27 Feb 2022, 09:57
ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި ތިން ބުލެޓުގެ ރަން ދައުލަތަށް ނަގައި، 60،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަޔިދު މުބާރަކް ސަޔިދު ވަޖުހުއްދީން މައްޗަށް ދައުލަތުން ކުރީ ރާއްޖެ އަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާގައި ބުނެފައިވަނީ އޭނާ މިދިޔަ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު ހެނދުނު ރާއްޖެ އައިތަނުން އޭނާއާ މެދު ޝައްކުވެ އޭނާގެ ލަގެޖާއި ހަށިގަނޑު ޗެކްކުރި އިރު، ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ބެލެވިގެން ހައްޔަރުކުރި ކަމަށެވެ.
އޭނާގެ ހަށިގަނޑު އިތުރަށް ޗެކް ކުރުމަށް ކަސްޓަމްސްގެ ސްޕެޝަލް އޮޕަރޭޝަން ސެކްޝަނާ ހަވާލުކުރުމުން، އޭނާ ވަނީ އޭނާ ހަށިގަނޑުގައި ފޮރުވައިފައި ހުރި ތަކެތި އަމިއްލައަށް ނެގުމަށް އެއްބަސްވެފައެވެ. އެގޮތުން އޭނާ ބޮޑުކަމު ދިޔައިރު ތިން ބުލެޓު ރަން ވަނީ ބޭރުވެފައެވެ.
ދައުލަތުން ވަނީ އޭނާ އެތެރެ ކުރި ރަން ދައުލަތަށް ނަގައިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ސަޔިދު މުބާރަކް ސަޔިދު ވަޖުހުއްދީން ވަނީ އޭނާ ދިރުވައިލައިގެން ރާއްޖެއަށް ރަން އެތެރެކުރަން މަސައްކަތް ކުރި ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ. އަދި ދައުލަތުން ވަނީ އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދައިފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 60،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކޮށްފައެވެ.
ހަމައެހެންމެ އޭނާ ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ތިން ބުލެޓުގެ ރަން ދައުލަތަށް ނެގުމަށް ވެސް ޙުކުމުގައިވެއެވެ.