ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަނީ ފުރާނަ އަތްމައްޗަށް ލައިގެން ނުރައްކާތެރި މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ، ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އިސްމާޢީލް މަދީޙުގެ ކެމްޕެއިނު ހަރަކާތުގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝިޔާމް ރޭ ވިދާޅުވީ ރައީސް ޔާމީން "އިންޑިއާ އައުޓް" ކެމްޕެއިން ފެއްޓެވީ ގައުމުގެ ހާލަތު އޮތް ގޮތުން މަޖުބޫރު ވެގެން ކަމަށެވެ.

"ރައީސް ޔާމީން މިއަދު އެ ކުރައްވާ މަސައްކަތް. ގައުމު އޮތް ހާލަތު، ގައުމު ދަތުރުކުރަމުންދާ މިސްރާބު، މަޖުބޫރު ކުރުވީ މިއަދު ރައީސް ޔާމީން ގައުމެއްގެ ނަން [ޖައްސަވައިގެން]، ނަމާއެކީގައި އެ ގައުމުގެ ސިފައިން މި ތަނުން ބޭރު ކުރަން ޖެހޭ ކަމަށް ޓީޝާޓުގައި، މޭމަތިގައި ޖައްސަވަން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ގައުމުގެ ހައްގުގައި ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ ފަސޭހަ މަސައްކަތްޕުޅެއް ނޫން ކަމަށެވެ.

"ވަރަށް ނުރައްކާތެރި މަސައްކަތްޕުޅެއް އެ ކުރައްވަނީ، ފުރާނަފުޅު އަތްމައްޗަށް ލައްވައިގެން ކުރައްވާ މަސައްކަތްޕުޅެއް، ކޮންކަމަކާތޯ؟ މި ގައުމުގެ ރައްޔިތުންގެ ހައްގުގައި، މި ގައުމުގެ ހައްގުގައި ކުރައްވާ މަސައްކަތްޕުޅެއް އެ މަސައްކަތްޕުޅަކީ އެއީ،" ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ހިސާބަކަށް ބަލާލިނަމަވެސް، ދިވެހިން ތިބީ "މިނިވަންކަންމަތީ ނޫން ކަން" ހާމަވެގެން ދާނެ ކަމަށް ވިދާޅުވެ، ޝިޔާމް އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ހުރިހާ އަތޮޅެއްގައި ވެސް އެބަތިބި ކަމަށާއި އެހެންނަމަވެސް ތިބި އަދަދެއް އަންދާޒާ ކޮށްލަން ވެސް ނޭނގޭ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ކުރިން ސަރުކާރުން ބުނެފައިވީނަމަވެސް މިފަހުން މަޖިލީހުގެ ކޮމިޓީއެއްގައި އިންޑިއާ ސިފައިން ތިބި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

"ފަހުން މަޖިލީހުގެ ބައެއް ކޮމިޓީތަކަށް ހާޒިރުކުރެވުނީމާ އަދަދުތަކެއް ވެސް ވިދާޅުވި، އިންޑިއާ ސިފައިން އެބަ ތިބި ކަމަށް އެއްބަސްވެވަޑައިގެންނެވި ސަރުކާރުން، ދެން ވިދާޅުވީ އިންޑިއާ ސިފައިން ބައިތިއްބަން އެބަ ޖެހެޔޭ، ތިމަންނަމެންނަކަށް ބިހެއް ނުލިބެޔޭ، ފިޔައެއް ނުލިބެޔޭ، ހަނޑުލެއް ނުލިބެޔޭ، މިއީ ނޫންތޯ ދެއްކި ބަހަނާއަކީ،" ގައުމުގެ މިނިވަންކަމަށް ވުރެ ދެ ބިސް މުހިންމުތޯ ސުވާލުކުރައްވައި، ޝިޔާމް ވިދާޅުވިއެވެ.