27 Feb 2022, 12:15
ފްރެންޗް ލީގުގައި ރޭ ސެއިން އެޓިއެން އާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ޕީއެސްޖީން ހަމަލާތަކެއް އުފައްދަނިކޮށް، ސެއިން އެޓިއެން އިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޑެނިސް ބޮއާންގާއެވެ. ތިރި ތިރިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދުރު ކަނަށެވެ.
ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޕީއެސްޖީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިއޮނަލް މެސީ ދިން ބޯޅައަކުން މި ލަނޑު ޖެހީ ކިލިއަން އެމްބާޕޭ އެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. ސެއިން އެޓިއެންގެ ގޯލު އޭރިޔާ ތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ.
ޕީއެސްޖީގެ ތިން ވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ޑަނީލޯ ޕެރޭރާ ޖެހީ އެމްބާޕޭ ދިން ޕާހަކުންނެވެ.
ރޭގެ މެޗުގައި މެސީ އަދި އެމްބާޕޭގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނުނެވެ. ދެ ކުޅުންތެރިންވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކަފައެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީއިން ތާވަލްގެ އެއް ވަނައިގައި އޮތީ ޖުމުލަ 62 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ނީސް އަށް ލިބިފައި އޮތީ 46 ޕޮއިންޓެވެ. މި ދެ ޓީމުގެ ދެމެދުގައި 16 ޕޮއިންޓުގެ ފަރަގު އެބަ ހުއްޓެވެ.