ޔޫކްރެއިންގެ ޚަރްވިކް ސިޓީ ރައްކާތެރި ނޫން ކަމަށް އެ ސިޓީގައި 'ތާށިވެފައި' ތިބި ދިވެހި ދަރިވަރުން ބުނެފިއެވެ.

ޚަރްވިކްގައި މިވަގުތު ތިބީ ދިވެހި ތިން އަންހެން ދަރިވަރުންގެ އިތުރުން ދެ ފިރިހެން ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ޔޫކްރައިން ދޫކޮށް ނުދެވިފައި ތިބީ ވިސާގައި މައްސަލަތަކެއް ހުރުމުންކަން ވަނީ އެނގިފައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާތައް ދޭން ފެށުމާއެކު, ޔޫކްރޭނުން ވަނީ އާންމު ވައިގެ ދަތުރުތައް މެދުކަނޑާލައިފައެވެ. އެހެންކަމުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރަން ޖެހެނީ އެއްގަމު މަގުންނެވެ.

ޚަރްވިކްގައި ތާށިވެފައި ތިބި ދިވެހިންގެ ހާލަތު ބަޔާންކޮށް އެ ދަރިވަރުންގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޚަރްވިކް ސިޓީގައި ތިބި އަށް ދިވެހި ދަރިވަރުން ވެސް މިވަގުތު ތިބީ އެއްތަނެއްގައި ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ދަރިވަރުން ތިބީ މެޓްރޯ ސްޓޭޝަނެއްގައެވެ.

އެ ކުދިން އިތުރަށް ބުނެފައިވާ ގޮތުގައި، ރަޝިޔާގެ އަސްކަރިއްޔާއިން އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދެމުން ދާތީ އެ ދަރިވަރުން މިވަގުތު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ހަމައެހެންމެ ގިނަ ފިހާރަތަކުން ކާބޯތަކެތި ހުސްވަމުން އަންނަ ކަމަށާއި ގިނަ އޭޓީއެމްތައް ވެސް މަސައްކަތް ނުކުރާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޚަރްވިކްގައި ތިބި ދަރިވަރުންނަށް ޔޫކްރޭންގެ ހުޅަނގު ބޯޑަރަށް ދެވިއްޖެ ނަމަ ޤައުމުން ބޭރުވާނެ ގޮތް ޖަރުމަނުގައި ހުންނަ ދިވެހި އެންބަސީން ވަނީ ހަމަޖައްސައިދީފައެވެ.

އެހެންނަމަވެސް އެ ބޯޑަރު އޮންނަނީ ވަރަށް ދުރުގައި ކަމަށާއި މިހާރުގެ ހާލަތަށް ބަލައި އެ ގޮތަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޔޫކްރޭންގައި މިވަގުތު ތިބީ ޖުމްލަ ނުވަ ދިވެހި ދަރިވަރުންނެވެ. އެއީ ޚަރްވިކްގައި ތިބި އަށް ދަރިވަރުންގެ އިތުރުން ނިފްރޯގައި ތާށިވެފައި ހުރި ދަރިވަރެކެވެ.

ޔޫކްރެއިންގައި ތަައުލީމު ހާސިލުކުރުމަށް ރާއްޖޭގެ 50 ދަރިވަރުން އެ ގައުމުގައި ތިއްބެވެ. ނުވަ ދަރިވަރުން ފިޔަވައި އެހެން ދިވެހިން މިހާރު ވަނީ ފޮރިން މިނިސްޓްރީގެ އެހީގައި އެ ގައުމުން ނެރެފައެވެ.