ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށް ގަބޫލުކުރާކަމަށާއި ނަމަވެސް ތާރީހުގެ ތެރެއަށް މެސީ އަށް ވަދެވޭނީ ބައިނަލްއަގްވާމީ ކާމިޔާބީތަކެއް ހޯދައިގެން ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހު ބެޔާން ލެވަކޫސަން ކޮޅަށް ކާމިޔާބުކުރި ފަސް ލަނޑާއެކު މެސީ ވަނީ ރެކޯޑެއް ހަދާފަ އެވެ. މި ރެކޯޑާއި އެކު، މެސީ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ.

"މެސީ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު މެރަޑޯނާ ނޫނީ ޒިދާން ފަދަ ތަރިއަކަށް ވާން ބޭނުންނަމަ، ގައުމީ ޓީމުގެ ކާމިޔާބު ހޯދަން މެސީ އަށް މަޖުބޫރު ވާނެ. އެ ދެކުޅުންތެރިން އެއީ ހަގީގީ ތަރިން. އާޖެންޓީނާ އާއެކު ވޯލްޑް ކަޕެއް ކާމިޔާބުނުކުރާހާ ހިނދަކު މެސީ އަކީ ހަގީގީ ތަރިއެއް ނޫން." ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް އެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ ތިން ފަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެ، ތިން ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.