މޮސްކޯ (27 ޖަނަވަރީ 2022): ޔުކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ރަޝިއާ ސިފައިންނަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު ރަޝިއާގެ އިއްތިޙާދުގައި ހިމެނޭ މުސްލިމް ޖުމްހޫރިއްޔާ އެއްކަމަށްވާ ޗެޗްނިއާގެ ގެރިއްލާ ހަނގުރާމަވެރިންގެ ފައުޖުތައް ޔުކްރޭނަށް ހިނގައްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ޗެޗްނިއާގެ މުސްލިމް ހަނގުރާމަވެރިންނަކީ އަފްޣާނިސްތާނުގެ ތާލިބާނުން ގޮތަށް ސިޓީތަކާއި ވިލެޖްތަކާއި އަވަށްތަކުގެ މަގުތަކާއި ގޯޅިތަކުގައި ގެރިއްލާ ހަނގުރާމަކުރުމުގެ ތަޖްރިބާ ލިބިފައިވާ ފައުޖުތަކެކެވެ. ޗެޗްނިއާގެ ރައީސް ރަމަޟާން ގަދީރޯފް ވިދާޅުވީ ޗެޗްނިއާގެ މުސްލިމް ހަނގުރާމަވެރިންގެ ފައުޖުތައް މިހާރު ޔުކްރޭނަށް ވަދެފައިވާ ކަމަށާ ރަޝިއާ ސިފައިންގެ ފައުޖުތަކާއެކު ޗެޗުނިޔާގެ ފައުޖުތައް ޔޫކްރެއިނުގައި ހަރަކާތްތެރިވަމުންދާކަމުގައެވެ.

ޗެޗްނިއާގެ ރައީސް ރަމަޟާން ގަދީރޯވް އޭނާގެ ބައެއް ކޮމާންޑަރުންނާއެކު

ރަމަޟާން ގަދީރޯފް އަކީ ޗެޗްނިއާގެ ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމައިގެ ކޮމާންޑަރެކެވެ. ރަމަޟާން ގަދީރޯފްއަކީ ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ އެއްއަތެވެ. ގަދީރޯވްއަކީ ޕޫޓިން ގެ އެންމެ އަރިސް ސްޓްރެޓީޖިކް ޕްލޭނިން ޓީމުގެ މެންބަރެއްވެސް މެއެވެ.

ޗެޗްނިއާގެ މުސްލިމް ފައުޖުތައް ޔުކްރޭނަށް ދިޔުމުގެ ދަތުރު ފެށުމުގެ ކުރިން ވެރިރަށް ގުރޮޒްނީގައި ބަރުހަތިޔާރާއެކު އެމީހުން އެއްތަނަކަށް އެއްވެފައިވާ މަންޒަރާއި އެމީހުން ދުއާކުރާ މަންޒަރު ދައްކައިދޭ ފޮޓޯތަކެއް ބަައިނަލްއަޤްވާމީ މީޑީއާގައި ވަނީ އާންމުވެފައެވެ.

ޗެޗުނިޔާގެ މުސްލިމް ފައުޖުތަކަކީ ރަޝިއާއިން ޖޯޖިއާއާއި ސޫރިޔާގައި ކުރި ހަނގުރާމަތަކުގައިވެސް ސިޓީތަކުގެ މަގުތަކާއި ގޯޅިތަކުގައި ގެރިއްލާ ހަނގުރާމަކޮށް އެކަމުގެ ތަޖްރިބާ ލިބިފައިވާ މުސްލިމް ޒުވާނުން ހިމެނޭ ފައުޖުތަކެކެވެ. ރަޝިއާގެ ލަޝްކަރުތަކުގެ ބައެއްގެ ގޮތުގައި އޮންނަ ޗެޗްނިޔާގެ މުސްލިމް ހަނގުރާމަވެރިންގެ ފައުޖުތައް އާންމު ގޮތެއްގައި ހަރަކާތްތެރިވަނީ ރަޝިޔާގެ ދެކުނުގެ ސަރަޙައްދުތައް ދިފާއުކުރުމުގައެވެ.

