެ. ކޮވިޑް ވެކްސިން ޖެހިކަމުގެ މައުލޫމާތު ލިބޭ ވެބްސައިޓް (https://covidsafe.gov.mv/) އަށް ވަދެ ބެލިއިރު އެ ސައިޓުން ދައްކަނީ އެސްޓްރާޒެނެކާގެ ދެ ޑޯޒް އޭނާ ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ޕްރިންޓް ކޮށްފައިވާ ވެކްސިން ކާޑުވެސް ގެނެސްދިނެވެ. ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައި އެ ޖެހިކަމަށް ސިސްޓަމްގެ ތެރެއަށް އެ ވަނީ ކުޑަ ލާރިކޮޅެއް ދީގެންނެވެ.
"މިއޮތީ މިކަން ވެފައި. ދެން ރަށްރަށަށް ފުރަން މިއުޅެނީ،" ވެބްސައިޓުން ވެކްސިން ޖެހި ކަމަށް އިން މައުލޫމާތު ދައްކާލަމުން އެ އަންހެން ކުއްޖާ ބުންޏެވެ.
އޭނާ އެކަންޏެއް ނޫނެވެ. މެދުއުމުރުގެ ފިރިހެނެއް ވެސް އެއްވެސް ވެކްސިން އެއްވެސް ޑޯޒެއް ނުޖަހައި ހުރެ 1500 ރުފިޔާ ދީގެން ވަނީ ދެ ޑޯޒް ޖެހި ކަމަށް ސިސްޓަމްގެ ތެރެއަށް ވަދެފައެވެ. އެ ދެ މީހުން އެކަން ކުރިގޮތާއި އެކަން ކުރަން މުއާމަލާތު ކުރިގޮތް "ސަން"އާ ވަނީ ހިއްސާކޮށްފައެވެ. މިކަން ވަރަށް އާއްމެވެ.
ސިއްހީ ކަމެއް މިހާލަތަށް ގޮސްފައިވާއިރު އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅައި ކަންވާގޮތް ކިޔައި ދިނުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "ތީގެ އެއްވެސް މައުލޫމާތެއް މީހެއްގެ ފަރާތުން އަދި ލިބިފައެއް ނެތް" ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއްނުވެއެވެ.
މީގެ ސަބަބުން ބޮޑު ނުރައްކަލަކާ ދިމާލަށް
ކޮވިޑް-19 ވެކްސިން އަކީ ކޯވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް (SARS-CoV-2) އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެވެ. ކޮވިޑް ވެކްސިން ޖަހަން ޖެހޭ ސަބަބުތަކުގެ ތެރޭގައި އެ ނުރައްކާތެރި ވައިރަހަށް ތިމާގެ ހަށިގަނޑު ރައްކާތެރި ކުރުމުގެ އިތުރުން އެހެން މީހުން ރައްކާތެރި ކުރުން ވެސް ހިމެނެއެވެ. ބަލި ފެތުރުނަ ނުދިނުމަށެވެ. މިގޮތަށް އެއްވެސް ޑޯޒެއް ނުޖަހައި ޖެހި ކަމުގެ ލިޔުން ހޯދައިގެން ދަތުރު ކުރަން ފެށުމުން ދެން ވާނެ ގޮތާމެދު ވިސްނާލާށެވެ. ތަފާތު އިތުރު ވޭރިއަންޓްތައް ވެސް ފެންނަމުން ދާއިރު މިފަދަ އަމަލުތަކުގެ ސަބަބުން ކޮވިޑް މެނޭޖު ކުރާނެ ގޮތަކާމެދު ސުވާލު އުފެދެއެވެ.
ރާއްޖޭގައި މަސައްކަތް ކުރާތާ 20 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ ޑރ. އުސާމާ އުމަރު މިކަމާ ގުޅޭގޮތުން ވިދާޅުވީ މިފަދަ ކަމެއް ހިނގާނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އެކަމުގެ ނުރައްކާ ވެކްސިން ނުޖަހާ މީހާއަށާއި އެހެން މީހުންނަށް ވެސް ކުރާނެ ކަމަށެވެ.
"މި ކާޑާއެކު އެ ދެނީ ޑެޓް ސެޓްފިކެޓް ވެސް. މި ލެވަލްއަށް ސިސްޓަމް ގޮސް ފިއްޔާ މީހުން އެއްގޮތަކަށް ވެސް އިތުބާރެއް ނުކުރާނެ. މިއީ ވަރަށް ދެރަ ކަމެއް،" އުސާމާ ވިދާޅުވި އެވެ.
ސިއްހަތާއި ކޮވިޑާ ގުޅޭ ކަމެއް މި ހިސާބަށް ދިއުމަކީ ގިނަ ކަންބޮޑުވުންތަކެއް އޮތް ކަމެކެވެ. މިފަދަ އެހެން ކަންކަމުގެ ތެރޭގައި ކޮރަޕްޝަން އޮންނާނެ ވަރު ދެން ވިސްނަވާށެވެ. މިފަދަ ކަންކަން މިހެން ހިނގާނަމަ ސިއްހީ ދާއިރާ ފަދަ މުހިންމު ކަންކަމުގައި އާއްމުންގެ އިތުބާރު ގެއްލޭނެއެވެ.