އިނގިރޭސި ފުޓުބޯޅަ ކުލަބް ޗެލްސީގެ ހިންގުމާއި ކުލަބުގެ ބެލެނިވެރިކަމުގައި އަދާކުރި ހުރިހާ މަސްއޫލިއްޔަތެއް އެ ކުލަބުގެ ޗެރިޓަބަލް ފައުންޑޭޝަންގެ ދަށަށް ބަދަލުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް އެވެ.

"ޗެލްސީގައި ގާތްގަނޑަކަށް 20 އަހަރުގެ މިލްކުވެރިކަމުގައި އަހަރެން އަދާކުރި ދައުރުގައި އަހަރެން އަބަދުވެސް ދެކެނީ އަހަންނަކީ ކުލަބުގެ ބަލަދުވެރިއެއްގެ ގޮތުގައި. އަހަރެން އަބަދުވެސް ކުރި މަސައްކަތަކީ ކުލަބަށް ކާމިޔާބީ ހޯދައިދިނުން. އަދި އެ ކާމިޔާބީ ލިބޭނެކަން ޔަގީންކުރުން،" އަބްރޮމޮވިޗްގެ ބަޔާނުގައިވެއެވެ.

އަބްރޮމޮވިޗް ބުނެފައިވަނީ ޗެލްސީއަކީ މުސްތަގްބަލަށްޓަކައި ބިނާކުރަމުން އައި ވަރުގަދަ ޓީމެއް ކަމަށާއި މުޖުތަމުގައި ވެސް އެ ޓީމަކީ ބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

ޗެލްސީގެ ބެލެނިވެރިކަން އެ ކުލަބްގެ ފައުންޑޭޝަނާ ހަވާލުކޮށްފައިވާކަން އަބްރޮމޮވިޗް ހާމަކުރީ، ރަޝިޔާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އޭނާ އިނގިރޭސިވިލާތުގައި ދިރިއުޅުންވެސް މަނާކޮށްފައިވަނިކޮށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އަބްރޮމޮވިޗް އަކީ ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ. ރަޝިޔާގެ މި ހަނގުރާމާއާ ގުޅިގެން އެކި ގައުމުތަކުން ދަނީ ރަޝިޔާ އަދި އެ ގައުމާ ގުޅުންހުރި ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.