14 Mar 2012, 12:33
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ތޫނު އެއްޗަކުން ބަޔަކު ރޭ ހަމަލަދޭން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރަން ފަށައިފި އެވެ.
ރިޔާޒް ރަޝީދު މިއަދު ވިދާޅުވީ އެ ދެބޭފުޅުންނަށް ހަމަލަދޭން މަސައްކަތްކޮށްފައި ވަނީ ރޭ ދަންވަރު 3:20 އެހާކަންހާއިރު ރާޅުގަނޑު ސަރަހައްދުގައި ހުންނަ ތަސްކަލޫސާ ކައިރީ މަޑުކޮށްލައިގެން ތިއްބަވަނިކޮށް ކަމަށެވެ. ރިޔާޒް ވިދާޅުވީ މަސްތުވެގެން ތިބި ހަތަރު ޒުވާނަކު އެ ދެ ބޭފުޅުންނާ ދިމާލަށް ހުތުރު ބަހުން އެއްޗެހި ކިއުމަށް ފަހު ވަޅި ނަގައި ޖަހަން އުޅެނިކޮށް އެވަގުތު އެ ދެ ބޭފުޅުންގެ ސެކިއުރިޓީ އަށް ތިބި ފުލުހުން އެމީހުން ދުރަށް ޖައްސާފައިވާ ކަމަށެވެ. އަދި ވަޅިޖަހަން މަސައްކަތް ކުރި މީހުން ހަޅޭއްލަވަމުން ގޮސް ވަނީ އެމްޑީޕީ އިން ތިންބާރު ވަކި ކުރި ސަރަހައްދުގައި އެއްވެފައިވާ ދިމާއަށް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ އިލްހާމާއި ދިމާއަށް އެއްޗެހި ކީ. ދެން އެހެން ތިބެފައި އަޅުގަނޑާ ދިމާ އަށް ވެސް އެއްޗެހި ކިޔާފައި އެތަނުން ދެ މީހަކު ޖީބުން ވަޅި ނަގައި ހުޅުވާލާފައި ގަޔާ ދިމާއަށް އައިވަގުތު ސެކިއުރިޓީން ހުރަސް އެޅީ. އެ ދެމީހުން ތިބީ ބޯދިގުކޮށްފައި. ހަތަރު މީހުންތިބީ ހަމައަކު ނޫން،" ރިޔާޒް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަޖިލިސް ދެ މެމްބަރަކާ ގުޅުން ހުރި މާރާމާރީއެއްގެ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.