ޔޫކްރެއިނުގެ ރައީސްގެ ހިތްވަރަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ތައުރީފުކުރައްވައިފިއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނގުރާމައިގެ ތެރޭގައި ހަތިޔާރު ދޫނުކޮށް ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ކުރައްވާ ހިތްވަރަށް ތައުރީފު ހައްގުވާކަމަށެވެ.

އެގޮތުން ޒެލެންސްކީ ވަނީ ޔޫކުރެއިނުގެ ދިފާއުގައި ހަނގުރާމަކުރަން ބޭނުންވާ އާންމުންނަށް ހަތިިޔާރު ފޯރުކޮށްދޭނެކަމަށް ވެސް ވިދާޅުވެފައެވެ.

މީގެއިތުރުން ޒެލެންސްކީ ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުން ކުށްވެރިކޮށް، މުޒާހަރާ ކުރުމަށް ރަޝިއާގެ ރައްޔިތުންގެ ކިބައިންވެސް އެދިފައެވެ.

ރަޝިއާއިން ޔޫކުރެއިނަށް ދިން ހަމަލާގެ ބަދަލުގައި 600 މިލިއަން ޑޮލަރު ދޭން އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަދު އަމުރުކުރެއްވިއެވެ. އަދި އެމެރިކާއިން އަބަދުވެސް ޔޫކްރެއިނާއެކު ތިބޭނެކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ދެއްވާފައިވެއެވެ. ނަމަވެސް ޒެލެންސްކީ ވިދާޅުވީ ހަނގުރާމައަށް ނުކުންނަން ޖެހުނީ ގިނިކަންޏާ ކަމަށެވެ.