ޤައުމީ ތާރީޚް ދުވަސް ފާހަގަކުރުމަށް ދިވެހި ބަހުގެ އެކެޑަމީން ސްކޫލްތަކާއި ކޮލެޖްތަކަށް ގަޑިއެއް ނަގައިދީފިއެވެ.

މި ސެޝަން ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީ)ގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު ރާއިދެވެ.

ދިވެހި ބަހުގެ އެކެޑަމީން ސްކޫލްތަކާއި ކޮލެޖްތަކަށް ކުރިއަށްގެންދިޔަ ސެޝަންގައި ބައިވެރިވި ސްކޫލު ދަރިވަރުން

ރާއްޖޭގެ ފަސްދޮޅަސް ވަރަކަށް ސުކޫލުން ދެހާހެއްހާ ދަރިވަރުން ބައިވެރިވި އެ ސެޝަންތައް ރޭ ނަންގަވައިދެއްވީ އެމްއެންޑީއެފްގެ ކޮމާންޑް ސާޖަންޓް މޭޖާ ޢަބްދުﷲ ސަޢީދެވެ.

ޢަބްދުﷲ ސަޢީދު ވަނީ ރާއްޖޭގެ ރަށްރަށުގައި ހުރި ތާރީޚީ ބިނާތަކާއި ތަންތަނުގެ މައުލޫމާތުތައް ދަރިވަރުންނާ ހިއްސާކޮށްދެއްވާފައެވެ. އަދި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ހުރި ތާރީޚީ ބިނާތަކާ ބެހޭ މައުލޫމާތުތައް ދަރިވަރުންނާ އޭނާ ހިއްސާކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީން ފެށިގެން ހއ. ބާރަށާ ދެމެދު ގައި ހުރި ރަށްރަށުގައި ހިމެނޭ ތާރީޚީ ތަންތަނުގެ އިހުގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތައް ދަރިވަރުންނަށް ދައްކައި އެތަންތަން ބިނާކުރެވުނު ސަބަބުތައް އޮޅުންފިލުވައިދީ އެތަންތަނާ ބެހޭ މުހިންމު އިތުރު މައުލޫމާތުތައް އޭނާ ހިއްސާކުރެއްވިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ސްކޫލްތަކާއި ކޮލެޖްތަކަށް ކުރިއަށްގެންދިޔަ ސެޝަންގައި ބައިވެރިވި ސްކޫލު ދަރިވަރުން

އެ ސެޝަނުގައި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ އިތުރުން ބައެއް ކޮލެޖުތަކުން ވެސް ބައިވެރިވެފައިވެއެވެ.

ޝަރަފުވެރި މެހެމާން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ރާއިދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތާރީޚާއި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅިލާމެހިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި ރާއްޖޭގެ ތާރީޚީ ތަންތަން ފަތުރުވެރިންނަށް ދައްކައި އެތަންތަނުގެ މުހިންމުކަން އަންގައިދީ ފަތުރުވެރިންގެ ސަމާލުކަން އެކަމަށް ހުއްޓުވުމަށް ބާރުއެޅުއްވިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ސްކޫލްތަކާއި ކޮލެޖްތަކަށް ކުރިއަށްގެންދިޔަ ސެޝަންގައި ބައިވެރިވި ސްކޫލު ދަރިވަރުން

ރާއިދު ވިދާޅުވީ ފަތުރުވެރިންނަށް ދެއްކޭނެ ވަރަށް ގިނަ ތާރީޚީ ތަންތަން ރާއްޖޭގައި އެބަހުރި ކަމަށާއި އެކަން ނިމިދިޔަ ސަވާދީއްތަ ދަތުރުން ވެސް އެނގުނު ކަމަށެވެ.

އެ ސެޝަންގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި ތާރީޚީ މިފަދަ ބިނާތަކާބެހޭ އިތުރު ދިރާސާތައް ހަދައި އެ ދިރާސާތަކުގެ އަލީގައި ރާއްޖޭގެ ކުރިމަގު ބިނާކުރުމަށް ބާރުއެޅުމަށް ގޮވާލެއްވިއެވެ. އަދި ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުން މިފަދަ ސެޝަނަކަށް ދެއްވި ތަރުހީބާ މެދު އެފަރާތްތަކަށް ޝުކުރު އަދާކުރައްވައި މިފަދަ ދެވަނަ ސެޝަނެއް ކުރިއަށްގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ސްކޫލްތަކާއި ކޮލެޖްތަކަށް ކުރިއަށްގެންދިޔަ ސެޝަންގައި ބައިވެރިވި ސްކޫލު ދަރިވަރުން

އަލްޣާޒީ ޙަސަން ތާޖުއްދީނަށް ޚާއްސަކޮށް ފާހަގަކުރާ ޤައުމީ ތާރީޚު ދުވަސް ފާހަގަކުރާ މިއީ ފަސްވަނަ އަހަރެވެ. މި އަހަރުގެ ޤައުމީ ތާރީޚު ދުވަހުގެ ޝިޢާރަކީ "ދިވެހި ތާރީޚާއި ފަތުރުވެރިކަން"އެވެ. މިއަހަރުގެ ޝިޢާރު ކަނޑައެޅީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެންނެވެ. ރާއްޖޭގެ ތާރީޚަކީ ފަތުރުވެރިކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ އެއްޗެއްކަން އެ ޝިޢާރުން ބުނެދެއެވެ.