ޗެޗްނިޔާގެ މުސްލިމް ހަނގުރާމަވެރިންނަކީ ޗެޗްނިއާ ރަޝިއާއިން ވަކިވެގަތުމަށްޓަކައި ރަޝިއާއާ ދެކޮޅަށް ދެފަހަރެއްގެ މަތިން މިނިވަންކަމުގެ ހަނގުރާމަ ކޮށްފައިވާ ބައެކެވެ. ފުރަތަމަ ހަނގުރާމަ ކޮށްފައިވަނީ 1994 ން 1996 އަށެވެ. ދެވަނަ ހަނގުރާމަކޮށްފައިވަނީ 1999 ން 2009 އަކަށެވެ. އެހަނގުރާމައިގާ ޗެޗްނިއާގެ މުސްލިމް ހަނގުރާމަވެރިން ރަޝިއާގެ ލަޝްކަރުތަކާދެކޮޅަށް ގެރިއްލާ ހަނގުރާމަކޮށްގެން ބޮޑެތި ކާމިޔާބީތަކެއް ހޯދިއިރު ޗެޗްނިއާ ވަނީ އަފްޣާނިސްތާން ގޮތަށް ބިމާ ހަމަވެފައެވެ.

ރައްޔިތުންވަނީ ހާލުގައި ޖެހި ބިކަވެފައެވެ. ނަމަވެސް ފަހުން ޕޫޓިންގެ ޒައާމަތުގައި އޭނާވަނީ ޗެޗްނިއާއަށް ލާމަރުކަޒީ ގޮތުން ޚާއްސަ ބާރުތަކެއްދީ ޗެޗްނިއާގައި ރަޝިއާގެ އިއްތިޙާދީ ސަރުކާރުގެ ދައުރު ކުޑަކުރާގޮތަށް ޗެޗްނިއާގެ ހަނގުރާމަވެރިންނަށް ސުލްހަ ހުށަހަޅުއްވާފައެވެ.

މި ސުލްހައިގެ މައިގަނޑު ޝަރުތަކީ ޗެޗްނިއާ ރަޝިއާއިން ވަކިވެ ނުގަތުމެވެ. މިކަމަށް ޗެޗްނިއާގެ މުސްލިމް ހަނގުރާމަވެރިން އެއްބަސްވީ ރަޝިއާއިން ކުރު މުއްދަތެއްގައި ޗެޗްނިއާ އަލުން ބިނާކޮށް އާރާސްތުކޮށްދީ ޗެޗްނިއާގައި ވަރުގަދަ އިންފްރާސްޓްރަކްޗަރ ބިނާކޮށް އިގްތިސާދު ފުޅާކުރުމަށްޓަކައި ރަޝިއާގެ އިއްތިޙާދީ ސަރުކާރުން ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްދޭގޮތަށެވެ.

މިއާއެކު ރަޝިއާއިން ވަނީ ޗެޗްނިއާއަށް ލާމަރުކަޒީ ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ސަރަހައްދީ ސަރުކާރެއް (ދައުލަތެއްގެ ހުރިހާ އަސާސްތަކަކާއެކު) ޗެޗްނިއާގައި ގާއިމްކުރުމުގެ ފުރުސަތު ދީފައެވެ. މިކަން ޗެޗްނިއާގެ މުސްލިމް ހަނގުރާމަވެރިން ގަބޫލުކުރުމުން ހަނގުރާމަ ނިމުމަކަށް އައިސް، ޗެޗްނިއާއާއި ރަޝިއާގެ އިއްތިޙާދީ ސަރުކާރުންވަނީ ސުލްހަވެފައެވެ.

ރަޝިއާ ސަރުކާރުންވަނީ ޗެޗްނިއާ އަލުން ބިނާކޮށް އާރާސްތުކޮށްދީ އެ ޖުމްހޫރިއްޔާގެ އިގްތިސާދު ފުޅާކޮށް ތަނަވަސްކަމާއި ފާގަތިކަން ގާއިމްކޮށްދީފައެވެ. މިކަމަށް ރަޝިއާއިންވަނީ އެތައް ބިލިޔަން ޑޮލަރެއް ޚަރަދުކޮށްފައެވެ.