މިންހާ ރޯން ފެށުމުން ޝިޒާން މަޑުމަޑުން މިންހާ ގެެނެސް މިންހާގެ ގައިގައި ބައްދައިލިއެވެ.

މިންހާވެސް ޝިޒާންއާ ދުރުވާކަށް ނޫޅުނެވެ. އޭނާ ހަމައަކަށް އެޅެންދެން ޝިޒާންވެސް މިންހާ ދޫނުކޮށް އިނެވެ.

"ސޮރީ..." ހިތްފުރޭވަރަށް ރޮއިލުމަށްފަހު، މިންހާ ދުރުވެލިއެވެ. އަދި މާފަށް އެދުނެވެ. މިންހާ ރުއި ސަބަބާ ބެހޭގޮތުން ޝިޒާން މިންހާއާ އެވަގުގު ސުވާލުކުރަން ބޭނުންނުވީ އޭނާގެ ފަރާތުން މިންހާއަށް އިތުރު ނުތަނަވަސްކަމެއް ލިބެން ބޭނުންނުވާތީއެވެ. މިންހާ އެގޮތަށް ރޯނީ ވަރަށް ބޮޑުކަމެއްވެގެންކަން ޝިޒާންއަށް އެނގެއެވެ. އޭނާ ޔޫލިންއާ ވާހަކަ ދައްކަންވީއެވެ.

"އިޓްސް އޯކޭ؟ މިންހާ އޯކޭތަ؟" ޝިޒާން ސުވާލުކޮށްލުމާއެކު މިންހާ ބޯ ޖަހައިލިއެވެ.

"ކީކުރަން ތިއައީ؟" މިންހާ ސުވާލުކޮށްލިއެވެ.

"މިންހާ ނުފެންނާތީ ދެކިލާހިތުން." ޝިޒާން މަޑުމަޑުން ބުނެލިއެވެ. މިންހާ އިތުރު އެއްޗެއް ނުބުނެއެވެ. ވެރިވެގެން ދިޔަ ހަމަހިމޭންކަން ފޫދުއްވައިލާ މިންހާ ވާހަކަ ދެއްކީ އިރުކޮޅެއްފަހުންނެވެ.

"އަހަރެން މާދަން ލީންމެން ގެއަށް ދާން މިއުޅެނީ." މިންހާ ބުނެލިއެވެ.

"އަހަރެން ކޮން އިރަކު މިންހާއަށް އެއްވެސް ތަނަކަށް ދާން މަނާކުރީ. އަހަރެން މަނާކުރި ހަމައެކަނި ކަމަކީ އާހިލްއާ ބައްދަލުކުރުން. އެއީ އޭނާއަކީ އެހާ ރަނގަޅު މީހެއްނޫންކަން އަހަންނަށް އެނގޭތީ." ޝިޒާން ބުނެލިއެވެ. ޝިޒާންއަށް އާހިލް އެނގެނީ ކިހިނެއްބާއޭ މިންހާގެ ހިތަށް އެރިއެވެ. އެހާވަރަށް އޭނާ އާހިލްއާ ބައްދަލުކުރާތީ ޝިޒާން ކަންބޮޑުވާނީ ގައިމު ބޮޑު ސަބަބެއް އޮވެގެންކަމުގައި މިންހާގެ ހިތް ބުނެލިއެވެ. އެހެންނަމަވެސް އެވަގުތު އެ ސުވާލު ޝިޒާންއާ ކުރާކަށް މިންހާއަކަށް ނުކެރުނެވެ. އޭނާ ބޭނުންވީ ފުރަތަމަ ޔޫލިން ދައްކާ ވާހަކައިގެ ހަޤީގަތް ބެލުމަށެވެ.

"ލީންއަށް އަހަރެންގެ ސަލާމް ބުނާތި އިނގޭ މާދަން ގޮސް..." ޝިޒާން މިންހާ ހަމައަކަށް އެޅުމުން ކޮންމެވެސް ވާހަކައެއް ދެއްކުމުގެ ނިޔަތުގައި ބުނެލިއެވެ.

"ދެންމެ ދިމާނުވޭތަ؟" މިންހާ ސުވާލުކޮށްލިއެވެ. އޭނާ ރުއީ ކީއްވެގެންތޯ އޮޅުންފޮލުވަން ޝިޒާން ނޫޅުމުން މިންހާވެސް ދެން އިތުރަށް އެކަމާ ގުޅުވާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ.

