26 Feb 2022, 16:42
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާ އައްޑޫ އަކީ އަބަދުވެސް ގިނަ ބަޔަކު އެތަނަށް ޒިޔާރާތް ކުރާ ސިޓީއެކެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހާ ޖެހެންދެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޑޮމެސްޓިކް ދަތުރުތައް ކުރަމުން އައީ އެންމެ އެއާލައިނަކުންނެވެ.
އެ ދުވަހުގެ 13:15ގައި އެ އެއާޕޯޓަށް ޖެއްސި މަންތާ އެއާގެ ފްލައިޓާއެކު، އެކަން ބަދަލުވިއެވެ. އައްޑޫގެ ގިނަ ވިޔަފާރިތަކާއި އާންމުން ފާހަގަކުރާ ގޮތުގައި، މަންތާގެ ދަތުރުތަކާ އެކު އެ ސިޓީއަށް ދަތުރުކުރުމަށް އިތުރު ފަސޭހަތަކެއް އަންނާނެއެވެ.
މަންތާގެ އަމާޒަކީ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން
މަންތާ އެއާގެ ސީއީއޯ މުޙައްމަދު ޚަލީލް ވިދާޅުވީ އެ އެއާލައިނަކީ ޚިދުމަތް ހޯދާ މީހުންނަށް ލުއި ފަސޭހަ ގޮތް ހޯދައިދިނުމަށް މަސައްކަތްކުރާ އެއާލައިނެއް ކަމަށެވެ.
އެގޮތުން، މަންތާގެ ފްލައިޓުތަކަކީ، ޖާގަ ތަނަވަސް ފްލައިޓުތަކެއް ކަމަށާއި، އަދި ފްލައިޓުގައި ދެވޭ އެކި ޚިދުމަތްތައް ދިނުމުގައި ވެސް ދަތުރުވެރިންގެ ފަސޭހައަށް ވިސްނާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަންތާ އެއާއިން އައްޑޫއަށް ދަތުރުކުރި ފުރަތަމަ ފްލައިޓް، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި --- ސަންފޮޓޯ
މީގެ އިތުރުން ޓިކެޓު ހޯދުމުގައި ވެސް ގިނަ ފަސޭހަތަކެއް އެ އެއާލައިނުން ފޯރުކޮށްދޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"މަންތާގެ އެންމެ ބޮޑު އަމާޒަކީ އޮން ޓައިމް ޚިދުމަތެއް ފޯރުކޮށް ދިނުން. ގުޅައިގެންނާ އެކި ގޮތްގޮތުން ސީޓު ހޯދަން ނުޖެހުން. ކަސްޓަމަރެއް ބޭނުން ވެއްޖެއްޔާ ހަމަ އޮންލައިންކޮށް ޓިކެޓު ހޯދާލައިގެން އައިސް ޗެކިން ވާންވީ. އެއީ މަންތާގެ ތަފާތަކީ،" ޚަލީލް ވިދާޅުވިއެވެ.
އެހެން އެއާލައިންތަކުގެ ޚިދުމަތަށް ވެސް ހެޔޮ ބަދަލެއް
ވާދަވެރި ވިޔަފާރިތައް އުފެދުމަކީ، އަބަދު ވެސް ބާޒާރުގައި ހުރި ހުރިހާ ވިޔަފާރިތަކުގެ ޚިދުމަތަށާއި އަގަށް ހެޔޮބަދަލުތަކެއް ގެނުވާ ކަމެކެވެ. މަންތާގެ ދަތުރުތަކާއެކު އައްޑޫއަށް ދަތުރުކުރާ އެހެން އެއާލައިންތަކުގެ ޚިދުމަތްތައް ވެސް ރަނގަޅު ވަމުން އަންނާނެކަމަށް ގިނަބަޔަކު ގަބޫލުކުރަނީ މިހެންވެއެވެ.
