27 Feb 2022, 12:23
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ބަންޑާރަ ކްލަބްގެ ފަރާތުން ރާވައި، އިންތިޒާމްކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ބަންޑާރަ ކަޕް 2022" ފުޓްސަލް މުބާރާތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އިފްތިތާޙީ ޖަލްސާގައި، މި މުބާރާތް އިފްތިތާޙުކޮށްދެއްވީ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާ މި މުބާރާތުގައި، ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ޤާނޫނީ ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހިމެނޭހެން، 16 ފިރިހެން ޓީމާއި، އަށް އަންހެން ޓީމު ވާދަކުރުމަށް ހަމަޖެހިފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ ބަންޑާރަ ކްލަބުން ބުންޏެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ކްލަބުގެ ރައީސް އަލްއުސްތާޛާ ފާޠިމަތު ޙަލީމް ވިދާޅުވީ، ބަންޑާރަ ކަޕްގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި، އެ ނޫންވެސް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށެވެ.
ހަމައެހެންމެ ކުޅިވަރުގެ ވާދަވެރި މާހައުލެއްގެ ތެރެއިން، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުން ކަން ފާހަގަކުރައްވައި، އޭނާ އިތުރަށް ވިދާޅުވީ މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމަށް ގަސްދު ކުރައްވާ ކަމަށެވެ.
ބަންޑާރަ ކްލަބަކީ މެއި 24، 2011ގައި، އޭރު އޭޖީ އޮފީހުގައި މަސައްކަތްކުރެއްވި ބޭފުޅުން މުޢައްސިސުންގެ ގޮތުގައި ހިމެނިގެން، ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން އެކުލަވައިލާފައިވާ ޖަމްޢިއްޔާއެކެވެ.