އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކުލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ޔޫވީ އިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ގްރީންގެ މައްޗަށް ޔޫވީ އިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ޔޫވީން އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުން ވަނީ ދަ ގްރާންޑޭ ބަލިކޮށްފައެވެ. ގްރީން ސްޓްރީޓްސް އިން ވަނީ ވެލެންސިއާ ބަލިކޮށް އެ ޓީމުގެ ރެކޯޑަށް ނިމުން ގެނެސްފައެވެ.

މެޗު ފަށައިގެން ވެސް ދެ ޓީމުންވެސް ވަނީ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ގްރީންގެ ހަސަން ނަޒީން ގާސިމް (ޗޯޓު) ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު އަހުމަދު އަނަފް ޒަރިޔަންު ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޔޫވީގެ އަލީ ހަމްދާންއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ގްރީންގެ އޭރިޔާ ތެރެއިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގްރީންގެ ކީޕަރު ސާގިބުގެ އަތަށެވެ.

ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޔޫވީން ވަނީ މެޗުގެ ހަމައެކަނި ލަނޑު ޖަހާފައެވެ. ގްރީންގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް އެ ޓީމުގެ ގޯލުގެ ކަނަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ އިވާން ވެރާސްއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގްރީންއަށް ވަނީ މެޗުގެ 77 ވަނަ މިނެޓުގައި ފުރުސަތެއް ލިބިފައެވެ. ޗޯޓު ހުރަސްކޮށްލި ބޯޅައެއް އެ ޓީމުގެ އަވީލާ ބޮލުން ފޮނުވާލި ނަމަވެސް ބޯޅަ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ.

ފުރަތަމަ ލަނޑަށް ފަހު ވެސް ޔޫވީގެ ފޯވާޑު ލައިނުން ދިޔައީ އިތުރު ހަމަލާތަކެއް ފޮނުވަމުންނެވެ. އެ ޓީމުގެ ފޯވާޑުންގެ ހަމަލާތަކުގެ ހުރަހަކަށްވީ ގްރީންގެ ޑިފެންޑަރުންނެވެ.

މިރޭގެ މެޗު ނިމުނީ 1-0 އިން ޔޫވީއިން މޮޅުވެގެންނެވެ.

ލީގުގައި މާދަމާ ހަވީރު ކުލަބް އީގަލްސް ނިކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް(ސަސް) އާ ދެކޮޅަށެވެ. އަދި މާދަމާ ރޭގެ މެޗުގައި ޓީސީ ނިކުންނާނީ މާޒިޔާ އާ ދެކޮޅަށެވެ.