"ދިމާވިޔަސް މާދަމާ ވެސް ސަލާމް ބުނެވިދާނެއެއްނު." ޝިޒާން ހިނިތުންވެލިއެވެ. މިންހާގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އިރުކޮޅަކު މިންހާ ކައިރީގައި އިނދެފައި ޝިޒާން ދިޔުމުން މިންހާއަށް ޝިޒާންއާ މެދު ވިސްނެން ފެށިއެވެ. ޝިޒާން އޭނާގެ ހުރިހާ ޖެއްސުމަކަށް ކެތްކޮށްގެން އެ ހުންނަނީ ހަމަ ހަޤީގަތުގައިވެސް އޭނާ ދެކެ ހާދަލޯބިވާތީއޭ އޭނާގެ ހިތަށް އެރިއެވެ. އެހެންމީހަކު މިހާރު ފޫހިވެގެންވެސް އޭނާ ދޫކޮށްލަފާނެއެވެ.

މިންހާވެސް އެއްޗެހި ބަދަލުކޮށްގެން އައިސް އެނދުގައި އޮށޯވެލިއެވެ. އާހިލްގެ ފޯނު ކޯލެއް އޭނާއަށް ލިބުނު ނަމަވެސް، އޭނާއަށް އެ ފޯނު ކޯލު ނަގާނެހާ ހިތްވަރެއް ނުލިބުނެވެ. ވާހަކަ ދައްކަން ފަށާއިރަށް ރޮވޭނެކަން އޭނާއަށް ޔަޤީންވާތީއެވެ. އަދި އޭނާގެ އަތުގައި އާހިލްގެ ސުވާލުތަކަށް ދޭކެ ޖަވާބެއް ވެސް ނެތީތީއާ އެކުގައެވެ. މިންހާ ފޯނަށް ބަލަހައްޓައިގެން އޮއްވައި ފޯނު ރިންގްވެފައި ކެނޑުނެވެ. ފަސްވަރަކަށް ފަހަރު އާހިލް ގުޅިނަމަވެސް، މިންހާ ފޯނެއް ނުނަގައެވެ. ދެން އައީ މެސެޖެކެވެ. މިންހާ އެ މެސެޖު ހުޅުވާ ކިޔައިލިއެވެ. ބުނެފައިއޮތީ އޭނާ މިންހާ މަތިން ހަނދާންވާ ވާހަކައެވެ. ނިދީ ތޯ އަހާފައި ގުޑްނައިޓް މެސެޖެއް ވެސް ފޮނުވާފައި އޮތެވެ. މިންހާ ފޯނު ސައިޑް ކަބަޑުމަތީގައި ބޭއްވިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހިތް ދިޔައީ ބުނެދޭން ނޭނގޭ ބާރުމިނުގައި ތެޅެމުންނެވެ. އާހިލް ހަމައޭނާއަށް ބޭފަވާތެރިވެދާނެބާއޭ މިންހާގެ ހިތަށް އަރަމުން ދިޔައެވެ.

އެރޭގެ އެތައް ދަމެއް ފާއިތުވެގެން ދިޔައިރުވެސް، މިންހާއަށް ނިދޭގޮތެއް ނުވިއެވެ. ނިދިވަނީ އޭނާގެ ލޮލާ އެތައް ހާސްމޭލެއްގެ ދުރުގައެވެ. އެ ޚިޔާލުތައް ބައެއްފަހަރު އާހިލްއާ ދިމާލަށް މިސްރާބުޖަހާއިރު އަނެއްބައިފަހަރު އޭނާ ޝިޒާން މަތިން ހަނދާންވަނީއެވެ. މާ ބޮޑަށެވެ. ބައެއްފަހަރު އޭނާއަށް އަމިއްލަ ހިތާ ވެސް ސުވާލުކޮށްލެވެއެވެ. އޭނާ ޝިޒާން މަތިން އެވަރަށް ހަނދާންވަނީ ކީއްވެހެއްޔެވެ؟

