ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރަޔޯ ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ ކަރީމް ބެންޒީމާ ޖެހި ގޯލުންނެވެ.

މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މާކޯ އަސެންސިއޯ ވަނީ ރަޔޯ ވަޔެކާނޯގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ރަޔޯ ވަޔެކާނޯގެ ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފައެވެ.

މެޗުގައި ކަސެމިރޯ ލަނޑު ޖަހައި ރެއާލް އަށް ލީޑު ނަގައިދިން ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑު ކަމަށެވެ.

ދެ ވަނަ ހާފު ފަށައިގެން ލިބުނު ކޯނަރެއްގައި ރަޔޯ ވަޔެކާނޯގެ މާރިޔޯ ސުއަރޭޒް ބޮލުން ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ބެންޒީމާ ވަނީ ރެއާލް އަށް ލަނޑެއް ޖަހައިދީ އެ ޓީމު މޮޅުކޮށްދީފައެވެ. އޭނާ މި ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ ދިން ޕާހަކުންނެވެ.

މެޗުން މޮޅުވެ ރެއާލް ތާވަލްގެ އެއް ވަނައިގައި އޮތީ 51 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ސެވިއްޔާ އޮތީ 51 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި 46 ޕޮއިންޓާއެކު ރެއާލް ބެޓިސް އޮތްއިރު، ހަތަރު ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 45 ޕޮއިންޓާއެކުއެވެ.