އައްޑޫގައި ގިނަ ވިޔަފާރިތަކެއް ހިންގާ ތްރީ އެސް ކުންފުނީގެ ބިޒްނަސް ޑިވޮލޮޕްމަންޓް މެނޭޖަރު މުޙައްމަދު ޝާއިޒް ވިދާޅުވީ މިއީ ފަތުރުވެރިންނަށާއި، އެހެނިހެން ދަތުރުވެރިންނަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
"ދެ ފަރާތެއް އައިމަ އެ ވާދަވެރިކަމުގެ ތެރެއިން ޓޫރިސްޓުންނަށް ވެސް އަދި، އިތުރު ޝެއާ ހޯލްޑަރުންނަށް ވެސް އިތުރު ފުރުސަތު ތަކެއް، އިތުރު އޮފާތަކެއް ލިބޭނެ ކަމެއް އެއީ،" ޝާއިޒް ވިދާޅުވިއެވެ.
މިހާރު ވެސް އެހެން އެއާލައިނުގެ ޚިދުމަތްތައް ރަނގަޅު ވާ މަންޒަރު ފެންނަމުން އެބަ އާދެއެވެ. އެގޮތުން މޯލްޑިވިއަންގެ އެއާބަސް ދަތުރުތައް އައްޑޫއަށް ފެށިއިރު، ހަފްތާ ބަންދަށް ހާއްސަ ޕްރޮމޯޝަނެއް ވެސް އެ އެއާލައިނުން ވަނީ ތައާރަފުކޮށްފައެވެ.
އައްޑޫގެ ފަތުރުވެރިކަމަށް ކުރިއެރުމެއް
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މަންތާގެ ދަތުރުތަކާއެކު، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އައްޑޫ އިސްތިހާރު ކުރުމަށް ފަސޭހަވާނެ ކަމަށެވެ.
"މަންތާއިން މިވަނީ ހުވަދޫ އާވެސް ކަނެކްޝަނެއް ލިބޭނެ ގޮތް ހަދައިދީފައި. އެހެންވީމަ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ވެސް ލިބޭ އިތުރުކުރިއެރުމެއް މިއީ،" ނިޒާރު ވިދާޅުވިއެވެ.

މަންތާ އެއާއިން އައްޑޫއަށް ދަތުރުކުރި ފުރަތަމަ ފްލައިޓަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުން ---
ތްރީ އެސް ކުންފުނީގެ މެނޭޖަރު ޝާއިޒް ވެސް ވަނީ ފަތުރުވެރިން ގެނައުމުގައި ކަނެކްޓިވިޓީގެ ދަތިކަން އޮތްކަން ފާހަގަކުރައްވާފައެވެ. އެ ކުންފުންޏަކީ "ވޭވް ސައުންޑް"ގެ ނަމުގައި ގެސްޓްހައުސެއް ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ.
"އެއް ކެރިއާ އޮތީމަ ކަނެކްޝަންސް ނުލިބި އެބަދޭ ގިނަ ފަހަރަށް. އޭގެ ސަބަބުން ބައެއް ގެސްޓުން ވެސް ކެންސަލް ކުރަން އެބަޖެހޭ،" ޝާއިޒް ވިދާޅުވިއެވެ.
ޝާއިޒް ގަބޫލުކުރައްވާ ގޮތުގައި މަންތާގެ ދަތުރުތައް ފެށުމަކީ އެކަމަށް ވެސް ލިބުނު ކުރިއެރުމެކެވެ.
ގަން އެއާޕޯޓަށް ގިނަ އެއާލައިންތަކަކުން ޑޮމެސްޓިކް ދަތުރުތައް ފެށުމަކީ ގިނަ ބަޔަކު ކުރި އުންމީދެކެވެ. މަންތާގެ ދަތުރުތަކާއެކު، އެ އިންތިޒާރަށް ނިމުމެއް އައިސް، އެ ސިޓީގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އައު އުންމީދެއް ވަނީ ގެނެސްދީފައެވެ.