އެރޭ ހަތަރު ދަމު ވިސްނުމުގައި ހޭދަ ކުރީތީ ހެނދުނު ތެދުވިއިރުވެސް އޭނާގެ ބޮލުގައި މަޑު ރިހުމެއް ހުއްޓެވެ. މިންހާ ފެންވަރާލައިގެން އެއްޗެހި ލައިގެން ޔޫލިންއަށް ގުޅައިލިއެވެ. ޔޫލިން ހޭލާ އުޅޭތީ މިންހާވެސް އޭނާ ދަނީކަމަށް ބުނެ ތައްޔާރުވެލިއެވެ. ކޮޓަރިން ނުކުތްއިރު ހަތްގަޑި ސާޅީސް ފަހެއް ވަނީއެވެ. މިންހާ ކޮޓަރިން ނުކުތްއިރު، ޝިޒާންވެސް ކޮޓަރިން ނުކުންނަނީއެވެ. އޭނާ ފެނުމާއެކު ޝިޒާން މަޑުޖެހިލިއެވެ. މިންހާ އެ ހިސާބަށް އަރާ ހަމަވުމުން ޝިޒާން ވަރަށް ފުންކޮށް މިންހާއަށް ބަލައިލިއެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރަތްވެފައިވާ މިންހާގެ ދެލޮލެވެ. މިންހާގެ މޫނުމަތީގައިވީ އަސަރުތަކުން ރޭގައި އެއްވެސް ވަރަކަށް މިންހާ ނުނިދާކަމުގައި ޝިޒާންއަށް ޔަޤީން ކުރެވުނެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރަން އުޅެފައިވެސް ޝިޒާން މަޑުޖެހިލިއެވެ. މިންހާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އެ މޫނުވަނީ މިލާފައެވެ. ދެލޮލުން ފެންނަނީ ހިތްދަތިކަމެވެ.

"ތި ދަނީތަ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"އާނ. ލީންމެންގެއަށް." މިންހާ ޖަވާބު ދިނެވެ.

"އަހަރެން ގެންގޮސްދީފާނަން..." ޝިޒާން ބުނެލިއެވެ.

"ލަސްވާނެއެއްނު. އޮފީހަށް ދާކަށްނު ތިދަނީ؟" ޝިޒާންއަށް ބަލައިލާފައި މިންހާ ބުނެލިއެވެ. ޝިޒާން ހުރީ ސޫޓުގައެވެ. އެ ފިރިހެންވަންތަކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.

"އާނ. އެކަމު މިންހާ އަހަންނަށް އެގެއަށް ޑްރޮޕް ކޮށްލަދެވިދާނެޔޭ. އެހެންނޫނަސް ރަސްމީ ދުވަހެއްނޫނޭ އޮފީހުގެ. މީޓިން އެއް އޮތީމަ މިދަނީ." ޝިޒާން ބުނެލިއެވެ. މިންހާ ބޯ ޖަހައިލިއެވެ.

"އެއްޗެއް ނުކައިތަ ދަނީ؟" ޝިޒާންއަށް ބަލައިލަމުން މިންހާ ސުވާލުކޮށްލިއެވެ. ޝިޒާންއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް މިންހާ ކޮށްފައިވާ ސުވާލަކަށް ނުވީމައެވެ. އޭނާއަށް ހައިރާންކަމާއެކު މިންހާއާ ދިމާލަށް ބަަލަން ހުރެވުނެވެ.

"އަމް. އަހަރެން މި ބުނީ އާއްމުކޮށް ދަނީ ކޮންމެވެސް އެއްޗެއް ކައިގެންނެއް ނޫންހޭ..." މިންހާ ދުރުބަލަމުން ވާހަކަ ދެއްކިއެވެ. ޝިޒާންގެ އެ ނަޒަރުން އޭކާއަށްވެސް އެއްޗެއް ފަހުމްވީއެވެ.

"ދެން އޮފީހަށް ގޮސްފަ ކޮފީއެއް ބޮއިލާނީ..." ޝިޒާން ހިނިތުންވެލިއެވެ.

ޝިޒާން މިންހާ ޔޫލިންމެން ގެއަށް ލައިދިނެވެ. ޔޫލިން ދޮރު ހުޅުވައިލުމާއެކު މިންހާ އެތެރެއަށް ވަދެލިއެވެ.

"ކޮންއިރަކުން ނުހާ އަންނާނީ؟" މިންހާއަށް ސުވާލުކޮށްލެވުނެެވެ.

"ނުހާ ބުނީ ކަމެއް ޖެހިގެންނޭ މިއުޅެނީ. އަންނާނަމޭ ނިމުނުހާ އަވަހަށް. " ޔޫލިން ބުނެލިއެވެ.

"ސައި ބޮއިގެންތަ ތިއައީ؟" ޔޫލިން މިންހާއާ ސުވާލުކޮށްލިއެވެ.

"ނޫން..." މިންހާ ބުނެލިއެވެ.

"އަހަރެން އެއްޗެއް ހަދަން މިއުޅެނީ."

"އެހެންތަ؟ ކޮބާ އައިހަމް؟ ޑިއުޓީގަ؟" މިންހާ ސުވާލުކޮށްލިއެވެ.

"އާނ." ޔޫލިން ކުރު ޖަވާބެއް ދިނެވެ. އެމީހުން ރޮށިފިހެ ބޭކެޑް ބީންސް ހަދައިގެން ސައި ބޮއި ނިމުނުއިރުވެސް ނުހާއެއް ނާދެއެވެ.

