14 Mar 2012, 11:42
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި އެވެ.
އެ ގޮނޑިއަށް ވާދަކުރާ ތިން ކެނޑިޑޭޓުންގެ ނަންތައް ވެސް ތަރުތީބުކޮށްފައި ވަނީ ގުރުއަތުންނެވެ.
ކެންޑިޑޭޓު ނަންބަރު 1 ލިބިފައި ވަނީ ތިމަރަފުށީ ގޮނޑި ކުރިން ވެސް ފުރުއްވި އެމްޑީޕީގެ މުހައްމަދު މުސްތަފާއަށެވެ. ކެންޑިޑޭޓް ނަންބަރު 2 ލިބިފައި ވަނީ ޕީއޭގެ ކުރީގެ ސެކަޓަރީ ޖެނަރަލް އަދި އިލެކްޝަންސް ކޮމިޝަންގެ ވެސް ސެކަޓަރީ ޖެނަރަލްކަން ކުރައްވާފައިވާ ޕީޕީއެމްގެ އަހްމަދު ޝަރީފް އަށެވެ. އަދި ކެންޑިޑޭޓް ނަންބަރު 3 ލިބިފައި ވަނީ އަމިއްލަ ގޮތުން ތިމަރަފުށީ ގޮނޑިއަށް ވާދަކުރައްވާ އަބްދުއްރަޝީދު އަބްދުﷲ އަށެވެ.
ތިމަރަފުށީ ބައި އިލެކްޝަނަށް އިއުލާން ކުރުމުން ހަތަރު މީހަކު ކުރިމަތިލި އެވެ. ނަމަވެސް ފަހުން ވަނީ އެކެއްގެ ނަން އަނބުރާ ގެންގޮސްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 14ގަ އެވެ. އަދި ހަމަ އެ ދުވަހު ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ވެސް ބޭއްވުމަށް ނިންމާފައިވެ އެވެ.