27 Feb 2022, 14:04
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހަނގުރާމައިގެ މަޝްރަހު ހޫނުވަމުން ދިޔަ ނަމަވެސް، ރަޝިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދި ދަށްވަމުން ނުދާކަމަށް އެ ގައުމުން ފަތުރުވެރިން ގެންނަ ބައެއް ފަރާތްތަކުން ބުނެފިއެވެ.
"ސަން"އާ ވާހަކަދެއްކި ޓްރެވަލް އޭޖެންސީތަކުން ބުނި ގޮތުގައި، ހަނގުރާމައިގެ އަސަރުތައް އެ މާކެޓުން ފެންނަން އަދި ދުވަސް ނަގާނެއެވެ.
"ރަޝިޔާއިން އަދި ނެތް ޑައިރެކްޓްކޮށް އަންނާނެ އިމްޕެކްޓެއް. މިސާލަކަށް ބޯޑަރު ބަންދުކުރުން ކަހަަލަ ކަމެއް އަދި ނެތް" ޓްރެވަލް އޭޖެންޓަކު ބުންޏެވެ.
އޭނާ ބުނީ، ކަން އެހެން އޮތް ކަމުގައި ވިޔަސް މަޝްރަހު ބަދަލު ވަމުންދާ ގޮތަކުން، ކުޑަ ހިނދުކޮޅެއްގެ ތެރޭ ހާލަތު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ސްވިފްޓް ކަނޑާލައިފިއްޔާ، ނޫނީ ހަނގުރާމަ ބޮޑުވެގެން ފްލައިޓުތައް ނާދެވޭ ކަހަލަ ކަމެއް ވެއްޖިއްޔާ ހަމަ ގައިމު ވެސް އެ އިމްޕެކްޓް އަންނާނެ" އޭނާ ބުންޏެވެ.
އޭނާ ބުނީ މިވަގުތު ރަޝިޔާ މާކެޓަށް ކުރަމުން ދާނީ ނުސީދާ އަސަރުތަކެއް ކަމަށެވެ. އޭގެ ތެރޭގައި ރަޝިޔާގެ އިގްތިސާދު ދަށަށް ދިއުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރާ އަސަރު ހިމެނޭކަމަށް އޭނާ ބުންޏެވެ.
އިރުމަތީ ޔޫރަޕުގެ އެހެނިހެން ގައުމުތަކަށް ޓާގެޓު ކުރާ އޭޖެންޓުން ބުނީ މިވަގުތަށް އަދި ގެއްލިފައި ވަނީ ޔޫކްރޭނުގެ މާކެޓު އެކަނި ކަމަށެވެ. އެ ސަރަހައްދުގެ އެހެނިހެން ގައުމުތަކުން ފަތުރުވެރިން ގެނައުމުގައި އަދި ދައްޗެއް ކުރިމަތިނުވާކަމަށް އެމީހުން ބުނެއެވެ.
"ސާބިއާ، ސްލޮވޭކިއާ، ޖޯޖިއާ މިތަންތަނުން ވެސް ހަމަ މިހާރު ވެސް އަންނަމުން ދަނީ، އެސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ރަނގަޅު" އޭޖެންޓަކު ބުންޏެވެ.
މިމަހުގެ 24ވަނަ ދުވަހު ޔޫކްރޭނަށް ރަޝިޔާއިން ހަމަލާދިނުމާ އެކު، ގިނަ ގައުމުތަކުން އަންނަނީ އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުނުކޮށް ނުހުންނާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.