"ނުހާއަށް ގުޅާބަލަ!" މިންހާ ބުނެލިއެވެ. ޔޫލިން ގުޅިއިރު ނުހާ ފޯނެއް ނުނަގައެވެ. އިރުކޮޅަކުން ނުހާ ގުޅާފައިބުނީ އޭނާއަށް އާދެވޭނީ ހަވީރުކަމުގައެވެ.

"ދެން މިގޭގައި މަޑުކުރޭ." ޔޫލިން ބުނެލިއެވެ. މިންހާވެސް ގަސްތުކުރީ ހަވީރުވަންދެން އެގޭގައި މަޑުކުރާށެވެ.

*****

ނުހާ އެގެއަށް އައީ ހަވީރު ހަތަރުގަޑި ބައިވާން އުޅެނިކޮށެެވެ. އޭނާ މިންހާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އާހިލް އޭނާގެ އަންހެނުންނާ އެކީގައި ނަގާފައި ހުރި ފޮޓޯގެ އިތުރުން ނުހާއާ އެކީގައި ނަގާފައި ހުރި ފޮޓޯއާ ނުހާއަށް ފޮނުވާފައިހުރި މެސެޖްތަކާ ޗެޓް ލޮގްތައްވެސް ދެއްކިއެވެ. މިންހާގެ ދުނިޔެވެސް އެ ފުށް މުފުށަށް ޖެހުނުފަދައެވެ. އޭނާއަށް ހުރެވުނުތަން ވެސް ނޭނގުނެވެ މީހާގެ ބޮލަށްވެސް ފާޑަކަށް އެނބުރުން އަރަން ފެށިއެވެ. އާހިލްއަކީ ހާދަ ބޮޑު މަކަރުވެރިއެކެވެ. އޭނާއަށް އޮޅުވާލާފައި އެވަނީ ހާދަހާ ބޮޑަކަށެވެ. މިންހާއަށް ގިސްލާ ރޮވެން ފެށުނެވެ. އޭނާގެ ކައިރީގައި ތިބެ ނުހާއާއި ޔޫލިން މިންހާއަށް ހިތްވަރުދެމުން ދިޔައެވެ. އާހިލްފަދަ މީހެއްގެ ފަރާތުން ސަލާމަތްވީތީ މިންހާ މިއަދު އުފާކުރަން ޖެހޭކަމުގައި ޔޫލިން ބުނެލިއެވެ. އެތައް އިރެއްވީއިރުވެސް މިންހާ ހަމައަކަށް ނޭޅެއެވެ. ރޮއިރޮއި އޭނާގެ ދެލޯވެސް ދުޅަވިއެވެ. އެ ހުރިހާއިރު އޭނާގެ ކައިރީގައި ޔޫލިން ހިތްވަރުދޭން ނެތްނަމަ މިންހާގެ ހާލަކޯ ކޮބައިކަމެއްވެސް ނޭނގެއެވެ.

މިންހާގެއަށް ދިޔައީ ރޭގަނޑު އަށެއް ވެސް ޖަހަން އުޅެނިކޮށް ޓެކްސީއެއްގައެވެ. ޓެކްސީގައި އިންއިރުވެސް އޭނާއަށް ކޮންމެވެސް ވަރަކަށް ރޮވެމުންދިޔައެވެ. އެތައް ފަހަރަކު އޭނާއަށް ފޯނަށް ބެލެއެވެ. އާހިލްގެ މިސްވެފައިވާ އެތައް ކޯލެއް ވެއެވެ. ގޭގެ ގޭޓުން ވަނުމާއެކު އަނެއްކާވެސް މިންހާގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާ ރޮމުން ރޮމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެދިޔަ ގޮތަށް ގޮސް އޭނާ އެރީ މައްޗަށެވެ. ސޯފާގައި އިން ޝިޒާންއަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ. އޭނާ މިންހާއަށް ގޮވައިލަންވެސް ގޮވައިލިއެވެ. މިންހާ ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އަރަން ހަދައިގެން ކަހާލައިގެން ނުވެއްޓުނީވެސް ކިރިޔާއެވެ.

