27 Feb 2022, 15:16
ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގައި ތާށިވެފައި ޖުމުލަ 12 ދިވެހީން އެބަތިބި ކަމަށާއި އެ މީހުން ގެނެވޭނެ ތާރީޚެއް ބުނަން ނޭނގޭކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިއަދު ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުﷲ ހުމައިދު ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފޮރިން މިނިސްޓްރީން މަޝްރަހު ވަރަށް ގާތުން މޮނިޓާ ކުރަމުންދިޔަ ކަމަށެވެެ.
ހުމައިދު ވިދާޅުވީ މިހާރު ޔޫކްރޭންގައި ތިބި 12 ދިވެހީންގެ ތެރޭގައި ހިމެނެނީ ޚަރްކީވްގައި ތިބި ފަސް ދަރިވަރަކާއި ޑްނިފްރޯގައި ހުރި ދިވެހި ދަރިވަރެއްގެ އިތުރުން ދިވެހި އާއިލާތަކަށް ނިސްބަތްވާ އިތުރު ހަ މީހެއް ކަމަށެވެ.
މީގެ އިތުރުން، ޚަރްކީވްގައި ދިވެހި މަންމައަކާއި އޭނާގެ ދަރިފުޅާއި މިސްރަށް ނިސްބަތްވާ އޭނަގެ ފިރިމީހާ ހުރިކަމަށް ވެސް ހުމައިދު ވިދާޅުވިއެވެ.
ޔޫކްރޭންގެ ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ލިބުނު ފުރުސަތުގައި އެ ގައުމުގައި ތިބި ބައެއް ދިވެހި ދަރިވަރުން ރާއްޖެ އައެވެ. އެގޮތުން މި މަހުގެ 23ވަނަ ދުވަހު 25 ދަރިވަރަކު ރާއްޖެ އައި ކަމަށް ހުމައިދު ވިދާޅުވިއެވެ.
"އިއްޔެގެ ވަގުތެއްގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު، ޔޫކްރޭންގެ ވެރިރަށް ކިއޭވްގައި ދިވެހި ފިރިހެނަކު ކައިވެނިކޮށްގެން އުޅޭ ޔޫކްރޭންގެ އަންހެނަކާއި އެ މީހުންގެ ދެ ކުދިން ތިބި ކަމުގެ މައުލޫމާތު،" ހުމައިދު ވިދާޅުވިއެވެ.
ހުމައިދު ވިދާޅުވީ ހާލަތު ގޯސްވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ވެސް ރާއްޖެ އައުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އެހެން ނަމަވެސް ބައެއް ދަރިވަރުންނަށް ގައުމަށް އަންނަން އެ ވަގުތު ބައެއް ދަތިތައް ހުރިކަން ފާހަގަކުރެވުނު ކަމުގައި އޭނާ ވިދާޅުވިއެވެ.
"އެ ކުދިން ކިޔަވަމުންދާ ޔުނިވާސިޓީތަކުން އެހާތަނަށް ވެސް އޮންލައިން މީޑިއަމަށް ބަދަލުކުރަން ނިންމާފައެއް ނުވޭ. ހާލަތު މި ގޮތަށް ބަދަލުވީ ކުއްލިއަކަށް،" ހުމައިދު ވިދާޅުވިއެވެ.
ޔޫރަޕުގެ ގައުމުތަކުގައި ވިސާގެ ހަރުކަށި އުސޫލުތައް ކަނޑައަޅާއިފައި ހުރެއެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ވެސް އެ ގައުމުތަކަށް އެތެރެވެވެނީ އެ އުސޫލުތަކުގެ ދަށުންނެވެ.
މިހާތަނަށް ދިވެހި ސަރުކާރުން ވާހަކަ ދައްކައިގެން ހަންގޭރީގެ ސަރުކާރާ ކުރެވުނު މަޝްވަރާތަކުން މިދިޔަ ހުކުރު 15 ދިވެއްސަކު ވަނީ ހަންގޭރީއަށް ގެންދެވިފައެވެ. އެ ދިވެހީން މިއަދު ރާއްޖެ އަންނަން ދަތުރު ފަށާނެއެވެ.