މިންހާ ކޮޓަރިއަށް ވަނުމާއެކު އޭނާއަށް ޓައިލްސްތަކު މައްޗަށް ތިރިވެވުނެވެ. ގިސްލާފައި އޭނާއަށް ރޮވެން ފެށުނެވެ. މުޅި މީހާގެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރުއެޅުމެއް އުފެދިގެން ދިޔައެވެ. މޭގައި އުފެދުނު ތޫނު ރިހުން އޭނާގެ މޫޅި ހަށިގަނޑު ހިޞާރުކުރަމުން ދިޔައެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރުގައި ލެނގިގަނެވުމާއެކު ދެ ކަކޫ ގެނެސް މޭގައި ބޮނޑިކޮށްލުމާއެކު މޫނު ދެ އަތުގެ ތެރޭގައި ފޮރުވައިލިއެވެ. މިންހާގެ އަމަލުތައް ހުރީ ތަޙައްމަލް ކުރަން ދަތި ވޭނެއްގައި އުޅޭ ފަދައަކުންނެވެ. އޭނާއަށް ޝިޒާން މަތިން ވެސް ހަނދާންވާން ފެށިއެވެ. އޭނާއަށް ކަންތައްކުރެވުނު ގޮތްތައް ވިސްނު ދެރަވާން ފެށިއެވެ. އާހިލްގެ ބޭވަފާތެރިކަން އޭނާގެ އަރުބުޑުގައި ރަނގަޅަށްވެސް ހިތި ރަހަ ލައްވާލައިފިއެވެ.

ޝިޒާން ދޮރު ހުުޅުވައިލިއިރުވެސް، މިންހާ އިނީ އެގޮތަށެވެ.

"މިންހާ...." ކަންބޮޑުވުމާއެކު ޝިޒާންއަށް ބާރު ބާރަށް މިންހާއާ ދިމާލަށް ދެވުނެވެ.

އޭނާ ކަކޫ ޖައްސާލައިގެން މިންހާއާ ދާދިގާތުގައި އިށީނދެލިއެވެ.އެއަށްފަހު ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވޭތޯ މަސައްކަތް ކުރިއެވެ.

"އަހަރެން....." މިންހާއަށް ގިސްލެވޭ ވަރުން ވާހަކަދެއްކޭ ގޮތެއްނުވިއެވެ. އޭނާއަށް ޝިޒާންއަށް ބަލައިލާފައިވެސް ނަޒަރު ދުރުކޮށްލެވުނެވެ. މިންހާގެ ލޮލުގައިވީ ކަރުނައިގެ އަސަރުން ޝިޒާންގެ ހިތަށް ތަދުވިއެވެ. އޭނާ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން އުޅުނުނަމަވެސް މިންހާގެ ފަރާތުން އެއްވެސް އެއްޗެއް އޮޅުން ފިލާގޮތެއްނުވިއެވެ. އޭރުވެސް މިންހާ ދިޔައީ ހުއްޓާނުލާ ރޮމުންނެވެ. ޝިޒާން މިންހާ އޭނާގެ ގަޔާ ކައިރިކޮށްލަން އުޅުމުންވެސް މިފަހަރު މިންހާ އެ ފުރުސަތެއް ޝިޒާންއަކަށް ނުދިނެވެ. އޭނާ ޝިޒާން ދުރުކޮށްލިއެވެ.

"ދޭ... މިތަނުން ދޭ...." ހަޤީގަތުގައި މިންހާ ބޭނުންވަނީ ޝިޒާންގެ ގާތުގައި ހުންނަން ނަމަވެސް، މިވަގުތު އޭނާގެ ދުލުން ބަސްތައް ނުކުތީ ދިމާ އިދިކޮޅަށެވެ. މިންހާ ހުއްޓާނުލާ ރޮމުން ދިޔުމުން ވީގޮތެއް ނޭނގި ޝިޒާން ކަންބޮޑުވިއެވެ. އޭނާ އެތަނުން ފޮޮނުވައިލަން އުޅޭތީ ޝިޒާން ހީކުރީ މިންހާ އަދިވެސް އޭނާއާ އެކު އުޅެން ބޭނުންނުވަނީކަމުގައެވެ. މިންހާ އެގޮތަށް ރޯތީ ޝިޒާން ހީކުރީ އޭނާއާއެކު އުޅެން ޖެހޭތީ މިންހާ މާ ބޮޑަށް ދެރަވަނީކަމުގައެވެ. އެހެންކަމުން ފުންނޭވާއެއްލާ އަމިއްލަ ހިތުގައި އަތް އެޅުމަށްފަހު ޝިޒާން ވާހަކަ ދެއްކިއެވެ.

"ތި ގޮތަށް ނުރޮއި މިންހާ. މިންހާ ތިގޮތަށް ރޯތަން ބަލާކަށް އަހަންނަކަށް ކުޅަދާނެއެއް ނުވާނެ. އަހަރެން މިންހާ އެދޭ ގޮތަށް ކަންތައް ކޮށްދޭނަން..."

(ނުނިމޭ)